10 Jun 2013, 23:10
ވިކްޓަރީ ސްޕޯޓްސް ކުލަބުގެ ތުރުކީ ގޯލްކީޕަރު ލެވަންޓް ވަންލީ، އެކުލަބުން ރިލީޒް ހޯދުމަށް އެދިފައިވާނެ ކަމަށް އޭނާ ބުނެފި އެވެ.
ސަންއާ ވާހަކަ ދައްކަމުން ލެވަންޓު ބުނީ، ކުލަބުން ރިލީޒް ހޯދަމަށް އެދުނީ އޭނައާ މެދު ތަފާތު ކުރުންތަކެއް ކުލަބުން ގެންގުޅޭތީ ކަމަށާއި ފާއިތުވި ދެ މަސްދުވަހުގެ މުސާރަ ވެސް ދީފައި ނުވާކަމަށެވެ.
"ކުލަބުގެ މެނޭޖްމަންޓުން ވެސް އަހަރެންނާ މެދު ކަންތައްކުރަނީ ރަނގަޅަކަށްނޫން. ފާއިތުވި ދެ މަސް ދުވަހުގެ މުސާރާ އަދިވެސް ނުލިބެ. ކުލަބުން މުސާރަ ލިބުން ލަސްވާތީ ނުހަނު އުނދަގޫވޭ. އަހަރެން މާލެއައީ ވެސް އަމިއްލަ ރުފިޔާގައި. އެކަމަކު މެނޭޖްމަންޓުން ކުރީން ބުނީ މާލެއައުމަށް ހޭދަވި ރުފިޔާ ދޭނަމޭ،" ލެވަންޓު ބުންޏެވެ.
ލެވަންޓު ބުނީ، މިހާރުވެސް ރާއްޖޭގެ ދެ ކުލަބަކުން އޭނައާ ވާހަކަ ދައްކަމުން އަންނަ ކަމަށާއި އެހެން ނަމަވެސް އަދި އެކަމާ ގޮތެއް ނިންމަން ބޭނުން ނުވަނީ ޖަރުމަނު ވިލާތުގެ ތިން ވަނަ ޑިވިޒަންގެ ޓީމަކުން ވެސް އޭނައާ ވާހަކަ ދައްކަމުން އަންނާތީވެ ކަމަށެވެ. އެހެންނަމަވެސް ލެވަންޓާ ވާހަކަ ދައްމުން އަންނަ ކުލަބުތަކުގެ ނަންތަކެއް އޭނަ ހާމަ ކޮށްފައެއް ނުވެއެވެ.
"ރާއްޖޭގެ ދެ ކުލަބެއްގެ އިތުން ޖަރުމަން ޓީމަކުން ވަސް އަންނަނީ އަހަރެންނާ ވާހަކަ ދައްކަމުން. ޖަރުމަނުން އަހަރެންނާ ވާހަކަ ދައްކަނީ އެގައުމުގެ ތިން ވަނަ ޑިވިޒަންގެ ޓީމެއް،" ލެވަންޓު ބުންޏެވެ.
ސީޒަންގެ ކުރީކޮޅުވެސް ވިކްޓަރީގެ ފަރިތަކުރުންތަކުގައި ބައިވެރި ނުވާން ދެކޮޅުހެދި ލެވަންޓު ބުނީ، ކުލަބުގެ ކޯޗް ގޮފާގެ ނިންމުންތަކާ މެދުވެސް ބައެއް ފަހަރު ހިތް ހަމަ ނުޖެހޭ ކަމަށެވެ.
ވިކްޓަރީގެ ކޯޗް ގޮފާ މިއަދު ބުނީ، ލެވަންޓަކީ މޮޅު ގޯލްކީޕަރެއް ކަމަށާއި އެހެން ނަމަވެސް ބައެއް ފަހަރު އޭނަގެ މިޒާޖް ހުންނަގޮތުން އެހާ ހިތްހަމަ ނުޖެހޭ ކަމަށެވެ.
"ލެވަންޓަކީ މޮޅު ކީޕަރެއް. އެކަމަކުވެސް އޭނަގެ މިޒާޖް ހުންނަގޮތުން އެހާ ހިތްހަމަ ނުޖެހޭ. އަބަދުވެސް ކޮންމެ ވެސް ސަކުވާއެއް ކުރުމުގަ އޭނަ އުޅެނީ. ގިނަފަހަރަށް ކުޑަކުދިންގެ ހިޔާލްވެސް ގެންގުޅޭނެ. ޓީމްގެ ފަރިތަކުރުން ތަކުގައި ވެސް އޭނަގެ ގިނަ ފަހަރަށް ހޫންނާނީ ކޮންމެ ވެސް ކަމަކާ ރުޅިއައިސްފަ،" ކޯޗް ގޮފާ ބުންޏެވެ.
ވިކްޓަރީގެ އިސް އޮފިސަލަކު ބުނީ ކުލަބުން ރިލީޒް ހޯދުމަށް ލެވަންޓު އެދިފައި ވީނަމަވެސް އެކަމާމެދު މިހާތަނަށް ގޮތެއް ނިންމާފައި ނުވާ ކަމަށެވެ. އޭނާ ދޫކޮށްލުމުގެ ވިސް ނުމެއް އަދި އެ ކުލަބުން ނުގެން ގުޅޭ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
ސަން އަށް އެނގިފައިވާ ގޮތުން ދިރާގު ދިވެހި ލީގުގައި މާދަމާ ވެލެންސިއާއާ ދެކޮޅަށް ވިކްޓަރީ ކުޅޭމެޗުގައި ލެވަންޓުގެ ބަދަލުގައި ނިކުންނާނީ މިދިޔަ ހުކުރު ދުވަހު ޕްރެޒެންޓަރުންނާއި ފިލްމީތަރިން ކުޅުނު އެކުވެރިކަމުގެ މެޗުގައި ޕްރެޒެންޓަރުންގެ ޓީމަށް ކުޅުނު ކީޕަރު ހަސަން ފައިރޫޒެވެ. އޭނާ އަކީ އީގަލްސް އާއި އޭވައިއެލް އަށް ވެސް މީގެ ކުރިން ކުޅެފައިވާ ކީޕަރެކެވެ.