10 Jun 2013, 21:45
މޯލްޑިވްސް ޑިމޮކްރެޓިކްޕާޓީ (އެމްޑީޕީ) އާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާ އެކު ދުވަހަކު ވެސް ކޯލިޝަނެއް ނަހަދާނެ ކަމަށާއި އެއްވެސް އެހެން ޕާޓީއަކާ އެކު ވެސް ކޯލިޝަނެއް ހަދަން ނުވެސް ވިސްނާ ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ނައިބު ރައީސް އަދި ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ "މެނިފެސްޓޯ އޮޑި" ކެމްޕެއިން ދަތުރުގައި ހއ. އަތޮޅަށް ފުރުމުގެ ކުރިން ރަސްމީ ފާލަމުގައި ހުންނަވައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަލީ ވަހީދު ވިދާޅުވީ ރައީސް ނަޝީދުގެ ސަރުކާރު ގަދަބާރުން ވައްޓާލި އެއްވެސް ބަޔަކާ އެކު އެ ޕާޓީން ދުވަހަކު ވެސް ކޯލިޝަނެއް ނަހަދާނެ ކަމަށާއި އަދި ކޯލިޝަނަކާއި ނުލާ އެކަނި ނުކުމެ މި އަހަރުގެ ރިޔާސީ އިންތިޚާބު އެއްބުރުން އެޕާޓީ ކާމިޔާބު ކުރާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
"އަޅުގަނޑުމެން އެއްވެސް ވަރަކަށް ކޯލިޝަނަކާ ދޭތެރޭ ނުވިސްނަން. ގަދަކަމުން ވެރިކަމަށް އަރާ ތިބި އެއްވެސް ބަޔަކު ރަނގަޅީ އަޅުގަނޑުމެންގެ އަތުގައި ނިހިފިއްޔާ. އަޅުގަނޑުމެން ޕާޓީގެ އެއްވެސް މީހަކު ބޭނުމެއް ނުވޭ އެފަދަ ބަޔަކާ އެކު ކޯލިޝަނެއް ހަދާކަށް. އަޅުގަނޑުމެންގެ އަތުގައި ފުދޭވަރަށް ރައްޔިތުން އެ ދަނީ ހިފަމުން." އަލީ ވަހީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު ގެންގުޅުއްވާ ވިސްނުންފުޅު ހާމަކުރައްވަމުން އަލީ ވަހީދު ވިދާޅުވީ އެމަނިކުފާނު ކޯލިޝަން ހައްދަވަން ބޭނުންފުޅު ވަނީ ޕާޓީތަކާ އެކު ނޫން ކަމަށާއި އޭގެ ބަދަލުގައި އެ މަނިކުފާނު ބޭނުންފުޅުވަނީ ރައްތިޔުންނާ އެކު ކޯލިޝަން ހައްދަވައިގެން ފަސޭހަކަމާ އެކު އެއްބުރުން މި އަހަރުގެ އިންތިޚާބު ކާމިޔާބު ކުރެއްވުން ކަމަށެވެ.
އޭނާ ވިދާޅުވީ މި ފަހަރު ބޮޑު ތިލަދުން މައްޗަށް ކުރައްވާ ދަތުރުފުޅުގައި އެ ސަރަހައްދުން ތަފާތު ބޮޑު ތާއީދެއް ހޯއްދަވާނެ ކަމަށެވެ. އަދި ވިދާޅުވީ ރައީސް ނަޝީދަކީ ބޭނުންފުޅު ވެއްޖެ ކޮންމެ ވަގުތެއްގައި ޕީޕީއެމް ލައްވާ ވެސް ނުވަތަ ޑީއާރުޕީ ލައްވާ ވެސް ބޭނުން ކޮންމެ ކަމެއް ކުރެއްވޭ ވަރުގެ ތޫނުފިލި ވިސްނުންފުޅެއްގެ ވެރިއެއް ކަމަށެވެ. ނަމަވެސް އެމްޑީޕީ އާއި ޕީޕީއެމް ގުޅުމަކީ ދުވަހަކު ވެސް ވާނެ ކަމެއް ނޫން ކަމަށް ވެސް އަލީ ވަހީދު ތަކުރާރުކޮށް ވިދާޅުވި އެވެ.