ސަން އައިލެންޑް ރިސޯޓް އެންޑް ސްޕާގައި މިއަދު ފެށުނު، އިންޓަޕޯލް ކޮންފަރެންސްގެ ސަބަބުން ގައުމުތަކުގެ ގާނޫނު ތަންފީޒުކުރާ ދާއިރާތަކަށް އެއްގައުމު އަނެއް ގައުމުގެ ފަރާތުން މިހާރަށް ވުރެ ބޮޑަށް އެހީތެރިކަމާ އެއްބާރުލުން ލިބިގެން ދާނޭ ކަމަށް ކަމިޝަނަރު އޮފް ޕޮލިސް ޢަބްދުﷲ ރިޔާޒް ވިދާޅުވެއްޖެ އެވެ.

"މި ބައްދަލުވުމަކީ ދެ ސަރަހައްދެއްގެ ކޮންޓެކްޓް އޮފިސަރުން ބައިވެރިވެގެން މިހާތަނަށް ބޭއްވޭ އެންމެ ބޮޑު ކޮންފަރެންސް. އެހެން ކަމުން މީގެ ސަބަބުން އެންމެ ބޮޑު ފައިދާއެއްވާނީ. އެއްގައުމެއް އަނެއްގައުމެއްގެ ލޯ އެންފޯސްމަންޓް އޭޖެންސީތަކުގެ އެހީތެރިކަން މިހާރަށް ވުރެ ބޮޑަށް ލިބިގެން ދިއުން،" ރިޔާޒް ވިދާޅުވި އެވެ.

ރިޔާޒު ވިދާޅުވީ ރާއްޖޭގައި މިހާރު ވެސް އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި މަސްތުވާތަކެތީގެ މައްސަލަ ހިމެނޭ އިރު އެއީ ރާއްޖޭގައި އުފައްދާ އެއްޗެއް ނޫން ކަމަށާއި އެތަކެތި އެތެރެ ކުރަނީ ރާއްޖެ އިން ބޭރުން ކަމަށްވާ އިރު އެފަދަ ތަކެތި ރާއްޖެ އަށް އެތެރެވާން މެދުވެރިވާ ދޮރުތައް ހޯދައި ފިޔަވަޅު އެޅުމަށްޓަކައި އިންޓަޕޯލް އަށް ވަރަށް މުހިންމު ދައުރެއް އަދާކުރެވޭނޭ ކަމަށެވެ.

މިއަދު ފެށުނު 12 ވަނަ އޭޝިޔާ ކޮންޓެކްޓް އޮފިސަރުންގެ ބައްދަލުވުމާއި މެދުއިރު މައްޗާއި އުތުރު އެފްރިކާގެ ކޮންޓެކްޓް އޮފިސަރުންގެ އަށް ވަނަ ބައްދަލުވުމަކީ އިންޓަޕޯލްގައި ހިމެނޭ އެހާ ގިނަ ގައުމުތައް ބައިވެރިވެގެން ބާއްވާ ފުރަތަމަ ކޮންފަރެންސެވެ. އެގޮތުން އެ ކޮންފަރެންސްގައި 23 ގައުމަކުން 42 ބައިވެރިން ބައިވެރިވެފައިވާ އިރު އިންޓަޕޯލްގެ ސެކްރެޓޭރިއެޓްގެ ފަރާތުން ވެސް ނުވަ މުއައްޒަފަކު އެ ކޮންފަރެންސްގައި ބައިވެރިވެ އެވެ.

ތިން ދުވަހުގެ މުއްދަތަށް ރާއްޖޭގައި ބާއްވާ އިންޓަޕޯލްގެ އެ ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށް ދެއްވީ ފިޝަރީޒް މިނިސްޓަރު، އަދި އެކްޓިން ހޯމް މިނިސްޓަރު އަހްމަދު ޝަފީޢު އެވެ. އެ ބައްދަލުވުމުގައި އެސިސްޓެންޑް ޑިރެކްޓަރު ފޯ އޭޝިޔާ އެންޑް ދަ ސައުތު ޕެސިފިކް ސަބްޑައިރެކްޓަރީ ސީޗީރޯ ހޮންޑާއާއި އެސިސްޓެންޓް ޑިރެކްޓަރު ފޯ މިޑްލް އީސްޓް، އެންޑް ނޯތު އެފްރިކާ ސަބްޑައިރެކްޓަރީ ޢަބްދުލް ޢަޒީޒު ޢުބައިދުﷲ ބައިވެރިވެވަޑައިގަތެވެ.

ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައި ޝަފީޢު ދެއްކެވި ވާހަކަފުޅުގައި ތަރައްގީވެފައިމިވާ ދުނިޔޭގައި ކުށްކުރުމުގެ ބޮޑެތި ވިއުގަތައް ހަދައިގެން ބޮޑެތި ޖަރީމާތައް ހިންގަމުންދާ އިރު އެފަދަ ޖަރީމާތައް ހުއްޓުވުމަށް ފިޔަވަޅު އެޅުމަށްޓަކައި އެންމެ މުހިންމު ދައުރެއް އަދާކުރާ ބަޔަކީ އިންޓަޕޯލް ކަމަށާއި އެހެން ކަމުން މިއަދު މި ފެށުނު ބައްދަލު ވުމުގެ ސަބަބުން އެކި ގައުމުތަކުގެ މަންދޫބުން ހުށަހަޅާ ހިޔާލުތަކާއި މަޝްވަރާތަކުގެ އަލީގައި ދުނިޔޭގެ ގައުމުތަކުގެ މެދުގައި ހިންގަމުން ގެންދާ ބޮޑެތި ކުށްތަކާއި ޖަރީމާތައް ހުއްޓުވުމާއި ގައުމުތަކުގެ ސަލާމަތާއި ރައްކާތެރިކަން ހިމާޔާތް ކުރުމަށް ރަނގަޅު ނިންމުންތަކެއް ނިންމާނޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އިންޓަޕޯލްގައި ހިމެނޭ ގައުމުތަކުގެ ކޮންޓެކްޓް އޮފިސަރުންގެ ބައްދަލުވުން ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ހެޑްއޮފް އެންސީބީ މާލެ، ކޮމިޝަނަރު އޮފް ޕޮލިސް ޢަބްދުﷲ ރިޔާޒްއާއި އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް ޢަބްދުﷲ ފައިރޫޝް އަށް އިންޓަޕޯލް ޓްރެވަލް ޑޮކިޔުމެންޓް ހަވާލު ކޮށްދެއްވުން އޮތެވެ.