ރާއްޖެ އިން ފިލިޕީންސް އަށް ކަނޑައަޅުއްވާފައިވާ ސަފީރު ހުސެއިން ޝިހާބު އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ފިލިޕީންސްގެ ރައީސް ބެނިނޯ ސިމިއޯން އަގުއިނޯ އަށް އަރުއްވައިފި އެވެ.

ރާއްޖެ އިން ފިލިޕީންސް އަށް ކަނޑައަޅުއްވާފައިވާ ފުރަތަމަ ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް ސިމިއޯން އަށް އަރުއްވާފައި ވަނީ މިއަދު ފިލިޕީންސްގެ ރިޔާސީ ގަނޑުވަރު މަލަކަނަން ޕެލަސްގައި ކުރިއަށްދިޔަ ރަސްމިއްޔާތެއްގަ އެވެ.

އެ ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ އިތުރުން 11 އެހެން ގައުމެއްގެ ސަފީރުން ވަނީ އެ ގައުމުތަކުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް ސިމިއޯން އަށް އަރުއްވާފަ އެވެ.

ހުސެއިން ޝިހާބަކީ ސްރީލަންކާ އަށް ރާއްޖެ އިން ކަނޑައަޅާފައި ހުންނަވާ ސަފީރެވެ. އަދި ފިލިޕީންސް އަށް ރާއްޖެ އިން ކަނޑައަޅުއްވާފައިވާ ނޮން ރެޒިޑެންޓް އެމްބަސެޑާގެ މަގާމު ވެސް ފުރުއްވަނީ ޝިހާބެވެ.