ދިރާގް ދިވެހި ލީގުގެ ދެ ވަނަ ބުރުގައި 5-0 ލަނޑުން އީގަލްސްގެ މައްޗަށް ކުރި ހޯދައި ލީގް ދިފާއުކުރުމާ ގާތަށް ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބް ޖެހިލަައިފި އެވެ. މިއަދުގެ މެޗުގައި ހުނަރުވެރި ފޯވާޑް އަލީ އަޝްފާގު (ދަނގަޑޭ) ހެޓްރިކް ހެދި އެވެ.

ލީގުގެ ފުރަތަމަ ބުރުގައި ނިއުއާ ދެކޮޅަށް އީގަލްސް ހުސްވި އޭޕްރީލް މަހުގެ 16 ވަނަ ދުވަހު ކުޅުނު މެޗް 4-0 ލަނޑުން ކާމިޔާބު ކުރީ ވެސް ނިއުރޭޑިއަންޓެވެ.

ގަލޮޅު ރަސްމީ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގެ ފުރަތަމަ ލަނޑު، މެޗުގެ 39 ވަނަ މިނެޓުގައި ނިއުއަށް ކާމިޔާބު ކޮށްދިނީ ދަނގަޑޭ އެވެ. އެ ލަނޑު އޭނާ ޖެހީ ލިބުނު ހިލޭ ޖެހުމަކުންނެވެ. މެޗުގެ ދެ ވަނަ ލަނޑު ނިއުއަށް ކާމިޔާބު ކޮށްދިނީ ވެސް ދަނގަޑޭއެވެ. ފަންސާސް ވަނަ މިނެޓުގައި އެ ލަނޑު ދަނގަޑޭ ކާމިޔާބުކޮށްދިނީ ޕެނަލްޓީއަކުންނެވެ. މިއަދުގެ މެޗުގެ މޮޅުކުޅުންތެރިޔާގެ މަގާމަށް ވެސް ހޮވުނު ދަނގަޑޭގެ ހެޓްރިކް ހެދި ލަނޑު ފެނިގެން ދިޔައީ މެޗުގެ 59 ވަނަ މިނެޓުގަ އެވެ.

މެޗުގައި ނިއުގެ ހަތަރު ވަނަ ލަނޑު 68 ވަނަ މިނެޓުގައި އަލީ އުމަރު ކާމިޔާބު ކޮށްދިން އިރު، އެޓީމުގެ ފަސް ވަނަ ލަނޑު 77 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ބިދޭސީ ޑިފެންޑަރު މަންސާއެވެ.

މިއަދުގެ މޮޅާއެކު ލީގުގެ އެއްވަނަ މަގާމްގައި ނިއު އޮތީ 33 ޕޮއިންޓާއެކު އެވެ. އަދި މިއަދުގެ މެޗުން ބަލިވި އީގަލްސް އޮތީ 12 ޕޮއިންޓާއެކު ފަސް ވަނަ މަގާމްގަ އެވެ. ލީގުގެ ދެވަނަ މަގާމްގައި 18 ޕޮއިންޓާއެކު މާޒިޔާ އޮތްއިރު، ލީގުގެ ތިން ވަނަ މަގާމްގައި 15 ޕޮއިންޓާއެކު އޮތީ ވެލެންސިޔާއެވެ. އަދި އީގަލްސްއަށް ވުރެ ގޯލްގެ ތަފާތުން ކުރިހޯދައިގެން 12 ޕޮއިންޓާއެކު ހަތަރު ވަނަ މަގާމް ގައި އޮތީ ބީޖީއެވެ. ލީގުގެ ހަވަނަ މަގާމްގައި އޭވައިއެލް އޮތް އިރު، ވިކްޓަރީ އޮތީ ހަތް ވަނަ މަގާމްގަ އެވެ. ލީގުގެ އެންމެ ފުލުގައި އޮތީ ވީބީ އެވެ.

ލީގުގައި މިރޭ 9:00 ޖަހާއިރު ކުޅޭ މެޗުގައި ބައްދަލުކުރާނީ މާޒިޔާ އާއި ވީބީ އައްޑޫ އެފްސީ އެވެ.