ރައީސުލްޖުމްހޫރީއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ރަނިންމޭޓަކަށް ޑީއާރްޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ އަށް ދިނުމުން ޕީޕީއެމުން އެކަމަށް ފާޑުކިޔަފި އެވެ.

ޕީޕީއެމްގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ސްޕޯކްސްޕާސަން އަދި ރައްޔިތުންގެ މަޖިލީޙުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް ވިދާޅުވީ ރައީސް ވަހީދު އެމަނިކުފާނުގެ ރަނިންމޭޓެއްގެ ގޮތުގައި ހަމަޖެއްސެވި ޑީއާރްޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީއަކީ މާޒީގައި "ގޯސް ރިކޯޑެއް" އޮތް ބޭފުޅެއް ކަމަށެވެ.

"މިދިޔަ ދުވަސްތަކުގެ މާޒީއަށް ބަލާއިރު ތަސްމީން ފަދަ ބޭފުޅެއް ވަރަށް ގޯސް ރިކޯޑެއް އޮތް ބޭފުޅެއް ރައީސުލްޖުމްހޫރީއްޔާ ކަމުގެ މަގާމުގައި ހުންނެވި ބޭފުޅެއްގެ ރަނީންމޭޓަކަށް ގެންނެވިކަން އެއީ ޕީޕީއެމްއިން ވަރަށް ކަންބޮޑުވާ ކަމެއް." މަހުލޫފް ވިދާޅުވި އެވެ.

މަހުލޫފް ވިދާޅުވީ މިއަދު ފެނިގެން ދިޔަ އެއް މަންޒަރަކީ ޖީއެމްއާރް ރާއްޖެ އަށް ގެނައުމުގައި އިސްކޮށް އުޅުނު ދެ ބޭފުޅުން އެއް ގަލަކަށް އެރިތަން ކަމަށެވެ. އެގޮތުން ރައީސް ވަހީދާއި ތަސްމީންއަކީ ކުރީގެ ރައީސް ނަޝީދާއި ގުޅިގެން ރާއްޖެ އަށް ޖީއެމްއާރް ގެނައުމުގައި އިސްކޮށް އުޅުއްވި ދެ ބޭފުޅުން ކަމަށް މަހުލޫފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވޭތުވެދިޔަ ދުވަސްތަކުގައި ރައީސް ވަހީދަށް ކޮންމެ ވެސް ވަރެއްގެ ތާއިދެއް ލިބިގެން ދިޔަކަން ގަބޫލު ކުރައްވާ ކަމަށެވެ. އެގޮތުން ޕީޕީއެމްގައި ތިއްބެވި ބައެއް ބޭފުޅުން ރައީސް ވަހީދާއި ގުޅުމުގެ ވިސްނުންފުޅެއް ގެންގުޅުއްވި ކަމަށެވެ. އެހެން ނަމަވެސް ތަސްމީން ރަނިންމޭޓުކަން ދިނުމުގެ ވާހަކަ ފެތުރުމާއެކު އެބޭފުޅުން ރައީސް ވަހީދާއި ދުރަށް ވަޑައިގެންނެވި ކަމަށް މަހުލޫފް ވިދާޅުވި އެވެ. އަދި ވިދާޅުވީ ރައީސް ވަހީދުގެ ރަނިންމޭޓަކަށް ތަސްމީން ވެވަޑައިގަތުމުން ތަސްމީންގެ އަރިސް ބޭފުޅުން ވެސް އޭނާއި ދުރަށްދާ ކަމަށާއި އެގޮތުން ޑީއާރްޕީގެ ޑެޕިއުޓީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުހގެ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އަޒީމް އަށް އެމްޑީޕީ އަށް މިއަދު ސޮއި ކުރެއްވި ކަމަށް މަހުލޫފު ފާހަގަ ކުރެއްވި އެވެ.

ޕީޕީއެމުން މިއަދު ތަސްމީނަށް ފާޑުވިދާޅުވި ނަމަވެސް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަކަށް ގޮސް ރައީސް ވަހީދާ އެކު ކޯލިޝަން ހަދަން ޖެހިއްޖެ ނަމަ ކޯލިޝަން ހަދާނެ ކަމަށް ވެސް މަހުލޫފް ވިދާޅުވި އެވެ. އަދި ވިދާޅުވީ ޕީޕީއެމް ގަބޫލުކުރާ ގޮތުގައި ރައީސް ނަޝީދަށް ވުރެ ހުރިހާ ގޮތަކުން ވެސް ވަހީދު ރަނގަޅު ކަމަށެވެ.