އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ހިންގުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)އާއެކު ކުރިޔަށް ގެންދަން ސަރުކާރުން ނިންމީ ދިވެހި ސަރުކާރާއި އިންޑިއާގެ ޖީއެމްއާރާއެކު ސޮއިކޮށްފައިވާ އެގްރީމަންޓް އުވާލުމުގެ މައްސަލަ މިހާރު އާބިޓްރޭޝަނަށް ހުށަހެޅިފައިވާތީ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.


އެ އޮފީހުން ނެރުނު ނޫސްބަޔާނެއްގައި ވަނީ އެއާޕޯޓްގެ ހިންގުން މިހާރެކޭ ވެސް އެމްއޭސީއެލްއިން ހިންގާ ގޮތަށް ސަރުކާރުން މިއަދު ނިންމާފައިވާ ކަމަށެވެ.

"އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓްގެ ހިންގުން ހަވާލުކުރުމަށް ސަރުކާރުން އުފެއްދެވި މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް ލިމިޓެޑުން އެއަރޕޯޓް ހިންގުމުގެ ކަންކަން ކުރިއަށް ނުގެންދެވުމަށް ސަރުކާރުން ނިންމެވީ ދިވެހި ސަރުކާރާއި ޖީއެމްއާރާއެކު ސޮއިކޮށްފައިވާ އެގްރީމަންޓް އުވާލުމުގެ މައްސަލަ، މިހާރު އާބިޓްރޭޝަނަށް ހުށަހެޅިފައިވާތީ، އެ މައްސަލައިގެ އާބިޓްރޭޝަން ހިނގަމުން ދަނިކޮށް، އެއާޕޯޓް ހިންގުން އާ ކުންފުންޏަކާ ހަވާލުކުރުމަކީ މިވަގުތު އެންމެ ރަނގަޅު ގޮތް ކަމަށް ފެނިވަޑައިނުގަންނަވާތީއެވެ." އެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.

އެއާޕޯޓް ހިންގުމަށް ސަރުކާރުން އުފެއްދި މާލޭ އިންޓަނޭޝަނަލް އެއާޕޯޓް ކޮމްޕެނީގެ ބޯޑު ޑިރެކްޓަރުން އައްޔަންކުރި ގޮތާ މެދު ބަންޑާރަ ނައިބު އައިޝަތު ބިޝާމް ވިދާޅުވެފައި ވަނީ ޕްރައިވެޓައިޒޭޝަން ގާނޫނަށް އަމަލުކުރަން ފެށުމާއެކު ސަރުކާރުންގެ ކުންފުނިތަކުގެ ބޯޑަށް ރައީސަށް މެމްބަރުން އައްޔަންނުކުރެއްވޭނެ ކަމަށެވެ.

މާލޭ އިންޓަނޭޝަނަލް އެއާޕޯޓު ކޮމްޕެނީ ބޯޑު ރައީސް މުހައްމަދު ވަހީދު އައްޔަންކުރައްވާފައި ވަނީ ޕްރައިވެޓައިޒޭޝަން ގާނޫނު ފާސްވި ފަހުންނެވެ.

ނަމަވެސް ސަރުކާރުން ކުރިން ނިންމާފައި އޮތީ އެއާޕޯޓް ހިންގުމަށް އަލަށް އުފެއްދި މާލޭ އިންޓަނޭޝަނަލް އެއާޕޯޓް ކޮމްޕެނީ (އެމްއައިއޭއެލް)އާ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ހަވާލުކުރާ ގޮތަށެވެ. އަދި އެ ކުންފުނީގެ ބޯޑުގެ ޑިރެކްޓަރުން ވެސް ސަރުކާރުން އައްޔަންކުރި އެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި އެއާޕޯޓް ހިންގުމަށް އުފެއްދި އެމްއައިއޭއެލްގެ މެނޭޖިން ޑިރެކްޓަރު ބަންދު އިބްރާހިމް ސަލީމް އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރަކަށް އައްޔަން ކުރަން ވަނީ ނިންމައިފަ އެވެ.

ޖީއެމްއާރާއެކު އެމްއޭސީއެލް އަދި ސަރުކާރުން ސޮއިކުރި އެއްބަސްވުން މިދިޔަ ނޮވެމްބަރު މަހު އުވާލާފައިވާތީ އެ މައްސަލަ މިހާރު ވަނީ ސިންގަޕޫރުގެ އާބިޓްރޭޝަން ސެންޓަރަށް ހުށަހަޅައިފަ އެވެ. އަދި އެ މައްސަލައިގެ އަޑު އެހުން އަންނަ އަހަރުގެ ފަހުކޮޅު ބޭއްވުމަށް ދަނީ މަޝްވަރާކުރަމުންނެވެ.

ޖީއެމްއާރުގެ އެއްބަސްވުން އުވާލުމަށްފަހު މިދިޔަ ޑިސެމްބަރު މަހުގެ އަށްވަނަ ދުވަހުން ފެށިގެން އެއާޕޯޓް ހިންގަމުން ގެންދަނީ އެމްއޭސީއެލް އިންނެވެ.

ސަރުކާރުގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ އެއާޕޯޓް ހިންގަން އަލަށް އުފެއްދި ކުންފުނި އުވާލަން ޖެހޭ ކަމަށެވެ. ނަމަވެސް އެކަމާ މެދު ރަސްމީކޮށް ގޮތެއް ނިންމާފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.