ހުޅުލޭ ފަޅު ތެރޭގައި ދެ ދޯންޏެއް ޖެހި މިރޭ ހިނގި އެކްސިޑެންޓެއްގައި އޭގެ ތެރެއިން އެއް ދޯންޏަށް ވަރަށް ބޮޑަށް ގެއްލުންވެއްޖެ އެވެ.


ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މިރޭ ގާތްގަނޑަކަށް 6:30 ހާއިރު ހުޅުލޭ ފަޅުތެރޭގައި ދެ ދޯންޏެއް ޖެހި އެކްސިޑެންޓުވީ މާލެ އާއި ހުޅުމާލެއާ ދެމެދު ދަތުރުކުރާ "ނިޔާމަ-3" ފެރީ އާއި ފެޑްއެކްސްގެ ދޯންޏެއް ޖެހިގެން ކަމަށާއި މިއެކްސިޑެންޓުގައި ފެޑެކްސް ދޯނީގައި އިން މީހަކަށް ކޮންމެ ވެސް ވަރެއްގެ އަނިޔާއެއް ލިބިފައިވާ ކަމަށެވެ. އަދި އެމައްސަލަ ފުލުހުން އިތުރަށް ތަހްޤީޤް ކުރަމުން އަންނަ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.


އެކްސިޑެންޓް ހިނގީ ހުޅުމާލެ ފެރީ ހުޅުލެއަށް ލަފަން އުޅެނިކޮށް އެ ވަގުތު ހުޅުލޭ ފަޅުން ނުކުންނަން އުޅުނު ފެޑްއެކްސްގެ ދޯނީގައި ޖެހިގެންނެވެ.


ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ މިއެކްސިޑެންޓްގައި ފެޑެކްސް ދޯނީގެ ގެގަނޑާއި ދިމާލުން ފެރީ ދޯނި ޖެހި ފެޑެކްސް ދޯންޏަށް ވަނީ ވަރަށް ބޮޑަށް ގެއްލުން ލިބިފަ އެވެ.