ގެރެންޓީ ދީފައިވާ ލޯނަކަށް ފައިސާ ނުދައްކައިގެން ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމްގެ ބައްޕަގެ ގެ ވިއްކާލުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިއުލާން ކޮށްފި އެވެ.

ބީއެމްއެލް އިން މިއަދު ކުރި އިއުލާންގައި ބުނެފައި ވަނީ އޯޝަން ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން ނަގާފައިވާ ޑިމާންޑް ލޯނަށް ރަހުނު ކުރެވިފައި ވަނީ ސ. ހިތަދޫ އަބްދުﷲ ސާދިގުގެ ގެ ކަމަށްވާ "ނިޔާޒު"ގެ ކަމަށެވެ.

އެ އިއުލާންގައި ބުނެފައި ވަނީ ކަނޑައެޅިފައިވާ މުއްދަތުގައި އެ ލޯނަށް ފައިސާ ދައްކާފައި ނުވާތީ އެ ގެ ވިއްކާލުމުގެ ހުއްދަ ސިވިލް ކޯޓުން ބޭންކަށް ދީފައިވާ ކަމަށެވެ.

ބީއެމްއެލް އިން އިއުލާން ކޮށްފައި ވަނީ 3415.50 އަކަފޫޓުގެ އެ ގޯއްޗާއި އެ ގޯތީގައި ހިމެނޭ އެންމެހައި އިމާރާތްތައް ވިއްކާލުމަށެވެ.

އެ އިއުލާންގައި ބުނެފައި ވަނީ އެ ގެ ގަތުމަށް ޝައުގުވެރިވާ ފަރާތްތަކުން ގަންނަން ހުށަހަޅާ އަގަކާ އެކު އައިޑީކާޑުގެ ކޮޕީ ބޭންކަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ. އަދި ކުންފުންޏެއް ނަމަ ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީއަކާއި ނީލަމާ ގުޅިގެން ބޭންކާއި މުއާމަލާތް ކުރާނެ ފަރާތެއް އައްޔަން ކޮށްފައިވާ ކުންފުނީގެ ގަރާރު މިމަހުގެ 26 ވަނަ ދުވަހުގެ ކުރިން ބޭންކަށް ހުށަހަޅަން ޖެހޭނެ ކަމަށް ވެސް އެ އިއުލާންގައި ބުނެފައިވެ އެވެ.

އަބްދުﷲ ސޯދިގަކީ ރައީސް މައުމޫންގެ ސަރުކާރުގައި އެޓާނީ ޖެނެރަލްގެ އެހީތެރިޔާގެ މަގާމު ވެސް އަދާކުރައްވާފައިވާ ބޭފުޅެކެވެ. އޭގެއިތުރުން އޭނާ އަކީ ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓު ބޯޑުގައި އާއި އަދި ހައުސިން މިނިސްޓްރީގައި ވެސް ވަޒީފާ އަދާކުރައްވާފައިވާ ބޭފުޅެކެވެ.