10 Jun 2013, 16:42
ރާއްޖޭގައި ވަގުނޫޓް ގެންގުޅޭ މިންވަރު އާދަޔާ ހިލާފަށް އިތުރުވެފައިނުވާ ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ބުނެފި އެވެ.
އެމްއެމްއޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އެމްއެމްއޭގެ ޗީފް އޮޕަރޭޝަން ސުޕަވައިޒަރު މުހައްމަދު ތައުފީގު ވިދާޅުވީ މިހާރު ރާއްޖޭގެ މާކެޓްގައި ވަކި އާދަޔާ ހިލާފަށް ވަގު ނޫޓް ގިނަ ވެފައިނުވާ ކަމަށާއި ނަމަވެސް 100ރ. ގެ ވަގު ނޫޓް ކުރިއަށްވުރެ އިތުރަށް ފެންނަމުންދާ ކަމަށެވެ.
"މިއުޅެނީ އެހެންޏާ ވެސް ނުކުންނަ ފޮޓޯ ކޮޕީއާއި ޕްރިންޓަރުން ޕުރިންޓްކޮށްފަ ހުންނަ ކަހަލަ ޕޮޓޯކޮޕީ ފެންނަމުން މިދަނީ. ވަކި އިތުރު ގިނަވެގެނެއް ވެސް ނޫން،" ތައުފީގު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެފަދަ ނޫޓްތައް މަދުމަދުން ފެންނަމުންދިޔަ ނަމަވެސް އެއްވެސް އޭޓީއެމްއަކުން އެފަދަ ނޫޓެއް ނުފެންނާނެ ކަމަށެވެ. އެގޮތުން އޭޓީއެމްތަކަށް ފައިސާ ގެންދަނީ ސީދާ އެމްއެމްއޭއިން ޗެކްކޮށްފައި ކަމަށާއި އޭގެ ތެރޭގައި ވަގު ނޫޓެއް ނޫޅޭނެ ކަމަށް ވިދާޅުވި އެވެ. އަދި ވަކި ދުވަސްވަރަކަށް ދިމާކޮށް ވަގު ނޫޓް ފެންނަލެއް އިތުރުތޯ ސުވާލުކުރުމުން ތައުފީގު ވިދާޅުވީ އެފަދަ ކަމެއް ފާހަގަކޮށްފައި ނެތް ކަމަށެވެ.
ސައްހަ ނޫން ނޫޓް ދެނެގަންނާނީ ކިހިނެއްތޯ "ސަން" އިން ސުވާލުކުރުމުން އެމްއެމްއޭގެ މެނޭޖާ ބޭންކިން ސެކްޝަން މުހައްމަދު އިބްރާހިމް ވިދާޅުވީ ސައްހަ ނޫން ނޫޓު އެންމެ ބޮޑަށް ދެނެގެންނަން ފަސޭހަ ވާނީ އެ ނޫޓުގައި ކަރުދާސް ވަރަށް އޮމާން ވާނެ ކަމަށާއި ސައްހަ ނޫން ނޫޓުގައި އައްޔަށް ދިއްކޮށްލުމުން އެ ނޫޓުގައި ހުންނަ ތުރެޑް ފެންނާނީ ކެނޑި ކެނޑިގެން ކަމަށެވެ.
އެމްއެމްއޭ އިން ބުނީ ސައްހަ ނޫން ނޫޓަށް އަލިއެޅުވުމުން ދިއްލޭއިރު މުޅި ކަރުދާސް އެއްކޮށް ދިއްލޭނެ ކަމަށާއި ނަމަވެސް ސައްހަ ނޫޓްއަށް އަލި އެޅުވުމުން ދިއްލޭނީ ވަކި ހާއްސަ ތަންތަން ކަމަށް ބުންޏެވެ. އަދި ފަސް ރުފިޔާގެ ނޫޓުގެ މައްޗަށް ޕުރިންޓްކޮށްގެން ބައެއް 100ރ. ގެ ނޫޓް ތައްޔާރުކޮށްފައިވާ ކަމަށާއި އެ ނޫޓް ވެސް އައްޔަށް ދިއްކުރުމުން ވަރަށް ފަސޭހައިން އެނގޭނެ ކަމަށެވެ. އެގޮތުން އެފަދަ ނޫޓްތަކުގައި ދެ ސީރިއަލް ނަމްބަރު ފެންނަން ހުންނަ ކަމަށް އެމްއެމްއޭ އިން ބުންޏެވެ.