އަންނަ ރިޔާސީ އިންތިހާބުގައި ރައީސް މުހައްމަދު ވަހީދާއެކު ކޯލިޝަލް ހަދާފައިވާ އަދާލަތުން ޕާޓީން، ކޯލިޝަނުން ވަކިވާން އުޅޭ ކަމަށް ދެކެވޭ ވަހަކަތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށާއި ރައީސް ވަހީދާއި އެމަނިކުފާނުގެ ރަނިންމޭޓު ޑީއާރްޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީއަށް އަދާލަތުގެ ފުރިހަމަ ތާއިދު އެބައޮތް ކަމަށް އެ ޕާޓީގެ ސްޕޯކްސް ޕާސަން ޝެއިހް ޑރ. މުހައްމަދު ޝަހީމް އަލީ ސައިދު މިއަދު ވިދާޅުވެއްޖެ އެވެ.

ޅ. އަތޮޅަށާއި ފ. އަތޮޅަށް ރައީސް ވަހީދާއެކު ފުރައިވަޑައިގަތުމުގެ ކުރިން ޝަހީމް "ސަން"އަށް މިއަދު ވިދާޅުވީ ރައީސް ވަހީދުގެ ރަނިންމޭޓަކަށް ތަސްމީން ކަނޑައެޅުމުގައި އަދާލަތުގެ އެއްވެސް "ނުރުހުމެއް ނެތް" ކަމަށާއި އަދާލަތު އަދިވެސް އޮތީ ކޯލިޝަންގައި ކަމަށެވެ. އޭނާ ވިދާޅުވީ އަދާލަތުގެ ނިންމުމާ އެއްގޮތަށް އެ ޕާޓީގެ ހުރިހާ މެންބަރުން ވެސް ރައީސް ވަހީދާއި ތަސްމީނަށް ތާއިދުކޮށް، އެ ނިންމުގައި ދެމިތިބުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

"ތަސްމީންގެ މައްސަލާގައި އަދާލަތު ޕާޓީގެ އެއްވެސް ވަރެއްގެ ނުރުހުންތެރިކަމެއް ނޯންނާނެ. މި ޕާޓީގެ ފުރިހަމަ އެއްބާރުލުމާއި ތާއިދު އެ ދެ ބޭފުޅުންނަށް ވެސް އޮންނާނެ،" ޝަހީމް ވިދާޅުވި އެވެ.

ޝަހީމް އެގޮތަށް ވިދާޅުވެފައިވާއިރު، މިއަދު މެންދުރުފަހު ޓްރޭޓާސް ހޮޓަލުގައި ރައީސް ވަހީދުގެ ރަނިންމޭޓު އިއުލާން ކުރި ހަފްލާއަށް އެ ޕާޓީގެ އިސް ބޭފުޅުންގެ ވަޑައިނުގަންނަވަ އެވެ. ނަމަވެސް އެ ޕާޓީގެ މަޖިލިސް މެންބަރު ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އިބްރާހިމް މުއްތަލިބާއި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝެއިހް އަބްދުﷲ ދީދީ އެ ހަފްލާއަށް ވަޑައިގެންނެވި އެވެ.

މުއްލަތިބު ވިދާޅުވީ އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ އަށް އެ ހަފްލާއަށް ވަޑައިނުގެންނެވުނީ ރައީސް އޮފީހުގައި "ކަމެއް ކުރައްވަންޖެހުމުން" ކަމަށެވެ.

ޝަހީމް މިއަދު ވިދާޅުވީ ކޯލިޝަނުން މީގެ ކުރިން ބޭއްވި ބައެއް ބައްދަލުވުންތަކަށް އަދާލަތުގެ އިސް ބޭފުޅުންނަށް ބައިވެރިވެވަޑައި ނުގެންނެވުނީ ރަށުން ބޭރުގައި އުޅުއްވަންޖެހުމުން ކަމަށެވެ.