10 Jun 2013, 14:35
އިސްލާމިކް ފައުންޑޭޝަނުން ހިންގަމުން ގެންދިޔަ "އެމްވީޓީވީ"ގެ ލައިސަންސް އެ ޖަމިއްޔާގެ ދަށުން އަލަށް އުފެއްދި އެހެން ކުންފުންޏެއްގެ ނަމަށް ބަދަލުކޮށްފި އެވެ.
މޯލްޑިވްސް ބްރޯޑްކާސްޓް ކޮމިޝަންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ "އެމްވީޓީވީ"ހިންގުމަށް އެކޮމިޝަނުން ހުއްދަ ދީފައިވާ "މީޤާތު ލިލް ހައްޖި ވަލް އުމްރާ ޕްރައިވެޓް ލިމިޓަޑް" އަށް ދޫކޮށްފައިވާ ލައިސަންސް މީޑިޔާ ފައުންޑޭޝަން ޕްރައިވެޓް ލިމިޓެޑްގެ ނަމަށް ބަދަލުކޮށްފައިވާ ކަމަށެވެ.
އެމްވީޓީވީގެ ހިއްސާދާރުންގެ ތެރޭގައި މިހާރު ހިމެނޭ ފަރާތްތަކަކީ އިސްލާމިކް ފައުންޑޭޝަންގެ ރައީސް އަދި އެމްވީޓީވީގެ ޑިރެކްޓާ ޖެނެރަލް ހުޅުމާލެ ފުލެޓް، އިބްރާހިމް ފައުޒީ އާއި އެ ފައުންޑޭޝަންގެ މެމްބަރުން ކަމުގައިވާ ގ.ޝޭޑީގްރައުންޑް، އިބްރާހިމް މުހައްމަދު އަދި މ. ވައިލެޓްމާގެ، އިބްރާހިމް ނާޒިމް އެވެ.
އެމް ވީޓީވީގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ފައުޒީ މިއަދު ސަންއާ ވާހަކަ ދައްކަވަމުން ވިދާޅުވީ އެމްވީޓީވީ ހިންގުމުގެ ލައިސަންސް އެހެން ކުންފުންޏެއްގެ ނަމަށް ބަދަލުކުރީ އެ ޖަމިއްޔާގެ އިލްމުވެރިންގެ މަޖިލީހުގެ ނައިބް ރައީސް އައްޝައިޙު އިބްރާހިމް ފަރީދުގެ ކޮރަޕްޝަންގެ މައްސަލަތަކަށް ޖަމިއްޔާ އަށް ފާހަގަކުރެވިގެން އެ މައްސަލަތައް ބެލުމަށް ފަހު ކަމަށެވެ. އަދި އެމައްސަލަތައް ބެލުމަށް ފަހު ފަރީދު އެ މަގާމުން ވަކިކޮށްފައިވާ ކަމަށް ވެސް އެނާ ވިދާޅުވި އެވެ.
ފަރީދަކީ ކުރިން އެމްވީޓީވީ ހިންގި ކުންފުނީގެ ބޯޑު މެމްބަރެެކެވެ.
ފައުޒީ ވިދާޅުުވީ ފަރީދު އެ ޖަމިއްޔާގެ ދަށުން ހިންގަމުން ގެންދިޔަ ހައްޖު ކުންފުނީގެ ހިއްސާދާރެއްގެ ގޮތުގައި ހުންނެވުމަށް ފަހު އެ ކުންފުނީގެ ހިއްސާރު ކަމުން އަމިއްލަފުޅަށް ވަކިވެވަޑައިގަތީ އެހެން ޓީވީ ޗެނަލްއެއް ހެއްދެވުމަށްޓަކައި ކަމަށެވެ.
"އެ ކުންފުނިން ނަން އުނިކުރި ހިސާބުން އަޅުގަނޑުމެން ޖަމިއްޔަގާ ކުރީގެ ނައިބް ރައީސް އާ އެކަމާ ބެހޭ ގޮތުން ސުވާލު ކުރަމުން އޭނާ ދެންނެވީ އޭނާ (ފަރީދު) އުޅުއްވަނީ އެހެން ކުންފުންޏެއް ހަދަންވެގެންނޭ، ނަމަވެސް އެކަމާ ސުވާލުކުރެއްވުމުން ފަރީދު އިތުރުފުޅު ހައްދަވަމުން ގެންދެވީ، ނަމަވެސް އެކި ފަރާތްތަކު އެ ޖަމިއްޔާ އަށް ދޭން ޖެހޭ ލާރި ނުލިބިގެން ގުޅީމަ އެފަރާތްތަކުން މިބުނަނީ ފަރީދާ ހަވާލުކުރި ވާހަކަ. ނަމަވެސް ފަރީދާ ސުވާލުކުރުމުން ވިދާޅުވަނީ އެއީ އޭނާ އަށް ދިން ފައިސާއެކޭ، އެގޮޮތުން އެކިފަރާތްތަކުން މިލިއަނަކަށް ވުރެ ގިނަ ފައިސާ ނަގާފައިވާ ކަމަށް އަޅުގަނޑުމެންނަށް މިލަފާކުރެވެނީ،" ފައުޒީ ވިދާޅުވި އެވެ.
އިސްލާމިކް ފައުންޑޭޝަންގެ އިލްމުވެރިންގެ ނައިބް ރައީސްގެ މަގާމުގައި ކުރިން ހުންނެވި ޝައިހު ފަރީދާ އެކަމާ ބެހޭ ގޮތުން ސުވާލުކޮށްލުމަށް ސަންއިން ގުޅާލުމުން ފަރީދު މާބުރަކޮށް އުޅުއްވާތީ އޭނާގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
އިސްލާމިކް ފައުންޑޭޝަނުން ހިންގަމުން ގެންދާ އެމްވީޓީވީއަކީ ދީނީ އަދި އިޖުތިމާއީ ޕްރޮގްރާމްތައް ގެނެސްދިނުމަށް ހާއްސަ ކޮށްގެން މިދިޔަ އަހަރު ހިދުމަތް ދޭން ފަށާއިފައިވާ ޓޫވީ ޗެނަލެކެވެ.