ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދުގެ ރަނިންމޭޓަކަށް ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ ކަނޑައަޅުއްވާފައިވާ ކަން މިއަދު އިއުލާން ކުރައްވައިފި އެވެ.

ވަހީދުގެ ރަނިންމޭޓް އިއުލާން ކުރުމަށް މިއަދު ޓްރޭޑާސް ހޮޓަލުގައި ބޭއްވި ބައްދަލުވުމުގައި ރައީސް ވަހީދު ވިދާޅުވީ ތަސްމީނަކީ އިތުރު ތައާރަފަކަށް ބޭނުންވާނެ ބޭފުޅެއް ނޫން ކަމަށެވެ. އަދި ރައީސް ވިދާޅުވީ އެ ދެ ބޭފުޅުންނަކީ އަންނަ ސެޕްޓެމްބަރު 7ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވާނެ އެންމެ ވަރުގަދަ ޓީމު ކަމަށެވެ.

"ފުރަތަ ތިބޭފުޅުންގެ ހިތްޕުޅަށް އަރައިވަޑައިގެންފާނެ މި ދެބޭފުޅުންނަކީ ވަރަށް ދަންނަ ދެ ބޭފުޅުންނޭ. ރިޔާސީ އިންތިހާބުތަކުގައި. ދެހާސް އަށް ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އަޅުގަނޑުމެން ދެ މީހުން ތިބީ، މިރާއްޖޭގައި އޭރު ތިއްބެވި އިސް ދެ ކެނޑިޑޭޓުންގެ ރަނިންމޭޓުންގެ ގޮތުގައި، އަދި މި ގައުމުގެ ސިޔާސީ މަސްރަހު ވަރަށް ބޮޑަށް ބައިވެ، ދެ ކޮޅަށް މަސައްކަތް ކުރައްވާ ދެ ލީޑަރުންގެ ފަހަތްޕުޅުގައި. ނަމަވެސް މިއަދުގެ ހާލަތު އޮތް ގޮތުން އަޅުގަނޑުމެންނަށް ގަބޫލު ކުރެވެނީ އަޅުގަނޑުމެން އެބަޖެހޭކަން އަޅުގަނޑުމެންގެ ސިޔާސީ ފިކުރަށް ވުރެ، އަޅުގަނޑުމެންގެ ގައުމު އިސްކުރަން،" ރައީސް ވަހީދު ވިދާޅުވި އެވެ.

ތަސްމީން ވިދާޅުވީ ރިޔާސީ އިންތިހާބަށް އެކަތިގަނޑެއްގެ ގޮތުގައި އެންމެން ވެސް ނުކުންނަން ޖެހޭ ކަމަށާއި އެހެންނޫނީ 2008 ވަނަ އަހަރުގެ ފަހުން ގައުމު ދެކުނު ހިތި ތަޖުރިބާ ތަހަންމަލް ކުރަންޖެހިދާނެ ކަމަށެވެ. އަދި ވިދާޅުވީ ރައީސް ވަހީދުގެ ރަނިންމޭޓުކަން ގަބޫލު ކުރެއްވި ސަބަބަކީ "މި މަސައްކަތުގައި ޑީއާރްޕީގެ ސައްތައިންސައްތަ ބައިވެރިވުމާއި ހިއްސާވުން އޮންނާނެކަން ކަށަވަރުކޮށްދިނުން" ކަމަށެވެ.

"ޑރ. ވަހީދުގެ އިލްމީ ގާބިލު ކަމާމެދު ސުވާލެއް ނެތް. އެމަނިކުފާނުގެ މަޑުމައިތިރިކަމާއި ސާބިތުކން ވޭތުވެދި ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ދިވެހިރައްޔިތުންނަށް ހާމަކޮށްދެއްވައިފި. މިއަދު މިގައުމު ވެއްޓިފައިވާ ފުން ވަޅުގަނޑުން އަރައިގަތުމަށްޓަކައި ރާއްޖޭގައި ތިއްބެވި ގައުމަށް ހެޔޮ އެދިވަޑައިގެންނަވާ ފަންނީ ގާބިލް އިލްމީ ތަޖުރިބާކާރު ހުރިހާ ބޭފުޅުންގެ މަސައްކަތް އެބަ ބޭނުންވޭ،" ތަސްމީން ވިދާޅުވި އެވެ.

ރައީސް ވަހީދުގެ ރަނިންމޭޓުކަން އިއުލާން ކުރި ބައްދަލުވުމަށް އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ވަޑައެއް ނުގަންނަވަ އެވެ. ނަމަވެސް އެ ޕާޓީގެ މަޖިލިސް މެންބަރު ފަރެސް މާތޮޑާ ދާއިރާގެ މެންބަރު އިބްރާހިމް މުއްތަލިބާއި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝެއިހް މުހައްމަދު ދީދީ އެ ބައްދަލުވުމަށް ވަޑައިގެންނެވި އެވެ.