މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެމްބަރުންނަށް 2011 ވަނަ އަހަރު ލިވިން އެލަަވަންސްގެ ގޮތުގައި ދޫކޮށްފައިވާ ފައިސާގެ ތެރެއިން 877500ރ. އަނބުރާ ހޯދާފައި ނުވާ މައްސަލަ އަނެއްކާ ވެސް އޮޑިޓާ ޖެނެރަލް ފާހަގަކުރައްވައިފި އެވެ.

އޮޑިޓް އޮފީހުން މިއަދު ނެރެފައިވާ މޯލްޑިވްސް މީޑިއާ ކައުންސިލްގެ 2012 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައި ބުނެފައި ވަނީ އެ ކައުންސިލްގެ ކުރީގެ އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރެއިން އިސްލާހީ ފިޔަވަލު އަޅާފައި ނުވާ ކަންތައްތަކުގެ ތެރޭގައި މީޑިއާ ކައުންސިލްގެ މެމްބަރުންނަށް އެލަވަންސްގެ ގޮތުގައި 2011 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ނިޔަލަށް ދޫކޮށްފައިވާ 900،000 ހޯދުމަށް ފިޔަވަޅެއް އަޅާފައި ނުވާ ކަމަށެވެ.

އެގޮތުން 2011 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން ލިވިން އެލަވަން ނުނެގި ނަމަވެސް އޮކްޓޫބަރު މަހުގެ ނިޔަލަށް އެ އެލަވަންސް ނަގާފައިވާ 15 މެމްބަރުންގެ ތެރެއިން ފައިސާ އަނބުރާ ދައްކާފައި ވަނީ ދެ މެމްބަރުން ކަމާއި ބާކީ 13 މެމްބަރުންނަށް ދީފައިވާ 877500ރ. މި އަހަރުގެ ފެބުރުއަރީ މަހުގެ ނިޔަލަށް ހޯދާފައި ނުވާކަން ފާހަގަކޮށްފައިވެ އެވެ. އަދި އެ ފައިސާ ހޯދުމަށް ދެ ފަހަރެއްގެ މަތިން މެމްބަރުންނަށް ސިޓީ ފޮނުވުމުގެ އިތުރުން އެހެން މަސައްކަތެއް ކޮށްފައިނުވާ ކަމަށް ބުނެފައިވެ އެވެ.

އަދި މިހާތަނަށް ވެސް އެ ފައިސާ ހޯދާފައިވާ ކަމެއް ވެސް އެ ރިޕޯޓްގައި ބުނެފައެއް ނުވެ އެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލުން މިދިޔަ އަހަރު ގަވައިދަށް އަމަލުކޮށްފައިވާ މިންވަރާ މެދު އޮޑިޓާ ޖެނެރަލް ފާހަގަ ކޮށްފައި ވަނީ މިދިޔަ އަހަރު އެ ކައުންސިލުން ރާއްޖެ އިން ބޭރަށް ކޮށްފައިވާ ދެ ދަތުރުގެ ދަތުރު ރިޕޯޓާއި އިންސިޑެންޝަލް ފައިސާ ހަރަދުކުރެވުނު ގޮތުގެ ރިޕޯޓް މާލިއްޔަތު ގަވައިދުގައިވާ މުއްދަތުގައި ހުށައަޅާފައިނުވާ ކަމަށެވެ.

އެ އޮޑިޓް ރިޕޯޓްގައި އިތުރަށް ބުނެފައި ވަނީ 2012 ވަނަ އަހަރު މޯލްޑިވްސް މީޑިއާ ކައުންސިލުން މައިގަނޑު ގޮތަކަށް ހަރަދުތައް ކޮށްފައި ވަނީ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓާ އެއްގޮތަށް ބަޖެޓުގެ މަގުސަދު ހާސިލްވާ ގޮތަށް ކަމަށެވެ.

މީޑިއާ ކައުންސިލްގެ 2011 ވަނަ އަހަރު އާންމު ކުރި 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައި ބުނެފައި ވަނީ 2011 ވަނަ އަހަރުގެ ޖެނުއަރީ މަހު އެ ކައުންސިލްގެ މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލަށް ފަހު، ރައީސްގެ މުސާރަ 8000ރ. އަށް ބޮޑުކޮށް، ނާއިބު ރައީސްގެ މުސާރަ 6،500ރ. އަށް ބޮޑުކޮށް، އަދި އާންމު މެންބަރުންގެ މުސާރަ 5،000ރ. އަށް ބޮޑުކޮށްފައި ވަނިކޮށް، އެ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން، ރައީސާއި ނާއިބު ރައީސާއި އަދި ކޮންމެ މެންބަރަކު މުސާރައިގެ އިތުރުން މަހަކު 7500ރ. ނަގާފައިވާ ކަމަށެވެ.