ސ. ގަމުން ކޮލަމްބޯއަށް ދަތުރުތައް ކުރާނީ ގއ. އާއި ގދ. އަދި ފުވައްމުލަކުން ދާން ބޭނުންވާ މީހުންނަށް ކަނެކްޝަންދީގެން ކަމަށް އައިލެންޑް އޭވިއޭޝަން ސާވިސަސް އިން ބުނެފި އެވެ.

ސަރުކާރުގެ ވައިގެ ދަތުރުފަތުރުގެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ހާރިސް ވިދާޅުވީ އޮގަސްޓް ހަތް ވަނަ ދުވަހު ގަމުން ކޮލަމްބޯއަށް ދަތުރުކުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައްވަމުން އަންނަ ކަމަށެވެ.

"ދަތުރުތައް ފަށާއިރު ދެ ފަރާތުގެ އޮޕަރޭޝަން އަދި ރެގިއުލޭޝަން، ލީގަލް ސައިޑުން ކުރަން ޖެހޭ ކަންތައްތައް އެބަހުރި. އޭގެ އިތުރުން ސްރީލަންކާއަށް ޝެޑިއުލަށް ދަތުރުތައް ފެށުމަށް ކުރަން ޖެހޭ ކަންތައްތަކަށް ދުވަސް ކޮޅެއް ނަގާނެ،" އޭނާ ވިދާޅުވި އެވެ.

ހާރިސް ވިދާޅުވީ ކޮލަމްބޯއަށް ދަތުރުތައް ފަށާއިރު ސްރީލަންކަންއާއެކު ކޯޑް ޝެއަރިން އަދި އިންޓަލައިން އެރޭންޖްމަންޓެއް ހެދުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

"އޭރުން ދެ ފަރާތަށް ވެސް މީގެ ފައިދާކުރާނެ. އަޅުގަނޑުމެން މި ފޯކަސް ކުރަނީ ހަމައެކަނި އައްޑުއަކަށް ނޫން. ގއ. ކޫއްޑު އާއި ގދ. ކާޑެއްދޫ އަދި ފުވައްމުލަކުން ކޮލަމްބޯއަށް ދާން ބޭނުންވާ ފަރާތްތަކަށް އެ ކަނެކްޝަން އަޅުގަނޑުމެން ހަމަޖައްސާނަން. އޭރުން ކޮންމެ ގޮތެއްވިޔަސް މިހާރު މާލެ އައިސް ކޮލަމްބޯއަށް ދާން ކުރަން ޖެހޭ ހޭދައަށް ވުރެ ކުޑަވާނެ ސީދާ ގަމުން ދާންވީމަ،" އޭނާ ވިދާޅުވި އެވެ. "ގަމާއި ކޮލަމްބޯއާ ދެމެދު ކުރާ ދަތުރުތަކުގެ އަގުތައް އެކަށީގެންވާ ހެޔޮ އަގެއްގައި ކުރެވޭނެ،"

ހާރިސް ވިދާޅުވީ މޯލްޑިވިއަން އިން ގަމާ ކޮލަމްބޯއާ ދެމެދު ދަތުރުކުރާއިރު ކާގޯ އުފުލުމުގެ އިންތިޒާމް ވެސް ހަމަޖައްސައިދޭނެ ކަމަށެވެ.

މޯލްޑިވިއަން އިން ގަމާއި ކޮލަމްބޯއާ ދެމެދު ދަތުރުތައް ފަށާއިރު ސްރީލަންކަން އެއާލައިންސް އިން ވެސް ގަމާއި ކޮލަމްބޯއާ ދެމެދު ސީދާ ދަތުރުތައް ފެށުމަށް ސަރުކާރަށް ހުށަހަޅާފައިވެ އެވެ. ނަމަވެސް އެކަން ފަށާނެ ދުވަހެއް އެ އެއާލައިނުން ނުބުނެ އެވެ.