ރައްޔިތުންނާއި ސަރުކާރު ބައިވެރިވާ ވިޔަފާރި ބޭންކް، ބޭންކް އޮފް މޯލްޑިވްސް ޑިރެކްޓަރުންގެ ބޯޑަށް އިންތިހާބުކުރަން ޖެހޭ ތިން ޑިރެކްޓަރުން އިންތިހާބުކޮށް ހަތް ޑިރެކްޓަރަކު ސަރުކާރުން އައްޔަންކޮށްފި އެވެ.


އިސްލާމީ މަރުކަޒުގައި ރޭ އޮތް އެ ބޭންކްގެ އޭޖީއެމްގައި އާންމު ހިއްސާދާރުންގެ ފަރާތުން ބޯޑުގައި ތަމްސީލު ކުރެއްވުމަށް ވާދަ ކުރެއްވި ހަތަރު ބޭފުޅުންގެ ތެރެއިން އެންމެ ގިނަ ވޯޓު ހޯއްދަވައިގެން ބޯޑަށް ހޮވިވަޑައިގަތީ އެސްޓީއޯގެ ކުރީގެ ޗީފް އެގްޒެކެޓިވް އޮފިސާ އަހުމަދު މުހަންމަދެވެ. ދެ ވަނަ އަށް އެންމެ ގިނަ ވޯޓު ހޯއްދަވައިގެން އާންމުން ތަމްސީލު ކުރެއްވުމަށް ހޮވިވަޑައިގަތީ މއ. ޓިއުލިޕްވިލާ މުހަންމަދު އަބްދުއްސައްތާރެވެ. އަދި ތިން ވަނަ އަށް ފައިނޭންސް މިނިސްޓްރީގެ ކުރީގެ ޑައިރެކްޓަރު، ނ. ހޮޅުދޫ ނެލުމް، އިބްރާހީމް މުހައްމަދެވެ.


ބީއެމްއެލްގެ ބޯޑަށް ސަރުކާރުން އައްޔަން ކުރެއްވި ހަތް ޑިރެކްޓަރުންނަކީ، ބޯޑުގެ މިހާރުގެ ވެސް ޗެއާމަން މ. އަސްރަފީގެ އާދަމް އިބްރާހީމާއި މ. ތާނގީދޮށުގޭ އައިޝަތު ނޫރައްދީނާއި މއ. އަނޫމާ ޖައިޝަމް އިބްރާހީމާއި މ. ވާރޭވިލާ އަސްއަދު އަލީ އާއި މ. ފިނިވާގެ ނަމްބަރު 2، އަޒުބާން ފަހުމީ އާއި ގ. އަތަ ހަސަން މުޒުނީ އާއި ހ. މީރުބަހުރުގޭ ނުހާ މުހައްމަދު ރިޒާ އެވެ.


ރޭގެ ޖަލްސާގައި ވެސް އެސްޓީއޯ އާއި އެމްޓީޑީސީ ގޮތަށް އާންމު ޑިރެކްޓަރުން ހޮވުމުގައި ސަރުކާރުން ވޯޓު ލުމަށް މަސައްކަތް ކުރި އެވެ. އަދި ސަރުކާރުގެ ހިއްސާ ތަމްސީލު ކުރެއްވުމަށް ވަޑައިގަތް، ފައިނޭންސް މިނިސްޓްރީގެ ޑިޕިއުޓީ ޑިރެކްޓަރު އަލީ އާރިފު ޖަލްސާ ފެއްޓެން ކައިރިވެފައި ވަނިކޮށް ހޯލުން ނުކުންނެވުމުން ކޯރަމް ގެއްލިގެން ޖަލްސާ ހުއްޓާލަން ނުޖެހުނީ ވެސް ކިރިޔާ އެވެ. އޭނާ ހޯލަށް ވެދެވަޑައިގަތީ، ކޯރަމް ގެއްލިގެން ޖަލްސާ ކެންސަލް ކުރައްވަން މައިކްރޯ ފޯން އޮން ކުރައްވައި ޗެއާމަން ވާހަކަ ދައްކަވަން ފެއްޓެވި ފަހުންނެވެ.


ސަރުކާރުން ބުނަމުން އައީ ކުންފުނީގެ ހިންގާ ގަވައިދުގައި އާންމު ހިއްސާދާރުން ހޮވަން ޖެހޭނީ- ސަރުކާރުގެ ހިއްސާ ބައިވެރިނުކޮށް- އާންމު ހިއްސާދާރުން ވޯޓުލައިގެން ކަމަށް ބުނާ މާއްދާ އަކީ ކުންފުނީގެ ގާނޫނާ ހިލާފު މާއްދާއެއް ކަމަށާއި އެއީ ބާތިލު މާއްދާއެއް ކަމަށެވެ. ނަމަވެސް މަޝްހޫރު ގާނޫނީ ވަކީލު ޝާހީން ހަމީދު ވެސް ކުންފުނީގެ ލޯޔަރެއްގެ ގޮތުގައި އިންނެވި ޖަލްސާގައި ޗެއާމަން ނިންމެވީ، ކުންފުނީގެ އާޓިކަލްސް އޮފް އެސޯސިއޭޝަންގައި އޮތީ ރަނގަޅަށް ކަމަށާއި ކުންފުނީގެ މައިނޯރެޓީ ހިއްސާދާރުންގެ ހައްގުތައް ހިމާޔަތް ކުރުމަށް ހިންގާ ގަވާއިދުގައި އޮތް ގޮތަކީ ރަނގަޅު ގޮތް ކަމަށެވެ. އަދި އެއީ ގާނޫނާ ފުށުއަރާ މާއްދާއެއް ނޫން ކަމަށެވެ.


ބީއެމްއެލްގެ ހިންގާ ގަވައިދުގެ 51 ވަނަ މާއްދާގައި ބުނެފައި ވަނީ "އާންމުން އިންތިހާބު ކުރާ ޑިރެކްޓަރުން ހޮވާނީ އެކަމަށް ޓަކައި އާންމު ހިއްސާދާރުންގެ ޕޯލްއެއްގެ ނަތީޖާ ދައްކާ ގޮތަކަށެވެ،"  


ބޭންކްގެ މިދިޔަ އަހަރުގެ ފައިދާ ބޮޑު ތަނުން ދަށްވެފައިވާތީ، ރޭގެ ޖަލްސާގައި މެނޭޖުމަންޓަށް ވަރަށް ބޮޑަށް ފާޑު ރައްދުކުރި އެވެ. ނަމަވެސް އެ ސުވާލުތަކާއި ކޮމެންޓްތަކަށް ރިއާސަތުން އާދަމް އިބްރާހީމް ދެއްވީ " ވަރަށް ފެން ޖަވާބެކެ"ވެ.


ރޭގެ ޖަލްސާގައި ކުންފުނީގެ މިދިޔަ އަހަރުގެ އޮޑިޓަރު އާނެސްޓް އެންޑް ޔަންގް ބަދަލުކޮށް، އާ އަހަރަށް އޮޑިޓަރަކަށް ހަމަޖެއްސީ، 36500 ޑޮލަރަށް ޕްރައިސް ވޯޓާސް ކޫޕްސް އެވެ.


ބީއެމްއެލްގެ މިދިޔަ އަހަރުގެ ފައިދާ، ކުރީ އަހަރަށް ވުރެ 220 މިލިއަން ރުފިޔާ ދަށްވެފައިވެ އެވެ. އަދި އެހެންކަމާ އެކު ހިއްސާގެ ފައިދާ ބަހަން ނުފެންނަ ކަމަށް ޑިރެކްޓަރުންގެ ބޯޑުން ވަނީ ނިންމައިފަ އެވެ.