ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެމްޑީޕީން ކާމިޔާބުކުރާނެ ކަމަށާއި ވެރިކަމަށް އަންނަތާ ތިން މަސް ދުވަހުގެ ތެރޭގައި ސިފައިންގެ އާއި ފުލުހުންގެ އިދާރާ އެމްޑީޕީގެ "ބާރުގެ ދަށަށް" ގެންނާނެ ކަމަށް އެ ޕާޓީގެ ޕާލިމަންޓްރީ ގްރޫޕްގެ ނައިބް ލީޑަރު އަދި ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

އެމްޕީއެލް ސަރަހައްދުގައި ހުންނަ އެ ޕާޓީގެ ހަރުގޭގައި ރޭ ވާހަކަ ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ އެމްޑީޕީގެ ވެރިކަން ބަދަލުކޮށްލުމުގައި ހިނގި "ބަޣާވާތުގައި" ބައިވެރިވި ފުލުހުންނާއި ސިފައިން ކުރި ކުށުގެ އަދަބު އެ ފަރާތްތަކަށް ދޭނެ ކަމަށާއި އެ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމަށެވެ. އަދި ފުލުސް އޮފީހާއި ސިފައިން ގޭގައި ސިޔާސީ ކުލަ ޖެހިފައިވާ ކަމަށް ވެސް އަލީ ވަހީދުގެ ވާހަކައިގައި ވިދާޅުވި އެވެ.

"އެއްގޮތަކަށް ވެސް ހީނުކުރާތި ދުނިޔެ އުމުރަށް ތިބެވޭނެ ތަނެއް ކަމަށް އެތަނަކީ [ސިފައިންގެއަކީ]. ތިން މަސް ދުވަހުގެ ތެރޭގައި އަޅުގަނޑުމެންގެ ބާރުގެ ދަށަށް ފުލުސް އޮފީހާއި ސިފައިންގެ ނަގާނަން. އަދި ފުލުހުންނާ ސިފައިންގެ ތެރޭގައި ތިބި ޅަފުރާގެ ކުދިން ކަންބޮޑުވާނެ ކަމެއް ނެތް. ބަޣާވާތް ކުރި ހުރިހާ އިސް މީހުން އަޅުގަނޑުމެން ކަނޑާ ގެއަށް ފޮނުވާލާނަން. އިސްމީހުން ކަނޑާ ފޮނުވާލާނަން،" އަލީ ވަހީދު ވިދާޅުވި އެވެ.

ސިޔާސީ އިދިކޮޅު ލީޑަރުން ރައްޔިތުންނަށް ވަމުން ގެންދާ ވައުދުތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ އަލީ ވަހީދު ވިދާޅުވީ ލެޕްޓޮޕާއި ކަންނެލި އޮޑިފަދަ ތަކެތި ދޭނެ ކަމަށް ބުނެ ބައެއް ކެންޑިޑޭޓުން މިހާރު ވަރަށް "ފޮނިކަނޑާނެ" ކަމަށާއި ފަހުން މާލެއައުމުން އެ މީހުންނާ ބައްދަލުނުވާނެ ކަމަށެވެ. ނަމަވެސް ރައީސް ނަޝީދު ރައްޔިތުންނާ ބައްދަލުކުރައްވާނީ އެމްޑީޕީގެ ސިޔާސަތުގެ ތެރެއިން އައިޑީކާޑުގެ ތެރެއިން ލާފައި ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ.

"އޭޑީކޭ އަށް ބޭސްފަރުވާ ކުރަންދާ މީހާ އަށް އެނގޭނެ ނަގާ ބޭހަށް ފައިސާ ދައްކަން ނުޖެހުނީމާ ތިމަންނާގެ ވޮލެޓްގައި އަންނި އެބައޮތްކަން،" އަލީ ވަހީދު ވިދާޅުވި އެވެ.

މީގެ އިތުރުން ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ ވިޔަފާރިތައް ފުޅާކޮށް ވަކި ބަޔަކަށް ފައިދާ ލިބޭގޮތަށް ރާއްޖޭގައި ވިޔަފާރިތައް އޮތް އޮތުން ނިމުމަކަށް ގެންނަ އެމްޑީޕީގެ ގެސްޓް ހައުސް ވިޔަފާރި ފަދަ ސިޔާސަތުތަކަކީ އިދިކޮޅު ފަރާތްތަކަށް ހަޖަމު ކުރެވޭނެ އެއްޗެއް ނޫން ކަމަށެވެ.