ބައިނަލްއަގްވާމީ ރަހުމަތްތެރި ކަމުގެ މެޗެއްގައި ރޭ ފްރާންސް އަތުން 3-0 ބްރެޒިލް މޮޅުވެއްޖެ އެވެ.

ބްރެޒިލްގައި ކުޅުނު އެ މެޗުގެ ފުރަތަމަ ލަނޑު އެ ޓީމުން ޖެހީ މެޗުގެ 54 ވަނަ މިނެޓުގައެވެ. އެލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޗެލްސީއަށް ކުޅެމުން އަންނަ މިޑްފީލްޑަރު އޮސްކާ އެވެ. ފްރާންސް ކޮޅަށް ބްރެޒިލްއިން ޖެހި ދެ ވަނަ ލަނޑު މެޗުގެ 85 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން އެޓީމަށް ކާމިޔާބު ކޮށްދިނީ ލާޒިއޯގެ މިޑްފީލްޑަރު އެންޑަސަން ހެނާނޭސް އެވެ.

ރޭގެ މެޗުގައި ބްރެޒިލްއިން ފްރާންސް ކޮޅަށް ޖެހި އެޓީމުގެ ތިން ވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ ޕީއެސްޖީއަށް ކުޅެމުންދާ މިޑްފީލްޑަރު ލޫކަސް މޯރާ އެވެ.

ބްރެޒިލްގައި ބާއްވާ ކޮންފެޑެރޭޝަންސް ކަޕަށް ތައްޔާރު ވުމުގެ ގޮތުން އެ ގައުމުން ދާދި ފަހުން ވެސް ވަނީ އިންގްލެންޑާ ދެކޮޅަށް ވެސް ރަހުމަތްތެރި ކަމުގެ މެޗެއް ކުޅެފަ އެވެ. އެހެން ނަމަވެސް އެމެޗް ނިމުނީ 2-2 ލަނޑުން ދެ ޓީމް އެއްވަރު ވެގެންނެވެ.

ރޭގެ މެޗަށް ފަހު ބްރެޒިލްގެ ކޯޗު ލުއިސް ފެލީޕޭ ސްކޮލާރީ ބުނީ، މެޗުން މޮޅުވުމުން ވަރަށް އުފާވާ ކަމަށާއި ރޭގެ މެޗުގައި އޭނަގެ ޓީމުގެ ހުރިހާ ކުޅުންތެރިންގެ ފަރާތުން ވެސް ފެނުނީ ވަރަށް މޮޅު ކުޅުމެއް ކަމަށެވެ. އަދި ރޭގެ މެޗުން މޮޅުވުމުން އަމިއްލަ ގައުމުގައި ބާއްވާ ކޮންފެޑެރޭޝަންސް ކަޕުގައި ވާދަކުރުމަށް ވެސް ބްރެލިއަށް އިތުރު ހިތްވަރެއް ލިބިއްޖެ ކަމަށް ކޯޗު ލުއިސް ބުންޏެވެ.

"ރޭ އަހަރެންގެ ޓީމުން ދެއްކީ މޮޅު ކުޅުމެއް. ވަރަށް އުފާވެއްޖެ ފްރާންސް އަތުން މޮޅުވުމުން. ފްރާންސްއަކީ ބަލި ތީމެއް ނޫން. އެކަމަކު ވެސް އަހަރުމެން މޮޅުވީ ވަރަށް މަސައްކަތް ކޮށްގެން،" ކޯޗު ލުއިސް ބުންޏެވެ.

ފީފާ ރޭންކިންގައި ބްރެޒިލް މިވަގުތު އޮތީ 22 ވަނަ މަގާމްގައެވެ. އަދި ރޭ ބްރެޒިލް އަތުން ބަލިވި ފްރާންސް އޮތީ ފީފާ ރޭންކިންގައި 18 ވަނަ މަގާމް ގައެވެ.