ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ދަށުން ހިއްކުމަށް ނިންމާފައިވާ ބިންހުއްކުމުގެ މަސައްކަތް ކުރިއަށް އޮތް މަހެއް ނުވަތަ ދެމަހެއްހާ ތެރޭގައި މަސައްކަތް ހަވާލުކުރެވޭނެ ކަމަށް ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން އެކޯޕަރޭޝަންގެ ޗެއާމަން އަލީ ޝަރީފް ވިދާޅުވީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ދަށުން ހިއްކުމަށް ނިންމާފައިވާ 240 ހެކްޓަރުގެ ބިމުގެ މަސައްކަތް ކުރިއަށް އޮތް އެއް މަސް ނުވަތަ ދެ މަސް ތެރޭގައި ބަޔަކާއި ހަވާލުކުރެވި ކޮންޓުރެކްޓުގައި ސޮއިކުރެވޭނެ ކަމަށެވެ. އަދި އެމަޝްރޫއުގެ ދަށުން ބިންހިއްކުމުގެ މަސައްކަތް އަށް މަސް ދުވަހުގެ ތެރޭގައި ނިންމާލެވި ތޮށިލުމުގެ މަސައްކަތް އެއް އަހަރު ތެރޭގައި ނިންމާލެވޭނެކަމަށް ލަފާ ކުރެވޭކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހުޅުމާލޭ ބިން ހިއްކުމުގެ ދެ ވަނަ ފިޔަވަހީގެ ދަށުން ހިއްކުމަށް ނިންމާފައި ވަނީ ފަރުކޮޅުފުއްޓާ ދިމާލުން 240 ހެކްޓަރުގެ އެވެ. އެއީ ލައްކައެއްހާ މީހުންގެ އާބާދީ އަކަށް އަމާޒުކޮށްގެން ހިއްކާ ސަރަހައްދެކެވެ. އަދި އެމަސައްކަތް ފެށޭނެ ކަމަށް ކުރިން ބުނެފައިވާ ތާރީހުތައް ވަނީ ތަފާތު އެތައް ފަހަރެއްގެ މަތިން ފަސްކޮށްފަ އެވެ.

ބިން ހިއްމުގެ މަސައްކަތް ކުރަމުންދާއިރު ހިއްކާ ސަރަހައްދުގައި އޮތް ކުލަފަރު ރިސޯޓަށް ހަދަނީ ކިހިނެއްތޯ މެމްބަރުން ސުވާލުކުރުމުން އެކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ސުހެއިލް އަހުމަދު ވިދާޅުވީ އެ ކޯޕަރޭޝަންގެ ވިސްނުން ހުރީ ހިއްކުމުގެ ތެރެއަށް އެ ރަށް ދަންދެން އެ ރަށް ހިއްކުމުގެ މަސައްކަތް އެ ކޯޕަރޭޝަންނުން ކުރުމަށް ކަމަށެވެ. އެގޮތުން އެއީ އެ ކުންފުއްޏަށް ދިމާވެފައިވާ ބޭރު ފައިސާގެ މައްސަލައަށް ވެސް ހައްލެއް ލިބިގެންދާނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް މިހާރު އެ ރިސޯޓް އޮތް ހާލަތުން ހިންގަން ބޭނުންނަމަ ބޮޑެތި ހަރަދުތަކެއް ކުރަން ޖެހޭކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރިސޯޓް ހިންގުމަކީ އެ ކޯޕަރޭޝަންގެ މެންޑޭޓް ތެރޭގައި ހިމެނޭ ކަމެއް ނޫން ކަމަށާއި އެހެންކަމުން ރިސޯޓް ހިންގަންބޭނުންނަމަ އެ ކުންފުނީގެ މެންޑޭޓް ބަދަލުކުރަންޖެހޭ ކަމަށެވެ. ނަމަވެސް މެންޑޭޓް ބަދަލުކުރުމުގެ މަސައްކަތެއް އަދި ނުކުރާކަމަށް ސުހެއިލް ވިދާޅުވި އެވެ.

އެ ކޯޕަރޭޝަނުން ހަތް ރަށެއްގެ ބިންހިއްކުމުގެ މަސައްކަތް ކުރުމަށް ނިންމާފައިވާތީ އެކަމާ ގުޅިގެން މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެމުން ސުހެއިލް ވިދާޅުވީ އެ ކުންފުނިން ސަރުކާރާއި އެކު އެމްއޯޔޫއެއްގައި ސޮއިކޮށްފައި ވަނީ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން އެ ހަތް ރަށް ހިއްކާއިރު އޭގެ ތެރެއިން ހަތަރު ރަށުގެ ބިން ހިއްކުމަށް ލިބެން ޖެހޭ ފައިސާ ހުޅުމާލޭގައި ހަދާ 700 ފުލެޓްގެ ކުލި އެ ކުންފުންޏަށް ދޭ ގޮތަށް ކަމަށެވެ. އަދި ދެން ބާކީ އޮތް ތިން ރަށުގެ ހިއްކުމަށް ނިންމާފައި ވަނީ ސަރުކާރުގެ ބަޖެޓުގެ ތެރެއިން ކަމަށާއި އެގޮތުން މިއަހަރުގެ ބަޖެޓުން އެއިން ކޮންމެ ރަށަކަށް 10 މިލިއަން ރުފިޔާ ސަރުކާރުގެ ފަރާތުން ދޭނެ ކަމަށާއި އަދި ބާކީ ދޭން އޮތް ފައިސާ އަންނަ އަހަރު ދިނުމަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.