10 Jun 2013, 12:00
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ހިންގަން ސަރުކާރުން އަލަށް އުފެއްދި ކުންފުނީގެ ބަދަލުގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އެ އެއާޕޯޓް ހިންގާ ގޮތަށް ހަމަޖައްސައިފި އެވެ.
ސަރުކާރުގެ އޮފިޝަލަކު މިއަދު ވިދާޅުވީ ސަރުކާރުން މިހާރު ނިންމާފައި ވަނީ އެއާޕޯޓް ހިންގުމަށް އަލަށް އުފެއްދި މާލޭ އިންޓަނޭޝަނަލް އެއާޕޯޓް ކޮމްޕެނީ (އެމްއައިއެލް)ގެ ބަދަލުގައި އެމްއޭސީއެލް އިން އެއާޕޯޓް ހިންގާ ގޮތަށް ކަމަށެވެ. އަދި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް ބަންދު އިބްރާހިމް ސަލީމް އައްޔަންކުރައްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސަރުކާރުން ކުރިން ނިންމާފައި އޮތީ އެއާޕޯޓު ހިންގުން އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އާ ކުންފުންޏާ ހަވާލުކުރާ ގޮތަށެވެ.
އެއާޕޯޓް ހިންގުމަށް ސަރުކާރުން އުފެއްދި މާލޭ އިންޓަނޭޝަނަލް އެއާޕޯޓް ކޮމްޕެނީގެ ބޯޑު ޑިރެކްޓަރުން އައްޔަންކުރި ގޮތާ މެދު ބަންޑާރަ ނައިބު އައިޝަތު ބިޝާމް ވިދާޅުވެފައި ވަނީ ޕްރައިވެޓައިޒޭޝަން ގާނޫނަށް އަމަލުކުރަން ފެށުމާއެކު ސަރުކާރުންގެ ކުންފުނިތަކުގެ ބޯޑަށް ރައީސަށް މެމްބަރުން އައްޔަންނުކުރެއްވޭނެ ކަމަށެވެ.
މާލޭ އިންޓަނޭޝަނަލް އެއާޕޯޓު ކޮމްޕެނީ ބޯޑު ރައީސް މުހައްމަދު ވަހީދު އައްޔަންކުރައްވާފައި ވަނީ ޕްރައިވެޓައިޒޭޝަން ގާނޫނު ފާސްވި ފަހުންނެވެ.
ސަރުކާރުގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ އެއާޕޯޓް ހިންގަން އަލަށް އުފެއްދި ކުންފުނި އުވާލަން ޖެހޭ ކަމަށެވެ. ނަމަވެސް އެކަމާ މެދު ރަސްމީކޮށް ގޮތެއް ނިންމާފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ސަން"އަށް އެނގިފައިވާ ގޮތުގައި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު ކަމަށް ބަންދު ސަލީމް އައްޔަންކުރެއްވުމަށްފަހު އެ ކުންފުނީގެ ބޯޑު މެމްބަރުން ބަދަލުކުރާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.
އެމްއައިއެލްގެ ޑިރެކްޓަރުންގެ ބޯޑު މިދިޔަ ފެބްރުއަރީ މަހުގެ ކުރީކޮޅު ރައީސް އެކުލަވާލެއްވުމަށް ފަހު އެ ބޯޑުގެ ޗެއާމަނަކަށް ހަމަޖައްސަވާފައި ވަނީ، ޔުނިވާސަލް އެންޓަޕްރައިސަސްގެ ޗެއާމަން މ. ރުއްކަރަ މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) އެވެ. އޭނާ އަކީ އެއާޕޯޓް ތަރައްގީކޮށް ހިންގުމަށް ސަރުކާރަށް ލަފާ ދިނުމަށް ޓަކައި "އެއާޕޯޓް އެޑްވައިޒަރީ ކޮމިޓީ"ގެ ނަމުގައި ރައީސް އުފެއްދެވި ކޮމިޓީގެ ވެސް ޗެއާމަނެވެ.
އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް ހަމަޖައްސަވާފައި ވަނީ، އައިލެންޑް އޭވިއޭޝަންގެ ޗެއާމަން މއ. ކުއާތްރޯ ބަންދު އިބްރާހީމް ސަލީމެވެ. އެ ބޯޑުގައި ހިމެނިވަޑައިގަންނަވާ އެހެން ބޭފުޅުންނަކީ، ގދ. މަޑަވެލީ ގަހާ އަހުމަދު މުނައްވަރާއި، ގ. ނޫމަރާހިޔާ ތޯރިގް އިބްރާހީމާއި، ދަފްތަރު ނަންބަރު 4076 އަބްދުﷲ ޔަޒީދާއި، ދަފްތަރު ނަންބަރު 8309 އިބްރާހީމް އިޔާސެވެ.
އެއާޕޯޓު ކުރިން ހިންގަމުންގެންދިޔަ އިންޑިއާގެ ޖީއެމްއާރުގެ އެއްބަސްވުން އުވާލުމަށްފަހު މިދިޔަ ޑިސެމްބަރު އަށްވަނަ ދުވަހުން ފެށިގެން އެއާޕޯޓް ހިންގަމުން ގެންދަނީ އެމްއޭސީއެލް އިންނެވެ.