10 Jun 2013, 11:42
އައްޑޫގައި ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމަށް ސަރުކާރުގެ ހިއްސާ އޮންނަ އެމްޑަބްލިއުއެސްސީއާ ހަވާލުކުރަން ރައީސް މުހައްމަދު ވަހީދު ނިންމަވައިފި އެވެ.
ސ. ގަން އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއު ފައްޓަވައިދެއްވުމުގެ ހަފުލާގައި ވާހަކަދައްކަވަމުން ރައީސް ވަހީދު ވިދާޅުވީ އައްޑު އަތޮޅަކީ ރާއްޖޭގައި ދެވަނައަށް އެންމެ ގިނަ މީހުން އުޅޭ ސިޓީ ކަމަށާއި އެ ތަނުގައި ލިބެން ޖެހޭ އަސާސީ ހިދުމަތްތަކެއް ބަރާބަރަށް ލިބެމުން ނުދާ ކަމަށެވެ.
"މި ސިޓީގައި، ރައްޔިތުންނަށް ލިބެންޖެހޭ އަސާސީ ހިދުމަތްތަކެއް ބަރާބަރަކަށް ލިބެމަކުންނުދޭ. މިހެން މިދެންނެވީ ދާދި ފަހުން އަޅުގަނޑު އައްޑޫ ސިޓީއަށް އައިސް ފެނުގެ ހިދުމަތް ގޭގެއަށް ލިބޭނެގޮތް [ހެދުނީ]، އަދިވެސް ހުރިހާ ގެޔަކަށް ނުލިބޭ. އެހެންވީމާ އެ މަސައްކަތް ވެސް އެބަ ކުރަންޖެހޭ. ވަރަށް ގިނަ އަދަދެއްގެ އާއިލާތަކަށް އަދިވެސް ބޯފެނުގެ ހިދުމަތެއް ނުލިބޭ. ހަމައެހެން ފާހާނާ ކުރުމުގެ ނިޒާމު މިއީ ވެސް ކުރަންޖެހޭ ކަމެއް. މިކަން ވެސް އޮތީ ހަމަނުޖެހި. ވީމާ، ވަރަށް މުހިންމު ޑިސިޝަނެއް ކަމަށް އަޅުގަނޑު ދެކެނީ. މިހާރު އަޅުގަނޑުމެންނަށް މި ނިންމޭ ކަމަކީ. އަޅުގަނޑުމެން މި ގަސްދުކުރަނީ އައްޑޫ ސިޓީގެ ބޯފެނާއި ނަރުދަމާއާއި ކަރަންޓާ މި ތިން ހިދުމަތް އަޅުގަނޑުމެން އެމްޑަބްލިޔޫއެސްސީއާ ހަވާލުކުރަން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވަހީދު ވިދާޅުވީ އެ ކުންފުންޏަކީ މިހާރު ރާއްޖޭގައި ހިނގާ ކުންފުނިތަކުގެ ތެރެއިން އެންމެ އެފިޝަންޓްކޮށް އެންމެ މިޒަމާނުގެ ޓެކްނޯލޮޖީ ބޭނުންކޮށްގެން ހިންގާ އެއް ކުންފުނި ކަމަށެވެ.
"ދާދިފަހުން އަޅުގަނޑުވާނީ އެބޭފުޅުން ހިންގަވާ އެހެން ޕްރޮޖެކްޓެއް އިފްތިތާހުކޮށްދީފައި. އަޅުގަނޑަށް ވަރަށް ސާފުކޮށް އެބަ އެނގޭ އެބޭފުޅުންގެ ކެޕޭސިޓީ ހުރީ ކިހާވަރަކަށްކަން،" ރައީސް ވަހީދު ވިދާޅުވި އެވެ. "އެމްޑަބްލިޔުއެސްސީއަކީ މިހާރު ޖަޕާނުގެ ހިޓާޗީ ކުންފުންޏާ އެކީގައި ގުޅިގެން މަސައްކަތް ކުރައްވާ ކުންފުންޏެއް. އެހެންވީމާ މިދެންނެވި ރޮނގު ރޮނގުން ލިބެންހުރި އެންމެ މިހާރުގެ ޓެކްނޮލޮޖީ އެކުންފުންޏަށް އެކްސަސް ކުރެވޭގޮތަށް ހުރީ."
ރައީސް ވިދާޅުވީ އިރާދަކުރެއްވިއްޔާ އައްޑުއަތޮޅުގައި އެ ހިދުމަތްތައް މިހާރަށްވުރެ ރަނގަޅަށް ރޭވިގެން ހުރިހާ ރައްޔިތުންނަށް ބަރާބަރަށް ލިބޭނެގޮތެއް އިންތިޒާމްވެގެންދާނެ ކަމަށެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިއީ ކޮންމެހެން ކުރަންޖެހޭ ކަމެއް. އަދި މިހާރު މި ހަމަޖެހިގެންދާ ގޮތުން އިރާދަކުރެއްވިއްޔާ އެކަން ކުރެވޭނެ. އެކަމުގައި ދަތިތަކެއް އެބަހުރި. އެހެން ނަމަވެސް އެ ދަތިތައް ފިލުވައިގެން އަޅުގަނޑުމެން ޖެހޭނެ އެކަން ކުރަން،" ރައީސް ވަހީދު ވިދާޅުވި އެވެ.
އައްޑޫގައި ބޯފެނާއި ނަރުދަމާގެ ހިދުމަތް ދިނުމަށް ކުރީގެ ސަރުކާރުން ވަނީ ބައިވޯޓާ ކިޔާ ބޭރުގެ ކުންފުންޏަކާ ހަވާލުކޮށްފަ އެވެ. ނަމަވެސް އެ ކުންފުންޏާ ހަވާލުކުރި މަޝްރޫއު އެދެވޭ ގޮތެއްގައި ކުރިޔަށް ނުދާ ކަމުގެ ޝަކުވާ އައްޑޫގެ ރައްޔިތުން ކުރަމުން ގެންދެ އެވެ.