ރާއްޖޭގެ އަދުލް އިންސާފު ގާއިމުކުރުމުގެ ނިޒާމުގެ މަސައްކަތްތައް ހަރުދަނާކުރުމުގެ ގޮތުން ރާއްޖޭގެ ޖުޑީޝަލް އޮފިސަރުން ތަމްރީންކުރުމަށް އެހީވުމަށް އިންޑިއާ އިން ހުށަހަޅައިފި އެވެ.

ރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިން އިންޑިއާ އަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ޖުޑީޝަލް އޮފިސަރުން ތަމްރީންކުރުމުގެ އެހީވުމަށް ހުށަހަޅާފައި ވަނީ އިންޑިއާގެ އެކްސްޓާނަލް މިނިސްޓަރު ސަލްމާން ހޫރުޝިދާ އެކު ބޭއްވެވި ބައްދަލުކުރެއްވުމުގަ އެވެ.

އިންޑިއާގެ އެކްސްޓާނަލް މިނިސްޓްރީ އިން ބުނީ އިންޑިއާއާއި ރާއްޖެއަކީ ޒަމާނުއް ސުރެ ބަދަހި ގާތް ގުޅުމެއް އޮންނަ ދެގައުމު ކަމަށާއި ރާއްޖެ އަށް އެހީތެރިވެވޭ ކޮންމެ ދާއިރާއަކުން އެހީވާން ތައްޔާރަށް ތިބި ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އުއްތަމަ ފަނޑިޔާރު ފާއިޒުގެ މިދަތުރުފުޅަކީ އިންޑިއާގެ އުއްތަމަ ފަނޑިޔާރު އަލްޓްމަސް ކަބީރުގެ ދައުވަތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެކެވެ.

އިންޑިއާގެ އެކްސްޓާނަލް މިނިސްޓްރީ އިން ބުނީ ތަމްރީންކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހުށަހަޅާފައި ވަނީ ގަވާއިދުތަކާއި އުސޫލުތައް އެކުލަވާލުމުގެ ދާއިރާ އިން ކަމަށެވެ.

އުއްތަމަ ފަނޑިޔާރު އިންޑިއާ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިންޑިއާގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ އެކު މަޝްވަރާތައް ކުރުމަށް ހަމަޖެހިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.