10 Jun 2013, 10:19
ރައްޔިތުންނަށް އައިޑީ ކާޑު ހަދައިދިނުމާއި އަދި އެހެނިހެން ހިދުމަތް ފޯރުކޮށްދެނީ ވަކި ކުލައަކަށް ނުވަތަ ވަކި ޕާޓީ އަކަށް ބަލައިގެން ނޫން ކަމަށާއި، އެ މުއައްސަސާއިން ޚިދުމަތް ދެނީ އަސާސީ ޚިދުމަތެއްގެ ގޮތުގައި ދެކިގެން ކަމަށް ޑިޕާޓްމެންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަނުން ބުނެފި އެވެ.
ނޭޝަނަލް ރެޖިސްޓްރޭޝަންގެ ޒިންމާދާރު ވެރިޔާ ފަރީދާ ޔޫސުފް ވިދާޅުވީ އެ ޑިޕާޓްމެންޓަށް ޚިދުމަތް ހޯދަން އަންނަނީ ކޮން ޕާޓީއެއްގެ ނުވަތަ ކޮން ކުލައަކަށް ނިސްބަތްވާ މީހެއްކަމެއް ނޭނގޭނެ ކަމަށާއި، އެ ޑިޕާޓްމެންޓުން ފޯރުކޮށްދޭ ޚިދުމަތަކީ ވަކި މީހަކަށް ބަލައިގެން ފޯރުކޮށްދޭ ޚިދުމަތެއް ނޫން ކަމަށެވެ. އަދި އެ ޑިޕާޓމެންޓުން ރައްޔިތުންންނަށް ޚިދުމަތް ފޯރުކޮށްދޭ އިރު އެއްވެސް މީހަކު ތަފާތު ކުރުމެއް ނުގެންގުޅޭނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް ވެސް ފަރީދާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ޚިދުމަތް ފޯރުކޮށްދެމުން މި ގެންދަނީ ސިޔާސީ ނުފޫޒުން އެއްފަރާތްވެ ތިބެ ރައްޔިތުންނަށް ދޭ އަސާސީ ޚިދުމަތެއްގެ ގޮތުގައި. މި ތަނުގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުން ވެސް މަސައްކަތް ކުރާނީ އެ ގޮތުގައި. އައިޑީ ކާޑެއް ހައްދަން އަންނަ މީހުންގެ ތެރެއިން އަޅުގަނޑުމެން ބަލާނީ ބޭނުންވާ ހުރިހާ މައުލޫމާތެއް ފުރިހަމަ ވެފައިވާ މީހެއްތޯ. އެއީ ކޮން ޕާޓީ އެއްގެ ކާކުތޯ އަޅުގަނޑުމެން ނުބަލަން،" ފަރީދާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރިޔާސީ އިންތިޚާބު ކައިރިވަމުން އަންނާތީ އާއި ސްކޫލް ބަންދު ވުމާއި ގުޅިގެން މިހާރަކަށް އައިސް އައިޑީ ކާޑު ހައްދަން އަންނަ މީހުންގެ ނިސްބަތް އާއްމު ގޮތެއްގައި އިތުރުވަމުން އަންނަ ކަމަށެވެ. އެ ގޮތުން ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް 250 އަށް ވުރެ ގިނަ އެޕްލިކޭޝަން ހުށަހަޅަމުން އަންނަ ކަމަށާއި އަދި އެ އަދަދު އެއަށްވުރެ އިތުރު ވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް ފަރީދާ ވިދާޅުވި އެވެ.
ދެހާސް އަށްވަނަ އަހަރު ނުރަސްމީ ގަޑިތަކުގައި އޮފީސް ހުޅުވައިގެން ވަކި ބަޔަކަށް އައިޑީ ކާޑު ހަދައިން ކަމަށްބުނެ އޭރުގެ އިދިކޮޅު ބައެއް ފަރާތް ތަކުން ވަނީ ވާހަކަތަކެއް ފަތުރާފަ އެވެ. އެ ވާހަކަ ތަކަށް އިޝާރާތް ކުރައްވާ ފަރީދާ ވިދާޅުވީ އެ ވާހަކަަތަކަކީ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށާއި، ނަމަވެސް ރަސްމީ ގަޑީގައި އޮފީސް ހުޅުވި ގޮތަށް ބަންދު ނުކޮށް ދެރޭ މަތިން ކާޑު ހަދަން ބޭނުންވާ ހުރިހާ ފަރާތް ތަކަކަށް ކާޑު ހަދާ ދެވޭތޯ ހޭލާ ތިބެގެން މަސައްކަތް ކުރި ކަމަށެވެ.
"ދެހާސް އަށްވަނަ އަހަރަކީ ވަރަށް ގިނަ އަދަދެއްގެ ބަޔަކަށް ކާޑު ހަދައިދޭން ޖެހުނު އަހަރެއް. އެހެންވީމަ ދެރޭ މަތީން އަޅުގަނޑުމެން އޮފީސް ހުޅުވައިގެން ހޭލާ ތިބެގެން މަސައްކަތް ކުރިން. އަޅުގަނޑުމެން އެގޮތަށް އެކަން ކުރީ ކާޑު ހަދަން ހުށަހަޅާފައި ތިބި އެންމެންނަށް ކާޑުތައް ރައްދު ކޮށްދިނުމުގެ ބޭނުމުގައި. އަސްލު އޭރު ގިނައިން ކުރެވުނު މަސައްކަތަކީ އަތޮޅުތަކުން އައިސް ހުރި ކާޑުތައް އެމީހުންނަށް ރައްދު ކޮށްދިނުން. އެކަމަކު ރޭގަނޑު ހުޅުވައިގެން އެއްވެސް ބަޔަކަށް ރަސްމީ ޚިދުމަތެއް ނުދެން. އަނެއްކަ 2008 އަހަރަކީ ވަރަށް ގިނަ އަދަދެއްގެ މީހުންނަށް ކާޑު ހަދަން ޖެހުނު އަހަރެއް،" ފަރީދާ ވިދާޅުވިއެވެ.
ފަރީދާ ވިދާޅުވީ 2008 ވަނަ އަހަރު ރޭގަނޑު އޮފީސް ހުޅުވައިގެން މަސައްކަތްތަކެއް ކުރި ވާހަކަ އަކީ ހަގީގަތެއް ކަމަށާއި، ނަމަވެސް އެކަމާއި ގުޅިގެން ފެތުރިގެންދިޔަ ގިނަ ވާހަކަ ތަކަކީ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަ ތަކެއް ކަމަށެވެ.
އޭނާ ވިދާޅުވީ މި އަހަރުވެސް އައިޑީ ކާޑު ހަދައި ދިނުމުގައި އެ ޑިޕާޓްމެންޓުން ހުރިހާ ރައްޔިތުންނާމެދު އަމަލު ކުރާނީ އެއް އުސޫލަކުން ކަމަށެވެ. އަދި އެއްވެސް ކުލަ އަކަށް ނުވަތަ ވަކި ޕާޓީ އަކަށް އިސްކަން ދިނުމުގެ އުސޫލެއް ނުގެންގުޅޭނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވާ ކަމަށެވެ.