ޓޫރިސްޓުންގެ އެދުމަށް އެމީހުންގެ ހިތްއުފާކޮށްދިނުމުގެ ބޭނުމުގައި ވިޔަސް، ތަފާތު މުނާސަބާތަކާ ގުޅުވައިގެން އިސްލާމް ދީނާ ނުގުޅޭ ޘަޤާފަތްތަކާއި ޢަމަލުތައް ނުހިންގުމަށް އިސްލާމިކް މިނިސްޓަރު ޑރ. އަބުދުލް މަޖީދު އަބުދުލް ބާރީ އިލްތިމާސް ކުރައްވައިފި އެވެ.


ނަމަވެސް ވިލުރީފުގައި ރަމްޒީ ކައިވެނި ކުރި ދެ މަފިރިނަށް ފޯނުން ގުޅުއްވައި ރައީސް ރޭ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ބިދޭސީން ރާއްޖޭގައި ކުރާ އެފަދަ ރަމްޒީ ކައިވެންޏާއި ބިދޭސީ ކައިވެންޏާ ބެހޭ ހަރުދަނާ ގަވާއިދުތަކެއް އެކުލަވާލެއްވުމުގެ މަސައްކަތް ސީދާ އެ މަނިކުފާނުގެ ބެއްލެވުމުގެ ދަށުން ކުރިއަށް ގެންދަވާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ހަފުތާ ތެރޭގައި އެފަދަ ގަވާއިދެއް އެކުލަވާލައްވައި ސަރުކާރުން ޢާންމު ކުރައްވާނެ ކަމަށެވެ.


ވިލުރީފް ރިސޯޓުގައި ޓޫރިސްޓު ދެމަފިރިއަކަށް ދިވެހި ސަޤާފަތާ ގުޅޭ ގޮތަށް ރަމްޒީ ކައިވެންޏެއް ކޮށްދޭން ކަމަށް ބުނެ، އެ ރިސޯޓްގެ މުވައްޒަފުންތަކެއް، ޓޫރިސްޓް ދެމަފިރިއަކާ ދިމާއަށް އެކަށީގެން ނުވާ ހުތުރު ބަހުން ފުރައްސާރަކޮށްފައިވާ މައްސަލައިގައި އެކަން ކުށްވެރި ކުރައްވައި އިސްލާމިކް މިނިސްޓަރު ވިދާޅުވީ ﷲގެ ޙަޟްރަތުގައި އެކަލާނގެ ޤަބޫލުކުރައްވާނޭ ހަމައެކަނި ދީނަކީ އިސްލާމް ދީންކަމަށާއި އެނޫން ދީނެއް ޚިޔާރުކޮށްފި މީހެއްގެ ކިބައިން އެކަލާނގެ އެއްވެސް ޙާލެއްގައި އެކަން ޤަބޫލު ނުކުރައްވާނޭ ކަމަށެވެ. އަދި އެކަން އެހެން އޮތް ނަމަވެސް މުސްލިމުންނޫން އެހެން މީހުންނީ ޢަދާވާތްތެރިން ކަމުގައި ދުށުމަށް އިސްލާމްދީން، މުސްލިމުންނަށް އަންގާފައިނުވާ ކަމަށް ވެސް ޑރ. ބާރީ ވިދާޅުވި އެވެ.


ހުކުރު ދުވަހުގެ ރޭ އިސްލާމިކް މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ބޭއްވި ޤުރްއާނާ ބެހޭ މަޒުކަޒުގެ، ހިތުދަސްކުރާ ކްލާސްތަކުގެ ދަރިވަރުންގެ މިދިޔަ އަހަރުގެ ނަތީޖާ ފާޅުކޮށް ވަނަވަނަ އަށް ދިޔަ ދަރިވަރުންނަށާއި އެ މަރުކަޒުން މި އަހަރު ހިންގި އެކިއެކި ކޯސްތަކުގެ ބައިވެރިންނަށް ސެޓްފިކެޓާއި އިނާމު ދިނުމަށް ބޭއްވި ޖަލްސާގައި، ޤުރްއާނުގެ އަޚްލާޤާ ބެހޭ ގޮތުން ދަރިވަރުންނާއި ބެލެވެރިންނާ މުޚާތަބުކޮށް ވާހަކަ ދައްކަވަމުން ބާރީ ވިދާޅުވީ،   އިސްލާމްދީން އަޅުގަނޑުމެންނަށް ދަސްކޮށްދީފައި ވަނީ އެންމެންނާ މުޢާމަލާތު ކުރުމަށް ކަމަށެވެ. އަދި މުސްލިމުންނާއި ޣައިރު މުސްލިމުން ހަނގުރާމައިގެ ޙާލަތެއްގައި މެނުވީ، އެބައިމީހުން މަރާ ޤަތުލުކޮށް އެބައިމީހުންގެ މުދަލާއި ތަކެއްޗަށާއި ފުރާނައަށް ގެއްލުންދީ، މިބާވަތުގެ އެއްވެސް ޢަމަލެއް ހިންގުން އިސްލާމް ދީން ހުއްދައެއް ނުކުރާ ކަމަށް ވެސް އިސްލާމިކް މިނިސްޓަރު ވިދާޅުވި އެވެ.


މިނިސްޓަރު ޑރ. ބާރީ ވިދާޅުވީ އެއްވެސް ޤައުމަކަށް ދަތުރުކުރާ ފަތުރުވެރިޔަކު އެޤައުމެއްގައި ޢަމަލުކުރާ ޤަވާއިދުތަކާއި އެއްގޮތަށް، ވިސާ ނަގައިގެން އައިސް ހުންނަ ހުރުމުގައި އެމީހަކަށް ލިބެން ޖެހޭ ރައްކާތެރިކަން ފޯރުކޮށް ދިނުމީ ދައުލަތާއި މުއައްސަކާތަކާއި ހުރިހާ އަފްރާދުންގެ މަސްއޫލިއްޔަތެއް ކަމަށެވެ. އަދި މިއީ އަޅުގަނޑުމެންނަށް އިސްލާމް ދީން އުނގަންނައިދީފައިވާ ގޮތްކަމުގައި ވެސް އެމަނިކުފާނުގެ ވާހަކަ ފުޅުގައި ފާހަގަކުރެއްވި އެވެ.