ސްވިޑަންގެ ރެއިލް ޑްރައިވަރުންނަށް ސޯޓު ލައިގެން މަސައްކަތު ނުކުތުން މަނާކުރުމުން އަންހެނުން ލާ ޒާތުގެ ސްކާޓް ލައިގެން ފިރިހެނުން މަސައްކަތަށް ނުކުމެއްޖެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ސްވިޑަންގެ ވެރިރަށް ސްޓޮކްހޯމްގެ އުތުރުން ދުވާ ރޮސްލަގްސްބަނަން ރެއިލްވޭ ލައިންގައި މަސައްކަތްކުރާ ޑުރައިވަރުން ސްކާޓް ލައިގެން މަސައްކަތަށް ނުކުންނަތާ މިހާރު ދެހަފުތާ ވަނީ ވެފަ އެވެ.

ޑްރައިވަރުން ސްކާޓް ލައިގެން މަސައްކަތަށް ނުކުންނަށް ފަށާފައި ވަނީ ހޫނު މޫސުން ފެށުމަށް ފަހު ހޫނުގައި ވެސް ފަޓުލޫނު ލައިގެން މަސައްކަތަށް ނުކުންނަށް ރެއިލްވޭ ކުންފުނި އަރީވާއިން އެންގުމުން ނެވެ.

ރެއިލްވޭ ކުންފުނީގެ ގަވާއިދު ބުނާ ގޮތުން މުއައްޒަފުންނަށް ސޯޓު ލައިގެން މަސައްކަތަކަށް ނުނިކުމެވެ އެވެ. ނަމަވެސް ސްކާޓް ލައިގެން މަސައްކަތަށް ނުކުތުން މަނާ ކަމަށް ގަވާއިދުގައި ނެތުމުން ޑްރައިވަރުން ނިންމީ ހޫނު ދުވަސްތަކުގައި ސްކާޓް ލައިގެން މަސައްކަތު ނުކުންނަންށެވެ.

ސްކާޓް ލައިގެން މަސައްކަތަށް ނުކުންނަ ޑްރައިވަރެއް ކަމަށްވާ މާޓިން އެކާސްޓެން ބީބީސީއަށް މައުލޫމާތު ދެމުން ބުނީ ފިނި މޫސުމުގައި ފަޓުލޫނު ލައިގެން މަސައްކަތް ކުރެވުނު ނަމަވެސް، ހޫނު މޫސުމުގެ ހޫނު ދުވަސްތަކުގައި ފަޓުލޫނު ލައިގެން ކެތްނުވާ ކަމަށެވެ. އަދި އެހެން ކަމުން ހޫނު ދުވަސްތަކުގައި ސްކާޓް ލާން ނިންމީ ކަމަށް މާޓިން ބުންޏެވެ.

އަންހެނުން އާއްމުން ލައި އުޅޭ ސްކާޓް ލައިގެން އުޅޭ އިރު މީހުން މަލާމާތްކޮށް ހަދާތޯ ސުވާލުކުރުމަށް މާޓިން ބުނީ މީހުންގެ ސަމާލުކަން ސްކާޓަށް ބޮޑަށް ލިބޭ ނަމަވެސް މަލާމާތްކޮށް ނުހަދާ ކަމަށެވެ.

އަދި މަލާމާތްކޮށް ހަދާ ނަމަވެސް ސްކާޓް ދޫކޮށްނުލާނެ ކަމަށާއި އެއީ ރީއްޗަކަށް ލާ އެއްޗެއް ނޫން ކަމަށް އޭނާ ބުންޏެވެ.

މިމައްސަލާގައި ރެއިލްވޭ ހިންގާ ކުންފުނި އަރީވާއިން ބުނީ ސްކާޓް ލުމަކީ މަނާ ކަމެއް ނޫން ކަމުން، އެކަން ކުރުމުގެ ހައްގު މުވައްޒަފުންނަށް ލިބިގެންވާ ކަމަށެވެ.