10 Jun 2013, 09:46
އަންކަރާ (ޖޫން 10): ތުރުކީގެ ބޮޑުވަޒީރު ރަޖަބް ތައްޔިބު އުރުދުޣާންގެ ސަރުކާރާ ދެކޮޅަށް ކުރަމުންގެންދާ މުޒަހަރާތަކާއި އިޙްތިޖާޖްތަކާ ދެކޮޅަށް އޭނާއަށް ތާއީދުކުރާ އެތައް ހާސްބަޔަކު ވެރިރަށް އަންކަރާގައި އިއްޔެ ވަރަށް ބޮޑު މުޒާހަރާއެއްކޮށްފި އެވެ.
އަންކަރާގައި މުޒާހަރާކުރި ސަރުކާރަށް ތާއީދުކުރާ އެތައް ހާސްބަޔަކާ މުޚާތަބު ކުރައްވައި ވާހަކަ ދައްކަވަމުން އުރުދުޣާން ވިދާޅުވީ އިސްތަންބޫލްގެ "ތަޤްސީމް" މައިދާން ޙިސާރުކޮށްގެންތިބި ސަރުކާރާ އިދިކޮޅު ފަރާތްތަކަކީ ތުރުކީގެ ދައުލަތާއި ވެރިކަމުގެ ނިޒާމު ޚަރާބުކުރުމަށް މަސައްކަތްކުރާ ބައެއްކަމަށް ކަމުގަ އެވެ. އަދި ކުރިޔަށް އޮތް އިންތިޚާބުގައި ވޯޓުން އިދިކޮޅު ފަރާތްތަކަށް ފިލާވަޅެއް ދިނުމަށް ވެސް އުރުދުޣާން އޭނާގެ ސަޕޯޓަރުންނަށް ގޮވާލެއްވި އެވެ.
ތުރުކީގައި ސަރުކާރާ ދެކޮޅަށް ކުރަމުންގެންދާ މުޒާހަރާތައް ހުއްޓުމެއް ނެތި ކުރިޔަށްދާތާ 14 ދުވަސް ވެފައިވާ އިރު ވެރިކަންކުރާ ޖަސްޓިސް އެންޑް ޑިވެލޮޕްމެންޓް ޕާޓީން ވަނީ ސަރުކާރާ އިދިކޮޅު މުޒާހަރާތަކާ ގުޅިގެން އެގައުމުގައި އަވަސް އިންތިޚާބެއް ނުބާއްވާނެ ކަމަށް ބުނެފި އެވެ.
ޖަސްޓިސް އެންޑް ޑިވެލޮޕްމެންޓް ޕާޓީން ބުނީ އިންތިޚާބު ބެއްވޭނީ ކުރިން ކަނޑައެޅިފައިވާ ގޮތަށް 2014 ވަނަ އަހަރު ކަމަށާ އެއަށް ވުރެ އަވަހަށް އިންތިޚާބެއް ނުބޭއްވޭނެ ކަމުގަ އެވެ. މީގެ ދެހަފްތާ ކުރިން ތުރުކީގެ އިސްތަންބޫލްގައި ފެށުނު މިމުޒާހަރާތަކަކީ އެސިޓީގެ "ތަޤްސީމް" މައިދާނުގައި ހުންނަ އާސާރީ ޕާކެއް ކަމަށް ކަމަށްވާ ޣާޒީ ޕާކް ތަރައްޤީ ކުރުމަށް ސަރުކާރުން ރާވާފައިވާ މަޝްރޫޢަކާ ދެކޮޅަށް ފެށި މުޒާހަރާތަކެކެވެ. ނަމަވެސް ފަހުން އެ މުޒާހަރާތައް ވަނީ ބޮޑުވަޒީރު އުރުދުޣާންގެ ސަރުކާރާ އިދިކޮޅު ސިޔާސީ މުޒާހަރާތަކަކަށް ބަދަލުވެފަ އެވެ.
އަދި މުޒާހަރާތައް ފުޅާވެ ވެރިރަށް އަންކާރާއަށާއި އެގައުމުގެ ބޮޑެތި އެހެން ސިޓީތަކަށް ވެސް މުޒަހަރާފެތުރި މިކަންވަނީ ސަރުކާރަށް މިހާތަނަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކަށް ވެފަ އެވެ. ސަރުކާރާ އިދިކޮޅު މުޒާހަރާތަކުގައި އެތަށް ސަތޭކަ ބަޔަކު ޒަޚަމްވެ 4 މީހަކު މަރުވެފައިވެއެވެ. (އަލްޖަޒީރާ)