ދެހާސް ވިހި ވަނަ ވަނަ އަހަރާ ހަމައަށްދާ އިރު އިނގިރޭސިވިލާތުގެ ރައްޔިތުންގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުންނަށް ކެންސަރުބަލި ޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް އިނގިރޭސިވިލާތުގައި ކެންސަރާ ދެކޮޅަށް މަސައްކަތްކުރާ މަޝްހޫރު "މެކްމިލަން" ފައުންޑޭޝަނުން ބުނެފި އެވެ.

މިފައުންޑޭޝަނުން ނެރުނު ދިރާސާ ރިޕޯޓެއްގައިވާ ގޮތުން އިނގިރޭސިވިލާތުގައި ކެންސަރުބަލި ޖެހެމުންދާ ނިސްބަތް މައްޗަށް ދާމިންވަރަށް ބަލާއިރު ކުރިޔަށް އޮތް ހަތް އަހަރު ތެރޭގައި އިނގިރޭސި ރައްޔިތުންގެ ތެރެއިން 50 އިންސައްތަ މީހުންނަށް އެމީހުންގެ ޙަޔާތުގެ ކޮންމެވެސް އެއްދުވަސްވަރެއްގައި (ބޮޑަށް ލަފާކުރެވޭގޮތުން އުމުރުގެ ފަހުކޮޅުގައި) ކެންސަރުބަލީގެ ކޮންމެވެސް ބާވަތެއް ޖެހޭނެ ކަމަށް ބެލެވެ އެވެ. ނަވާރަސަތޭކަ ނުވަދިހަ ދެވަނަ އަހަރު އިނގިރޭސިވިލާތުގައި ކުރި ދިރާސާއެއް ބުނާ ގޮތުން އިނގިރޭސި ރައްޔިތުންގެ ތެރެއިން 32 އިންސައްތަ މީހުންނަށް އެމީހުންގެ ޙަޔާތުގެ ކޮންމެވެސް މަރުޙަލާއެއްގައި ކެންސަރުބަލި ޖެހިފައި އެވެ.

ނަމަވެސް 2010ގައި ކޮށްފައިވާ އެހެން ދިރާސާއަކުން ވަނީ ޙަޔާތުގެ ކޮންމެވެސް މަރުޙަލާއެއްގައި ކެންސަރު ޖެހޭ އިނގިރޭސި ރައްޔިތުންގެ ނިސްބަތް 47 އަށް މައްޗަށް ގޮސްފައިވާކަން ހާމަވެފަ އެވެ. އިނގިރޭސިވިލާތުގައި ކެންސަރުބަލި ޖެހޭމީހުންގެ ނިސްބަތް މިރޭޓްގައި މައްޗަށްދާނެ ކަމަށް ބެލެވިފައި ވާތީ އެގައުމުގެ ސިއްޙަތާ ބެހޭ މާހިރުންނާއި ތަޖްރިބާކާރުން މިހާރު އަންދާޒާ ކޮށްފައި ވަނީ 2020 އަށްދާ އިރު އިނގިރޭސި ކޮންމެ ދެމީހެއްގެ ތެރެއިން އެކަކަށް ޙަޔާތުގެ ކޮންމެވެސް މަރުޙަލާއެއްގައި ކެންސަރު ޖެހޭނެ ކަމަށެވެ.

އިނގިރޭސިވިލާތުގައި ކެންސަރާ ދެކޮޅަށް ދެވޭ ސިއްޙީ ފަރުވާގެ ފެންވަރު މަތިވެފައި މެޑިކަލް ޓެކްނޮލޮޖީ ތަރައްޤީ ވެފައިވުމުން އެގައުމުގައި ކެންސަރުޖެހޭ އެންމެންނަކީ އެބަލީގައި މަރުވާ މީހުންނަކަށް މިހާރު ނުވެ އެވެ. އިނގިރޭސިވިލާތުގައި ޝާއިޢު ކުރެވިފައިވާ ސިއްޙަތާ ބެހޭ ދިރާސާތައް ބުނާ ގޮތުން 1992 ވަނަ އަހަރު އެގައުމުގައި ކެންސަރުޖެހުނު މީހުންގެ ތެރެއިން 21 އިންސައްތަ މީހުންނަށް އެބަލިން ޝިފާލިބިފައިވާ އިރު 79 އިންސައްތަ މީހުން އެބަލީގައި މަރުވެފައިވެ އެވެ.
ނަމަވެސް 2010 ވަނައަހަރު އިނގިރޭސިވިލާތުގައި ކޮށްފައިވާ ދިރާސާތައް ބުނާގޮތުން ކެންސަރުބަލި ޖެހޭ މީހުންގެ ތެރެއިން 35 އިންސައްތަ މީހުން ސަލާމަތް ކުރެވިފައިވެ އެވެ. އަނެއް 65 އިންސައްތަ މީހުން ވަނީ އެބަލީގައި މަރުވެފަ އެވެ. 1992 ވަނަ އަހަރު އިނގިރޭސިވިލާތުގައި ކެންސަރުބަލި ޖެހުމަށް ފަހު އެބަލިން ޝިފާލިބިފައިވާ ކަމަށް ސިއްޙަތާބެހޭ ތަފާސްހިސާބުތަކުން ދައްކާފައި ވަނީ 45 ހާސް މީހުންނެވެ. ނަމަވެސް 2010 ވަނައަހަރު ކެންސަރު ޖެހުނު މީހުންގެ ތެރެއިން 90 ހާސްމީހުންނަށް ކެންސަރުބަލިން ޝިފާލިބިފައިވާ ކަމަށް އިނގިރޭސި ތަފާސް ހިސާބުތައް ބުނެ އެވެ.

ކެންސަރު ބައްޔާއި ހިތާއި ނާރުތަކުގެ ބައްޔަކީ އިނގިރޭސިވިލާތުގައި އެންމެ ޢާންމު ބަލިތައް ކަމަށްވެ އެވެ. މިދެބަލި އާދަޔާ ޚިލާފަށް އިނގިރޭސި މުޖްތަމަޢުގައި އިތުރުވަމުން ދަނީ އިނިގިރޭސި އާބާދީގައި ޒުވާނުން މަދުވެ މުސްކުޅިން ގިނަވުމާއި ލައިފް ސްޓައިލްއާއި ކާބޯތަކެތީގެ ބާވަތުން ކަމަށް ރިޕޯޓްތައް ބުނެ އެވެ. އިނގިރޭސިވިލާތުގެ އާބާދީ މުސްކުޅިވަމުން ދިޔުމުގެ ސަބަބުން އެގައުމުގެ އާބާދީގައި ޒުވާނުންނާއި މަސައްކަތްކުރާ އުމުރުގެ މީހުން (20 އަހަރާއި 65 އަހަރުގެ މީހުން) މަދުވެ 65 އަހަރުގެ މީހުންގެ ނިސްބަތް އާދަޔާ ޚިލާފަށް އިތުރުވަމުންދަނީ ޓޯޓަލް ފާޓިލިޓީ ރޭޓް (ޓީއެފްއާރު) ނުވަތަ ވިހާއުމުރުގެ ކޮންމެ އަންހެނަކަށް ޖެހޭ ކުދިންގެ ނިސްބަތް) ދަށަށްގޮސްފައިވާތީ އެވެ.

މިއާއެކުއާބާދީ އިތުރުވާ ރޭޓް (ނެޗުރަލް ގްރޯތް ރޭޓް) އިނގިރޭސިވިލާތުގައި ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާތާ ތިރީހަކަށް އަހަރު ވެފައިވާއިރު މި ރޭޓް މަތިވާނެކަމުގެ އުންމީދުވެސް ވަނީ ގެއްލިފަ އެވެ. މިގޮތަށް ދިމާވެފައި ވަނީ ގިނަ ދަރިން ހޯދައިގެން ދަރިން ތަރްބިއްޔަތުކޮށް އެމީހުން ބޮޑުކުރުމުގެ ޒިންމާ އުފުލުމަށްޓަކައި ޙަޔާތް ގުރުބާންކޮށްލަން އިނގިރޭސި ގިނަޒުވާނުން ބޭނުންނުވާތީ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އާބާދީގައި މަސައްކަތްކުރާ މީހުންގެ ނިސްބަތް ދަށަށްދިޔުމުގެ ސަބަބުން އިނގިރޭސިވިލާތުގެ ސިނާއަތާއި އުފެއްދުންތެރިކަން ދަށަށްގޮސް އިޤްތިސާދު ބަލިކަށިވެ އިނގިރޭސީންގެ ބާރު ދުނިޔޭގައި ދަނީކުޑަވަމުންނެވެ.

އިނގިރޭސި އާބާދީއަށް މިހާރު ޒުވާނުން އިތުރު ވަމުންދާ މައިގަނޑު ސޯސް އަކީ ބޭރުގައުމުތަކުން އެގައުމަށް ހިޖްރަކުރާ ޒުވާން މުހާޖިރުން ކަމަށްވެ އެވެ. ނަމަވެސް މިކަމުގެ ސަބަބުން އިނގިރޭސި އާބާދީގެ ކޮންޕޮޒިޝަން ބަދަލުވެ ދޮންމީހުންގެ ނިސްބަތް ވަރަށް ބޮޑަށް ދަށަށްދާ މައްސަލަ ވަނީ ކުރިމަތިވެފަ އެވެ. (ދިރާސާ ރިޕޯޓްތައް)