10 Jun 2013, 09:15
ބެންގާޒީ (ޖޫން 10): ސިފައިންގެ ރިޒާވް ފޯސްގެ ބެޓާލިޔަން އާއި އާންމުންގެ ބަޔަކާ ދެމެދު ލީބިޔާގެ ބެންގާޒީގައި ހިނގި ކުރިމަތިލުމަަކަށް ފަހު ސިފައިންގެ ޗީފް އޮފް ސްޓާފް ޖެނެރަލް ޔޫސުފް އަލްމަންޤޫޝް ކުއްލި ގޮތަކަށް އިއްޔެ މަޤާމުން އިސްތިއުފާ ދެއްވައިފި އެވެ. ޖެނެރަލް މަންޤޫޝްގެ އިސްތިއުފާ ލީބިޔާގެ ޕާލަމެންޓް ކަމަށްވާ ޕީޕަލްސް ކޮންގްރެސް އިން ވަނީ ގަބޫލުކޮށްފަ އެވެ.
ޖެނެރަލް މަންޤޫޝް އިސްތިއުފާ މިދެއްވީ ލީބިޔާ ސިފައިންގެ ރިޒާވް ފޯސްގެ ބެޓާލިޔަންއާއި މުޒާހަރާކުރި އާންމުންގެ ބަޔަކާ ދެމެދު ބެންގާޒީގައި މިދިޔަ ހޮނިހިރު ދުވަހު ހިނގި ކުރިމަތިލުންތަކުގައި މަރުވި މީހުންގެ ޢަދަދު 31 އަށް އަރާފައިވަނިކޮށެވެ. މިކުރިމަތިލުންތަކުގައި ސަތޭކައަށް ވުރެ ގިނަ މީހުން ޒަޚަމްވި ކަމަށް ޚަބަރުލިބެ އެވެ. ލީބިޔާގެ ދެވަނަ އަށް އެންމެ ބޮޑު ސިޓީ ކަމަށްވާ ބެންޣާޒީގައި ލީބިޔާ ސިފައިންގެ ރިޒާވް ބާރުތަކާ އެބާރުތަކާ ދެކޮޅަށް މުޒާހަރާކުރި އާންމުންނާ ދެމެދު މިދިޔަ ހޮނިހިރު ދުވަހު ކުރިމަތިލުންތައް ހިނގީ މުޒާހަރާކުރި އާންމުންގެ ބަޔަކު ބެންގާޒީގައިވާ ރިޒާވް ސިފައިންގެ ހެޑްކްއާޓަރު ޙިސާރުކޮށް އެތަނުން އެމީހުން ނެރުމަށް މަސައްކަތް ކުރުމުންނެވެ.
ލީބިޔާ ސިފައިންގެ ރިޒާވް ފޯސްގެ ބެޓާލިޔަންގައި ހިމެނެނީ އެގައުމުގެ ކުރީގެ ޒަޢީމް ކާރނަލް މުޢައްމަރުލް ޤައްޒާފީގެ ވެރިކަން ވައްޓާލުމުގައި ޙަރަކާތްތެރިވި ކުރީގެ އިދިކޮޅު ހަނގުރާމަވެރިންނެވެ. މުޒާހަރާކުރި ޢާންމުން އިޙްތިޖާޖްކުރީ ސިފައިންގެ ބެޓާލިޔަންއެއްގައި ހަތިޔާރުއެޅި ކުރީގެ އިދިކޮޅު މިލީޝިޔާ ހަނގުރާމަވެރިން ބޭތިއްބުމާ ދެކޮޅަށެވެ. ލީބިޔާ ސިފައިންގެ ރިޒާވް ފޯސް އާ އާންމުންދާ ދެމެދު ހިނގި ކުރިމަތިލުންތަކުގައި ގިނައިން މަރުވެފައި ވަނީ ޢާންމުންނެވެ. ނަމަވެސް ރިޒާވް ފޯސްގެ ފަސް މީހަކު ވެސް މަރުވެފައިވާ ކަމަށް ޚަބަރު ލިބެ އެވެ.
ދެފަރާތުގެ ދެމެދުގައި މިހާބޮޑު ލޭއޮހޮރުވުމެއް ހިނގަން މެދުވެރިވި ސަބަބުތައް ތަޙްގީގު ކުރަން ފަށާފައިވާ ކަމަށް ލީބިޔާގެ ބޮޑުވަޒީރު ޢަލީ ޒީދާން ވިދާޅުވި އެވެ. (އަލްޖަޒީރާ)