ފްރެންޗް އޯޕަން ފައިނަލުގައި މިއަދު، ސްޕެއިންގެ ޑޭވިޑް ފެރާއާއި ރަފަޔަލް ނަދާލް ވާދަކުރި ފޯރިގަދަ މެޗް ސީދާ ތިންސެޓުން ފެރާ ބަލިކޮށް މުބާރާތުގެ ޗެމްޕިއަންކަން އަށްވަނަ ފަހަރަށް ނަދާލް ހޯދައިފި އެވެ.

ފައިނަލްމެޗުގައި ފެރާ އަތުން ނަދާލު މޮޅުވީ، 6-3، 6-2، 6-3 އިންނެވެ. ނަދާލް އެ މުބާރާތް މިފަހަރު ކާމިޔާބު ކުރުމުން އޭނާ ވެގެން ގޮސްފައިވަނީ އެންމެ ގިނައިން އެ މުބާރާތް ކާމިޔާބު ކުރި ކުޅުންތެރިޔާއަށެވެ. ކުރިން އެމުބާރާތް އެންމެ ގިނައިން ކާމިޔާބުކޮށްފައިވަނީ އަށްފަހަރު މުބާރާތް ކާމިޔާބު ކުރި ފްރާންސްގެ މެކްސް ޑިކަގިސް އެވެ. އެކަމަކު އޭރު އެމުބާރާތުގައި ބައިވެރި ވެވެނީވެސް ހަމައެކަނި ފްރާންސްގެ ކުޅުންތެރިންނަށް އެކަންޏެވެ.

ނަދާލްއާ އެންމެ ގާތުން ފްރެންޗް އޯޕަން ކާމިޔާބުކޮށްފައި ވަނީ، ހަ ފަހަރު ފްރެންޗް އޯޕަން ކާމިޔާބުކުރި ސްވިޑްންގެ ޖޯން ބޯގް އެވެ.

ޕެރިހަށްވެހުނު ބޯ ވާރޭގެ އުނދަގުލުގެ އިތުރުން ފައިނަލް މެޗު ކުޅެމުންދިޔަ ވަގުތު އެތަނަށް މުޒާހަރާ ކުރި ބައެއްގެ ފަރާތުން ކުރިމަތިވި އުނދަގޫތަކެއްގެ ސަބަބުން މެޗުގެ ކުޅުން ދެފަހަރެއްގެ މަތިން މެދު ކަނޑާލަން ޖެހުނެވެ.