09 Jun 2013, 21:46
ދިވެހި ރުފިޔާގެ 500ރ. އާއި 100ރ.ގެ ވަގު ނޫޓު ފެންނަމުންދާތީ ސަމާލުވުމަށް މަރުކަޒީ ބެންކް އެމްއެމްއޭ އިން އިލްތިމާސްކޮށްފި އެވެ.
އެމްއެމްއޭ އިން މިއަދު ބުނީ މިވަގުތު ފެންނަމުންދާ ވަގު ނޫޓުތަކަކީ ކަރުދާހާއި ޗާޕަށް ބަލާއިރު ވެސް ސައްހަ ނޫޓު ތަކަށް ވުރެ ފެންވަރުދަށް ކަރުދާހުގައި ހަދާފައިވާ ނޫޓުތަކެއް ކަމަށެވެ.
"މިފަދަ ނޫޓުގެ ސައްހަ ކަމާ މެދު ޝައްކުކުރެވޭ އެއްވެސް ނޫޓެއް ފެނިވަޑައިގެންފި ނަމަ މި އޮތޯރޮޓީ އަށް ގެންނަވައި އެނޫޓެއްގެ ސައްހަކަން ނުވަތަ ނޫންކަން ޔަގީން ކުރެއްވުމަށް އިލްތިމާސްކުރަން،" އެމްއެމްއޭ އިން ބުންޏެވެ.
އެ އޮތޯރިޓީ އިން ބުނީ 500ރ. އާއި 100ރ. ސައްހަ ނޫޓެއް އަބަދުވެސް ފެންނަ ގޮތަށް ބާއްވައިގެން ލިބޭ ނޫޓުތައް އަޅާބަލައި ފައިސާ ބަލައިގަތުމުގެ ކުރިން އެކަށީގެންވާ ފަރުވާތެރިކަމެއް ބެހެއްޓުމަށް އެ އޮތޯރިޓީ އިން އިލްތިމާސް ކުރާ ކަމަށެވެ.
އެމްއެމްއޭ އިން އިތުރަށް ބުނީ ވަގު ނޫޓުތަކާ ގުޅޭ އެއްވެސް މައުލޫމާތެއް ސާފުކުރަން ބޭނުން ނަމަ އެއޮތޯރިޓީގެ ނަމްބަރު 3331739 އަށް ގުޅުމުން އިތުރު މައުލޫމާތު ލިބިގެންދާނެ ކަމަށެވެ.