އަންހެނުން ކޮމެޓީގެ ރައިސަކީ ކައުންސިލް މެންބަރެއް ކަމަށް ކަނޑައެޅުމަށް ލާމަރުކަޒީ ގާނޫނަށް ޑީއާރުޕީގެ ޑެޕިއުޓީ ލީޑަރު އަދި ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އިސްލާހެއް ހުށަހަޅުއްވައިފި އެވެ.

މިއަދު ޑީއާރުޕީ އިން އެ ޕާޓީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރޮޒައިނާ ވިދާޅުވި ގޮތުގައި އަންހެން ކޮމެޓީގެ ރައީސަކީ ކައުންސިލް މެންބަރަކަށް ވާންޖެހޭނެ ކަމަށް ބުނެ ގާނޫނަށް ހުށަހެޅި އިސްލާހާ އެކު ރަށު ކައުންސިލް ގޮނޑީގެ އެއް ގޮނޑިއަކީ އަންހެނުން ކޮމެޓީގެ އިންތިހާބުން ހޮވަން ޖެހޭ ގޮނޑިއެއް ގޮތުގައި ކަނޑައެޅުމަށް މިއަަދު އޭނާ ވަނީ އިސްލާހް ހުށަހަޅާފަ އެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި ފަސް ކައުންސިލަރުން އިންތިހާބުކުރަން ޖެހޭ ރަށްރަށުގައި އިންތިހާބު ކުރަން ޖެހޭނީ ހަތަރު ކައުންސިލަރުން ކަމަށާއި ހަތް ކައުންސިލަރުން ތިބޭ ރަށް ރަށުގައި ލޯކަލް ކައުންސިލް އިންތިހާބުގައި ހޮވަން ޖެހޭނީ ހަ ކައުންސިލަރުކަން ފާހަގަކުރައްވަމުން ރޮޒައިނާ ވިދާޅުވީ "ރިޒާވް"ކޮށްފައިވާ އެއް ގޮނޑިއަށް އިންތިހާބު ވާނީ އަންހެނުން ކުރިއަރުވާ ކޮމެޓީގެ އިންތިހާބުން އެންމެ ގިނަ ވޯޓުލިބޭ މީހެއް ކަމަށެވެ.

ނަމަވެސް ސިޓީ ކައުންސިލްތަކަށް މިހާރެކޭ އެއްގޮތަށް ލޯކަލް ކައުންސިލް އިންތިހާބުގައި އައްޔަން ކުރަން ޖެހޭ އަދަދަށް ކައުންސިލަރުން އައްޔަން ކުރަން ޖެހެ އެވެ. އަދި އަންހެނުން ކޮމެޓީގެ ރައީސް އަކަށް އިންތިހާބުވާ މީހަކީ އެ ކައުންސިލަށް އިންތިހާބުވާ އިތުރު ކައުންސިލް ގޮނޑިއެއް ކަމަށް ރޮޒައިނާ ވިދާޅުވި އެވެ.

މީގެ އިތުރުން ކޯޓު ހުކުމަކާ ގުޅިގެން އަދަބެއް ލިބުނުތާ ފަސް އަހަރުވެފައިވާ މީހުނަށް ކައުންސިލަރު ކަމަށް ކުރިމަތިލެވޭ ގޮތަށް ވެސް ރޮޒައިނާ ވަނީ އިސްލާހެއް ހުށަހަޅުއްވައިފަ އެވެ.

ލޯކަލް ކައުންސިލް ގާނޫނު މިހާރު އޮތްގޮތުން އެއްވެސް އިރެއްގައި ކުށެއްގެ އަދަބެއް ލިބިފައިވާ މީހަކަށް ކައުންސިލަރު ކަމަށް ކުރިމައްޗެއް ނުލެވޭނެ އެވެ.

ރޮޒައިނާ ވިދާޅުވީ އެ އިސްލާހް ހުށަހެޅީ އެއީ ރައްޔިތުން މަޖިލީހަށް ވެސް އޮންނަ ގަވާއިދަށް ނުވާތީ އާއި ހަމަ އެކަނި ކައުންސިލަރު ކަމަށް ކުރިމަތި ނުލެވޭނެ މީހުންގެ ޝަރުތަކަށްވާތީ ހުށަހެޅި އިސްލާހެއް ކަމަށެވެ.

ރޮޒައިނާ ވިދާޅުވި ގޮތުގައި އޭނާ ހުށަހެޅުއްވި އެ އިސްލާހުތަކަށް އެމްޑީޕީން ވެސް އަދި ޕީޕީއެމް އިންވެސް އޭނާ އަށް ތާއިދުކުރާނެ ކަމަށް އޭނާ އުއްމީދުކުރެ އެވެ.