09 Jun 2013, 21:27
މިދިޔަ މޭ މަހު މަހު އާމްދަނީގެ ގޮތުގައި މީރާ އަށް 500.7 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ އޮތޯރިޓީ އިން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
މީރާ އިން މިއަދު ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާ އިރު މީރާ އަށް މިދިޔަ މަހު އާމްދަނީގެ ގޮތުގައި 500.7 މިލިއަން ރުފިޔާ ލިބިފައިވާ އިރު އެއީ ޑޮލަރުގެ އާމްދަނީން ބަލާ ނަމަ 21.7 މިލިއަން ޑޮލަރެވެ. އެހެންކަމުން އެއީ ލިބޭނެ ކަމަށް މިރާ އިން ލަފާކުރި އާމްދަނީ އަށް ވުރެ 11.6 ޕަސެންޓް އިތުރު އަދި މިދިޔަ އަހަރުގެ މެއިމަހާ އަޅާބަލާ އިރު 28.5 ޕަސެންޓް އިތުރު އަދަދެކެވެ.
މީރާގެ ތަފާސްހިސާބްތަކަށް ބަލާ އިރު މިދިޔަ މޭ މަހު ވިޔަފާރީގެ ފައިދާ އިން ނަގާ ޓެކްސް ނުވަތަ ބީޕީޓީގެ ގޮތުގައި 38 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެއީ މިދިޔަ އަހަރުގެ އެ މަހު ލިބުނު މިންވަރަށް ވުރެ 7.6 ޕަސެންޓް އިތުރު އަދަދެކެވެ. އަދި މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް ނުވަތަ ޖީއެސްޓީގެ ގޮތުގައި 294 މިލިއަން ރުފިޔާ ލިބިފައިވާ އިރު އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާ އިރު 58.8 ޕަސެންޓްގެ އިތުރު އަދަދެކެވެ. ޓޫރިޒަމް ދާއިރާ އިން މިރާ އަށް މިދިޔަ މަހު ލިބިފައިވާ އާމުދަނީ އަށް ބަލާއިރު ޓޫރިޒަމް ޓެކްސްގެ ގޮތުގައި 72.9 މިލިއަން ރުފިޔާ ވަނީ މީރާ އަށް ލިބިފަ އެވެ. އެއީ މިދިޔަ އަހަރު އެ މަހުގައި ލިބުނު މިންވަރަށް ވުރެ 14.6 ޕަސެންޓް އިތުރު އަދަދެކެވެ. ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި ލިބިފައި ވަނީ 5.9 ރުފިޔާ އެވެ. އަދި މޭމަހު އެއާޕޯޓްގެ ސާވިސް ޗާޖްގެ ގޮތުގައި މީރާ އަށް 31.6 މިލިއަން ރުފިޔާ ލިބިފައިވާ އިރު އެއީ މިދިޔަ އަހަރު އެމުއްދަތުގައި ލިބުނު އާމުދަނީ އަށް ވުރެ 6.3 ޕަސެންޓް އިތުރު އަދަދެކެވެވެ.
މީރާގެ ތަފާސްހިސާބުތަކަށް ބަލާ އިރު މޭމަހުގެ ނިޔަލަށް 3.6 ބިލިއަން ރުފިޔާ އެއޮތޯރިޓީ އަށް މި އަހަރު ލިބިފައިވާ އިރު މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބިފައި ވަނީ 2.8 ބިލިއަން ރުފިޔާ އެވެ.