ސިވިލް ސާވިސް ކޮމިޝަންގެ ރައީސް މުހައްމަދު ފަހުމީ ހަސަން ބައިވެރިވެ ވަޑައިގަންނަވާ ގޮތަށް ބާއްވާ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޖަލްސާތަކުގައި ބައިވެރިވެވަޑައި ނުގަންނަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

އަބްދުﷲ ޝާހިދު މިހެން ވިދާޅުވެފައިވަނީ ޖޭއެސްސީގެ ރައީސް އާދަމް މުހައްމަދު އަބްދުﷲ އަށް މިއަދު ފޮނުއްވި ސިޓީއެއްގައެވެ.

އެ ސިޓީގައި ޝާހިދު ވިދާޅުވެފައި ވަނީ ގާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (ކ) ގައިވާ ގޮތުގެ މަތިން ސިވިލް ސާވިސް ކޮމިޝަންގެ ރައީސްގެ ހައިސިއްޔަތުން ޖޭއެސްސީގެ މެންބަރު ކަމުގައި ހުންނެވި ފަހުމީ މިދިޔަ އަހަރުގެ ނޮވެމްބަރު 20 ވަނަ ދުވަހު ސިވިލްސާވިސް ކޮމިޝަންގެ މެންބަރުކަމުން ރައްޔިތުންގެ މަޖިލީހުން ވަކިކުރައްވާފައި ވާކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އެ ނިންމުން ޖެހިގެންއައި ދުވަހު ރައީސުލްޖުމްހޫރިއްޔާ އަށް ދަންނަވާފައިވާނެ ކަމަށް ވެސް ޝާހިދުގެ ސިޓީގައި ވަނީ ވިދާޅުވެފަ އެވެ.

މަޖިލީހުން އެކަން އެގޮތަށް ނިންމިއިރު ދައުލަތުގެ ބަންޑާރަ ނައިބުގެ ގޮތުގައި ހުންނެވި އާއިޝަތު އާޒިމާ ޝަކޫރު އާއި އޭނާއަށް ފަހު ދައުލަތުގެ ބަންޑާރަ ނައިބުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރެއްވި އާއިޝަތު ބިޝާމްވެސް ސިވިލް ސާވިސް ކޮމިޝަންގެ ރައީސްގެ މަގާމް މިވަގުތު ހުސްވެފައިވުމާއެކު އެމަގާމުގައި ހުންނެވި ބޭފުޅެއްގެ ގޮތުގައި ފަހުމީ އަށް ޖޭއެސްސީގެ ޖަލްސާތަކުގައި ބައިވެރިވެވަޑައި ނުގެންނެވޭނެ ކަމަށް ވިދާޅުވެފައިވާކަމަށް ވެސް އެ ސިޓީގައި ޝާހިދު ވަނީ ވިދާޅުވެފަ އެވެ. އަދި ފަހުމީ ބައިވެރިވެވަޑައިގެން ބާއްވާ ޖޭއެސްސީގެ ޖަލްސާތައް ގާނޫނީ ގޮތުން ސައްހަ ނުވާނެ ކަމަށް މިމަހުގެ ހަތަރު ވަނަ ދުވަހު ބޭއްވި ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ ބައްދަލުވުމުގައި ބަންޑާރަ ނާއިބް ބިޝާމް ވިދާޅުވެފައިވާ ކަމަށް ވެސް ޝާހިދުގެ ސިޓީގައި ފާހަގަކުރައްވާފައި ވެއެވެ.