މަސްތުވާތަކެއްޗަށް ފަރުވާ ދޭ މަރުކަޒަކަށް ކ. ހިންމަފުށީ އައްސޭރި ޖަލު ބަދަލު ކޮށް އަންނަ އަހަރު އެތަނުގައި މީހުންނަށް ފަރުވާ ދޭން ފެށޭވަރު ވާނެ ކަމަށް ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ވިދާޅުވެއްޖެ އެވެ.


ޖަމިއްޔާތަކަށް ޚާއްސަ ކޮށްގެން މިއަދުން ފެށިގެން ދެ ދުވަހުގެ ނިޔަލަށް ޔޫއެންޑީޕީ މާލޭ އޮފީހުގައި ކުރިއަށް ގެންދާ ޕްރޮޕޯސަލް ޑިވެލޮޕްމަންޓް ވޯކްޝޮޕް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން  ސްޓޭޓް މިނިސްޓަރު އަހުމަދު އާދިލް ވިދާޅުވީ މަސްތުވާތަކެތި ބޭނުން ކުރާ މީހުންނަށް ފަރުވާ ދޭ މަރުކަޒަކަށް އައްސޭރި ޖަލު ބަދަލު ކުރުމާ ބެހޭ ގޮތުން ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކާ މަޝްވަރާ ކޮށްފައިވާ ކަމަށެވެ. އަދި ޖަލު ތަރައްގީ ކުރުމުގެ މަސައްކަތްތަށް ބޭނުންވާ ފައިސާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.


އާދިލް ވިދާޅުވީ މިހާރު ޖަލުތަކުގައި މަސްތުވާތަކެތި ބޭނުން ކޮށްގެން ހައްޔަރުކޮށްފައި ތިބި ކުދިންނަށް އެކަށީގެންވާ ރިހެބިލިޓޭޝަންގެ ފަރުވާ ހޯދައިދޭން ޖެހޭ ކަމަށެވެ.


"އުއްމީދަކީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ތިބި މީހުން މާފުށީ ޖަލުގަ އާއި މާލޭ ޖަލުގައި ހޭދަކުރާ ހޭދަ ކުރުން ބަދަލުވެ، އައްސޭރި ޖަލުގައި މިކަން ކުރުމުގެ މަގު ފަހިވެގެން ދިއުން،" އާދިލް ވިދާޅުވި އެވެ.


އާދިލް ވިދާޅުވީ އަންނަ އަހަރުގެ ފެބްރުއަރީ މަހު އެތަނުން ފަރުވާ ދޭން ފަށާއިރު، އެތަން ތަރައްގީ ކުރާނީ ގައިދީން ރިހެބިލިޓޭޓް ކުރެވޭ ގޮތަކަށް ކަމަށެވެ.