09 Jun 2013, 17:47
ސ. ގަމުން: އަބްދުﷲ ޖަމީލު
ސ. ގަން އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއު ރައީސް ޑރ. މުހައްމަދު ވަހީދު މިއަދު ހަވީރު ފައްޓަވައިދެއްވައިފި އެވެ.
ގަން އެއާޕޯޓުގެ އެރައިވަލް ހޯލުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ރައީސް ވަހީދާ އެކު ބައެއް ވަޒީރުންނާއި ސަރުކާރުގެ އިސްވެރިންތަކެއް ވަޑައިގެންނެވި އެވެ.
ގަން އެއާޕޯޓުގެ ރަންވޭ ހިއްކުމުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވީ އެރައިވަލް ހޯލުގައި ހުންނަވައިގެން ޓީވީ މެދުވެރިކުރައްވަ އެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ވަހީދު ވިދާޅުވީ މިއަދަކީ ވަރަށް އުފާވެރި ދުވަހެއް ކަމަށެވެ. އަދި މިއަދަކީ ދެކުނުގެ ތަރައްގީ އަށް އެންމެ މުހިންމު މަޝްރޫއު ފެށުނު ދުވަސް ކަމަށް ރައީސް ވިދާޅުވި އެވެ.
"މި މަޝްރޫއު ފެށުނުކަމީ އަޅުގަނޑުމެންނަށް ލިބުނު ނަސީބެއް. ހާއްސަކޮށް އައްޑޫގެ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ނިއުމަތެއް،" ރައީސް ވަހީދު ވިދާޅުވި އެވެ.
ރައީސް ވަހީދު ވިދާޅުވީ ކުރިޔަށް އޮތް ހަތަރު މަހެއްހާ ދުވަހުގެ ތެރޭގައި އެއާޕޯޓު ހިއްކާ ނިމޭނެ ކަމަށެވެ. އަދި ފުރަތަމަ ފޭހުގެ މަސައްކަތް އަންނަ އަހަރުގެ އޮކްޓޯބަރު މަހު ނިމޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"އޭރުން އަޅުގަނޑުމެންނަށް އެ ލިބުނީ ވަރަށް ބޮޑު އެއާޕޯޓެއް. އޭރުން ހުރިހާ ބޮޑެތި މަތިންދާބޯޓެއް މިތަނަށް ޖެއްސޭނެ. ހާއްސަ ގަން އެއާޕޯޓް އޮތް ތަނުގެ ގޮތުން އިންޑިއާ ކަނޑުގެ ވަރަށް ބޮޑު ހަބަކަށް. އޭގެ ސަބަބުން މުޅި ސަރަހައްދަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ،" ރައީސް ވަހީދު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެ އެއާޕޯޓް ތަރައްގީ ކުރުމުގައި ކުރާ ހަމައެކަނި ކަމަކީ އެއާޕޯޓު ބޮޑުކުރުމެއް ނޫން ކަމަށެވެ. އަދި ބޮޑެތި ބޯޓުތައް ޖެއްސުމަށް ބޭނުންވާ ހުރިހާ ވަސީލަތްތައް ގާއިމުކުރުން ހިމެނޭ ކަމަށް ރައީސް ވަހީދު ވިދާޅުވި އެވެ.
"އެކަން ކުރުމަށް އެހެން ކުންފުނިތައް ގުޅިގެން ހިންގުމަށް ވާން ޖެހޭ އެއްބަސްވުން ގާއިމުކުރެވިފައި. ރާއްޖޭގެ ތަރައްގީ އަށް ކުރިޔަށް އޮތް ފަސް އަހަރުގެ ތެރޭގައި ވަރަށް ބޮޑު ހިއްސާއެއް ލިބިގެންދާނެ،" ރައީސް ވިދާޅުވި އެވެ.
"މި އެއާޕޯޓާ އެކު ސީޕްލޭންގެ ބޭސް އެއް ފެށޭނެ. މިވަގުތު އޮތީ އެންމެ ސީ ޕްލޭން ބޭސްއެއް. ކުރިޔަށް އޮތް އަހަރުގެ ތެރޭގައި ގަމުގައި ސީ ޕްލޭން ހަބެއް އުފެދިގެންދާނެ،" ރައީސް ވަހީދު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މި މަޝްރޫއުގެ ސަބަބުން ދެކުނުގެ އަތޮޅުތަކުގެ ދަތުރުފަތުރުގެ ނިޒާމަށް ވަރަށް ބޮޑު ބަދަލުތަކެއް އަންނާނެ ކަމަށާއި މި ސަރަހައްދުގެ ރިސޯޓްތަކަށް ވެސް ވަރަށް ބޮޑު ފަސޭހަތަކެއް ލިބިގެންދާނެ ކމަަށް ރައީސް ވިދާޅުވި އެވެ.
"މި އެއާޕޯޓުން ދަތުރުފަތުރުކުރުމުގެ އިންތިޒާމް ހަމަޖެއްސުމަށް ދަނީ މަސައްކަތްކުރަމުން. ސީދާ ދަތުތުތައް އެހެން ގައުމުތަކަށް ފެށުމަކީ އައްޑޫ ރައްޔިތުންގެ ވަރަށް ބޮޑު އުއްމީދެއް. އެކަން ކުރުމަށް މަސައްކަތްތަކެއް ވަނީ ކުރެވިފައި. ސްރީލަންކަންއާ އެކު ދަނީ މަޝްވަރާކުރެވުނު.،" ރައީސް ވިދާޅުވި އެވެ.
ރައީސް ވަހީދު ވިދާޅުވީ ސަރުކާރަށް އެންމެ ފަހުން ފެނުނީ ރާއްޖެއަށް އެންމެ ފައިދާ ހުރި ގޮތަކީ މޯލްޑިވިއަން ބޭނުންކޮށްގެން ސީދާ ދަތުރުތައް ބޭރަށް ފެށުން ކަމަށެވެ. އެގޮތުން މޯލްޑިވިއަން އިން އޯގަސްޓް ހަތްވަނަ ދުވަހު ފަށާ ގޮތަށް ވަނީ ހަމަޖައްސާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ާ"އެ މަޝްރޫއުތައް ފެށުމުން ތަރައްގީ ފެށިގެންދާނެ. އެއާއެކު ފަތުރުވެރިކަމުގެ ދާއިރާއަށް ވަރަށް ބޮޑުކުރިއެރުމެއް ލިބިގެންދާނެ. މިވޭތުވެދިޔަ 50 އަހަރުގެ ތެރޭގައި ރަންވޭ ބޮޑުކުރުމަށް މާގިނަ މަސައްކަތްތަކެއް ނުކުރޭ. މިއީ ކޯއިންސިޑެންސަކުން ކުރި ކަމެއް ނޫން. ބަޔަކު މަސައްކަތްތަކެއްކޮށްގެން މިކަން ފެށުނީ،" ރައީސް ވަހީދު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މި މަޝްރޫއު ފެށުނީ ސަރުކާރުން ވަރަށް ބޮޑު ހިތްވަރެއް ލިބިގެން ކަމަށެވެ.
"ސަރުކާރުން ވަރަށް ބޮޑަށް ބޭނުންވެގެން. މިކަން ކުރަން ހަވާލުވެގެން މިތިބީ ސިޔާސީ ކުޅިވަރު ކުޅޭކަށް ނޫން. އައްޑޫއަށް މީގެ ކުރިން ދުވަހަކު ވެސް ނުކުރާ ފަދަ މަޝްރޫއުތައް އަޅުގަނޑުމެން ފަށާނަން،" ރައީސް ވަހީދު ވިދާޅުވި އެވެ.