09 Jun 2013, 17:15
ދެ ސިޓީގެ ދެމެދުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ އެއްބަސްވުމެއްގައި މާލޭ ސިޓީ ކައުންސިލާއި ޓައިވާންގެ ކައުޝިއަން ސިޓީއާ ދެމެދު މިއަދު ސޮއިކޮށްފި އެވެ.
މާލޭ ސިޓީ ކައުންސިލާއި ޓައިވާންގެ ކައުޝިއަން ކައުންސިލާ މެދު އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މިއަދު ހެނދުނު 10:00 ހާއިރު ދަރުބާރުގޭގައި ބޭއްވި ހަފްލާއެއްގަ އެވެ.
މިއަދު ސޮއިކުރި އެއްބަސްވުމާ ގުޅޭގޮތުން ސަން އަށް މައުލޫމާތު ދެއްވަމުން މާލޭ ސިޓީގެ މޭޔަރު މައިޒާން އަލިމަނިކު ވިދާޅުވީ މި އެއްބަސްވުމަށް ކިޔަނީ ސިސްޓާ ސިޓީ އެގްރީމެންޓް ކަމަށާއި މީގެކުރިން ލަންކާގެ ކޮލަންބޯ ސިޓީ ކައުންސިލާއި އެކު ވެސް މިފަދަ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާނެ ކަމަށެވެ.
މި އެއްބަސްވުމުގެ މަގުސަދަކީ އެކިއެކި މަސައްކަތް ކުރުމުގައި ދެ ސިޓީގެ ދެ މެދުގައި އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ކަމަށާއި މިދިޔަ އަހަރުގެ ފަހުކޮޅު މާލޭ ސިޓީ ކައުންސިލްގެ ޓީމެއް ޓައިވާނަށް ގޮސް ކައުޝިއަން ސިޓީގެ އިސް ފަރާތްތަކާ ބައްދަލުކޮށް މަޝްވަރާ ކޮށްފައިވާ ކަމަށް ވެސް މޭޔަރު ވިދާޅުވި އެވެ.
މޭޔަރު ވިދާޅުވީ ކުނިނައްތާލުމުގައި އެސިޓީގައި ގެންގުޅޭ އުސޫލުތައް ވެސް އެމީހުން ކިޔައިދީފައިވާ ކަމަށެވެ. އަދި ވިދާޅުވީ މާލޭގައި ކުނިކޮށި ބަހައްޓައިގެން ކުނިނައްތާލުމުގެ ސިޔާސަތަކީ ޓައިވާންގައި އަމަލު ކުރަމުންގެންދާ އުސޫލެއް ނޫންކަމަށާއި އެކަމުގައި އަމަލު ކުރާނެ ހަރުދަނާ އުސޫލުތަކެއް އެމީހުން ސިޓީ ކައުންސިލަށް ކިޔައިދީފައިވާ ކަމަށެވެ.
ޓައިވާންގެ ކައުސިސް ސިޓީގެ ފަރާތުން ރާއްޖެ ވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި އެ ސިޓީގެ ޑެޕިއުޓީ މޭޔަރާއި ބައެއް ކައުންސިލަރުންނާއި ކައުންސިލްގެ އެހެނިހެން މުވައްޒަފުން ވެސް ހިމެނެ އެވެ.
އެ ރަސްމިއްޔާތު ކުރިއަށް ދިޔަ ވަގުތު ވިލިމާފަންނު ދާއިރާގެ ކައުންސިލަރު އަހްމަދު ހަމީދު (ފްލައި) ވަނީ އެކަމާ ނުރުހުން ފާޅުކޮށް އިހްތިޖާޖު ކުރައްވާފަ އެވެ.
އޭނާ ވިދާޅުވީ އެއީ ހުރިހާ ކައުންސިލަރުންނަށް ނާންގައި ވަކިބަޔަކަށް މަންފާ ލިބޭގޮތަށް ސިޓީ ކައުންސިލުން ކުރަމުންގެންދާ ކަމެއް ކަމަށެވެ. އަދި މިއަދު ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތަކީ ސިއްރުން ބޭއްވި ރަސްމިއްޔާތެއް ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.
އެކަމާ ނުރުހުން ފާޅުކޮށް އިހްތިޖާޖު ކުރަމުންގޮސް ފްލައިވަނީ ދަރުބާރުގޭ ބޭރުގައި ދަމާފައި ހުރި އެރަސްމިއްޔާތުގެ ބެނާ ވެސް ކަނޑާލާފަ އެވެ.
ފްލައިގެ ވާހަކަތައް މާލޭ ސިޓީގެ މޭޔަރު މައިޒާން އަލިމަނިކު ވަނީ ދޮގުކުރައްވާފަ އެވެ. އެކަމާ ގުޅޭގޮތުން މޭޔަރު ވިދާޅުވީ ކޮންމެ މީހަކަށް ވެސް ހިތްހަމަނުޖެހޭ ކަމެއް އޮތްނަމަ އެކަމާ އިހްތިޖާޖު ކުރުމުގެ ހައްގު ލިބިގެންވާ ކަމަށެވެ.