09 Jun 2013, 16:59
ފަލަސްތީނުން ރާއްޖެއަށް ޑޮކްޓަރުންނާއި ޓީޗަރުން ފޮނުވުމަށް ހަމަޖެހިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.
މިދިޔަ ހަފްތާގައި ފަލަސްތީނަށް ކުރެއްވި ރަސްމީދަތުރުފުޅާ ގުޅޭ ގޮތުން މައުލޫމާތު ދެއްވުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވަހީދު ވިދާޅުވީ ފަލަސްތީނުން ރާއްޖެއަށް ކައިރި މުސްތަގުބަލެއްގައި ގާތްގަނޑަކަށް ހަ ސްޕެޝަލިސްޓް ޑޮކްޓަރުން ރާއްޖެއަށް ފޮނުވަދެވިދާނެ ކަމަށް ފަލަސްތީނު ސަރުކާރުން ބުނެފައިވާ ކަމަށެވެ. އަދި އުރުދުނުން އިމާމުން ރާއްޖެއަށް ފޮނުވުމަށް ހަމަޖެހިފައިވާ އިރު އެހެން ބައެއް ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން ކުރިއަށް އޮތް ރޯދަ މަހު އިމާމްވެ ނަމާދުކުރާނެ އިމާމުން ފަލަސްތީނުން ފޮނުވުމަށް ވެސް ހަމަޖެހިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ފަލަސްތީނަށް ތާއިދުކުރުމަކީ ފަލަސްތީނަކީ ވަކި ދައުލަތަކަށް ވުމަށް ކުރާ މަސައްކަތުގައި ރާއްޖެ އިން ބައިވެރިވުން ކަމަށާއި އެމަނިކުފާނު އެ ގައުމަށް ކުރެއްވި ދަތުރުފުޅަކީ ސަބަބުން ފަލަސްތީނަކީ ވަކި ދައުލަތަކަށް ވުމަށް ކުރާ މަސައްކަތަށް ލިބިގެންދިޔަ ހިތްވަރެއް ކަމަށް ދެކިވަޑައިގަންވާ ކަމަށެވެ. އަދި ވިދާޅުވީ މިހާރު ދިވެހި ދައުލަތުން ގަބޫލުކުރާ ގޮތަކީ އިޒުރާއިލާއި ފަލްސްތީނަކީ ދެ ދައުލަތެއްގެ ގޮތުގައި އޮތުން ކަމަށާއި ރާއްޖެ އިން ބޭނުން ވަނީ ވަކި މިނިވަން ގައުމެއްގެ ގޮތުގައި ފަލަސްތީނު އޮތުން ކަމަށެވެ.