09 Jun 2013, 16:43
ގައުމީ އަންހެން ފުޓްބޯޅަ ޓީމް ގަތަރުގެ އަންހެން ފުޓްބޯޅަ ޓީމާއެކު ރަހުމަތްތެރި ކަމުގެ ދެމެޗް ކުޅުމަށް ނިންމައިފި އެވެ.
އެފްއޭއެމްގެ ޑައިރެކްޓާ އޮފް ނޭޝަނަލް ޓީމް އަލީ ސުޒޭން މިއަދު ވިދާޅުވީ، ގަތަރުގެ އަންހެން ފުޓްބޯޅަ ޓީމާއެކު ރާއްޖޭގެ އަންހެން ޓީމް ކުޅުމަށް ހަމަޖެހިފައިވާ ދެ މެޗުގެތެރެއިން ފުރަތަމަ މެޗް ކުޅުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 25 ވަނަ ދުވަހު ކަމަށެވެ. އަދި ދެ ވަނަ މެޗް ކުޅުމަށް ހަމަ ޖެހިފައި ވަނީ މިމަހުގެ 27 ވަނަ ދުވަހު ކަމަށާއި އެ ދެމެޗް ވެސް ކުޅުމަށް ހަމަޖެހިފައި ވަނީ ގަލޮޅު ރަސްމީ ދަނޑުގައި ކަމަށް ސުޒޭން ވިދާޅުވި އެވެ.
ސުޒޭން ވިދާޅުވީ ގަތަރާ އެކު ކުޅޭ ރަހުމަތްތެރި ކަމުގެ ދެ މެޗަށް ތައްޔާރު ވުމުގެ ގޮތުން ދިވެހި އަންހެން ޓީމުގެ ފަރިތަކުރުންތައް ފަށައިފައިވާ ކަމަށެވެ. އެގޮތުން ޓީމް ފަރިތަކުރަމުން އަންނަނީ ޓާފް އެއްނަން ބަރު ދަނޑުގައި ކަމަށް ސުޒޭން ވިދާޅުވި އެވެ.
މި ދެ ޓީމު އެންމެ ފަހުން ކުޅުނީ މިދިޔަ އަހަރު ގަތަރުގެ ވެރިރަށް ދޯހާގަ އެވެ. އެ މެޗު 4-1ލަނޑުން ކާމިޔާބު ކުރީ ގަތަރެވެ.
ރާއްޖޭގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ހެޑް ކޯޗަކީ މަރިޔަމް މުހައްމަދު (މާޔަން) އެވެ. އަދި އެސިސްޓެންޓް ކޯޗަކީ ހަސަން ހަމީދު (ޑަކޭ) އެވެ.