09 Jun 2013, 15:39
އަންނަ ޖުލައި މަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މޯލްޑިވްސް އޮލިމްޕިކް ކޮމެޓީގެ އިންތިޚާބުގައި އެކޮމެޓީއަށް ހޮވާ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އޮލިމްޕިކް ކޮމެޓީގެ އިންތިހާބުގައި ކުރިމަތިލެވޭނެ ކަމަށް މިއަދު އިއުލާން ކުރި މަގާމް ތަކަކީ ރައީސް އާއި ނައިބު ރައީސް އާއި ހަޒާންދާރާއި އޮލިމްޕިކް ޓީމް ސްޕޯޓްސް ގެ ދެ މަގާމާއި އޮލިމްޕިކް އިންޑިވިޖުއަލް ސްޕޯޓްސްގެ ތިން މަގާމާއި ނޮން އޮލިމްޕިކް ސްޕޯޓްސްގެ ދެމަގާމް އަދި އަންހެން މެންބަރުގެ ދެމަގާމެވެ.
އޮލިމްޕިކް ކޮމެޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އެ މަގާމްތަކަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން އެ ކޮމެޓީގެ މެމްބަރު ޖަމްއިއްޔާއެއް މެދުވެރިކޮށް އެޕްލިކޭޝަން ފޯމް ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށާއި ފޯމް ހުށަހަޅުއްވާނީ ބަޔާން ކޮށްފައިވާ ގޮތައް އިލެކްޓޯރަލް ކޮމިޓީގެ ޗެއާމަން އަށް އެޑްރެސްކޮށް، މޯލްޑިވްސް އޮލިމްޕިކް ކޮމެޓީގެ އިދާރާ އަށެވެ.
އިންތިހާބުގެ އެޕްލިކޭޝަން ފޯމްތައް އޮލިމްޕިކް ކޮމެޓީން މިހާރު ވަނީ ދޫކުރަން ފަށައިފަ އެވެ. އަދި ފޯމްތައް ދޫކުރާނީ އޮލިމްޕިކް ކޮމެޓީގެ އިދާރާއިން ސަރުކާރު ބައްދުނޫން ކޮންމެ ދުވަހެއްގެ 9:30 އިން 4:00 އަށެވެ.
"އެޕްލިކޭޝަން ފޯމް ތައް ބަންދުކުރާނީ 23 ޖޫން ގެ 14:30 ގެ ކުރިން. އަދި އެޕްލިކޭޝަންތައް ކޮމެޓީން ބެލުމަށްފަހު، ކެންޑިޑޭޓުންގެ ނަންތަކާއި އެ ކެންޑިޑޭޓުން ކުރިމަތިލައިފާ މަގާމްތައް އިއުލާން ކުރާނެ. އަދި ލިސްޓު ފައިނަލް ކުރުމުގެ ހުރިހާ ކަމެއް 27 ޖޫން އަށް ނިމިގެން ދާނެ." އޮލިމްޕިކް ކޮމެޓީން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.
އޮލިމްޕިކް ކޮމިޓީގެ ރައީސް ކަމަށް ކުރިމަތިލައްވާނެ ކަމަށް މިހާތަނަށް ރަސްމީކޮށް އިއުލާން ކުރައްވާފައި ވަނީ އެ އިދާރާގެ ކުރީގެ ޖެނަރަލް ސެކްރެޓަރީ މާހިދު ޝަރީފެވެ. އަދި ޖެނެރަލް ސެކްރެޓަރީގެ މަގާމަށް ކުރިމަތިލައްވާނެ ކަމަށް މިހާތަނަށް މީޑިއާގައި އަޑުފެތުރިފައި ވަނީ ވޮލީބޯލް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ރިޔާޒެވެ.