ދިވެހި ރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ފަރާތުން ގދ. ތިނަދޫގެ ތަރައްގީއަށް ޓަކައި ފަށާފައިވާ ޔުނިވަސިޓީ ކެމްޕަސް ބިނާ ކުރުމުގެ ދެވަނަ ފޭސްގައި އަޅަން ހަމަޖެހިފައިވާ ތިން ބުރީ އިމާރާތުގެ ކޮންޓްރެކްޓްގައި ސުވިފްޓް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާ އެކު 10.01 މިލިއަން ރުފިޔާގެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ގައުމީ ޔުނިވާސިޓީގެ ސެމިނާ ރޫމްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ގައުމީ ޔުނިވާސިޓީގެ ފަރާތުން ކޮންޓްރެކްޓްގައި ސޮއިކުރެއްވީ އެ ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ޑރ. ހަސަން ހަމީދު އެވެ. ސުވިފްޓް އިންޖިނިއަރިންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސައުދުﷲ ހިލްމީ އެވެ.

ކޮންޓްރެކްގައި ސޮއި ކުރުމުގެ ރަސްމިއްޔާތަށް ފަހު ފަހު މީޑިއާ ވާހަކަފުޅު ދައްކަވަމުން ގައުމީ ޔުނިވާސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރު ހުސެއިން ހަލީމް ވިދާޅުވީ އެ ޔުނިވަސިޓީގެ ފަރާތުން އެންމެ ފުރަތަމަ ތިނަދޫގައި އިމާރާތް ކުރާންފެއްޓި ފުރަތަމަ ފޭސްގެ އިމާރާތަކީ ކަލާފާނު ސްކޫލްގެ ހޯލް އިމާރާތާއި އެއް ޑިޒައިން އަކަށް އަޅަން ފަށާފައިވާ އިމާރާތެއް ކަމަށާއި ނަމަވެސް ކަން ދިމާވި ގޮތުން ފުރަތަމަ ފޭސްގެ އެ އިމާރާތް އަދި ނިންމާ ނުލެވޭ ކަމަށެވެ. އޭނާ ވިދާޅުވީ އެތަން ނުނިމި ހުއްޓާ ދެވަނަ ފޭސްގެ މަސައްކަތް ފަށަން ނިންމީ އެ ތަނުގެ ޖާގައިގެ ދަތިކަމުން ކަމަށެވެ.

"ކަން ދިމާވި ގޮތުން ފުރަތަމަ ފޭސްގައި އަޅަމުންދާ އިމާރާތް އަދި ނިންމައެއް ނުލެވެ. ނަމަވެސް ދެވަނަ ފޭސް މި ފަށަނީ އެ ތަނުގެ ކިޔަވާ ދިނުމުގެ ދަތިކަން ހުރި ގޮތުން ކްލާސް ރޫމާއި ޖާގަ އިތުރަށް ބޭނުންވާތި. މި އިމާރާތަކީ ތިންބުރިއަށް ހަދާ ތަނެއް. މި ތަން ނިންމަން ހަމަޖެހިފައި ވަނީ 360 ދުވަހުގެ ތެރޭގައި. މި ތަނުގައި ހަ ކްލާސް ރޫމް އިމާރާތް ކުރެވިގެން ދާނެ. އޭގެ ތެރޭގައި ސައިންސް ލެބޯޓްރީ އަކަށް ބޭނުންވާނެ ވަސީލަތްތައް ގާއިމް ކުރެވިގެންވެސް ދާނެ،" ހުސެއިން ވިދާޅުވި އެވެ.

އެ ޕްރޮޖެކްޓަށް ބިޑްކުރި ފަރާތްތަކުގެ ތެރެއިން ޓެންޑާ ބޯޑުން ސްވިފްޓް އިންޖިނިއަރިން އަށް އެންމެ ބޮޑު އިސްކަމެއް ދެއްވި އެއްސަބަބަކީ އެ ކުންފުންޏަކީ ޔުނިވާސިޓީ އާ އެކު މަސައްކަތް ކުރުމުގެ ތަޖްރިބާ ހުރި އަދި އެކަމުގެ ގާބިލްކަން ހުރި ފަރާތަކަށް ވާތީ ކަމަށެވެ. އެ ގޮތުން ގދ. ތިނަދޫގައި އެ ޔުނިވަސިޓީން އެންމެ ފުރަތަމަ އޭޑީބީ ޕްރޮޖެކްޓްގެ ދަށުން އެޅި އިމަރާތް އަޅާފައި ވަނީ ވެސް އެ ކުންފުނީގެ ފަރާތުން ކަމަށެވެ. އޭނާ ވިދާޅުވީ ސްވިފްޓް އިންޖިނިއަރިން އާ އެކު އެ ގޮތަށް މަސައްކަތް ކުރުމުގެ ފުރުސަތު ލިބުމުން އެ ކުންފުނީގެ މަސައްކަތުގެ ކޮލިޓީ އާއި އަދި މަސައްކަތުގެ އަޙްލާގުގެ ފެންވަރު ވެސް ޔުނިވަސިޓީ އަށް ވަނީ ވަރަށް ރަނގަޅަށް ތަޖްރިބާ ކުރެވިފައި ކަމަށެވެ.

އޭނާ ވިދާޅުވީ އެ ޕްރޮޖެކްޓްގެ ކޮންސަލްޓެންޓެއްގެ ގޮތުގައި ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ހޮވިފައި ވަނީ ފްލޯ ޕްލޭން ޕްރައިވެޓް ލިމިޓެޑް ކަމަށެވެ. އެހެން ކަމުން އެ ކެމްޕަސް އިމާރާތް ކުރުމުގެ މުއްދަތުގައި ކޮންސަލްޓެންޓެއްގެ ހައިސިއްޔަތުން މަސައްކަތް ކުރާނީ ފްލޯޕްލޭން ޕްރައިވެޓް ލިމިޓެޑް ކަމަށް ވެސް ހުސެއިން ހަލީމް ވިދާޅުވި އެވެ.