09 Jun 2013, 14:58
ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅޭ ޕޯޗްގީޒުގެ މަޝްހޫރު ފުޓްބޯޅަ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ އޮފިޝަލް ނިއުޓްރިޝަން ސްޕޮންސާއަކަށް، ގްލޯބަލް ނިއުޓްރިޝަން ކުންފުންޏެއް ކަމަށްވާ "ހާބަލައިފް" ހަމަޖައްސައިފި އެވެ.
"ހާބަލައިފް"އާ އެކު ރޮނާލްޑޯ ހަދާފައިވާ ފަސް އަހަރު ދުވަހުގެ "މަލްޓި-މިލިޔަން ޑޮލަރު"ގެ އެއްބަސް ވުމުގެ ދަށުން އޭނާގެ ކެއިންބުއިމުގެ ޕްރޮގްރާމްތައް ބަލަހައްޓާނީ އެ ކުންފުނީގެ ފަރާތުން ނެވެ. އެގޮތުން ރޮނާލްޑޯ ދުޅަހެޔޮ ސިއްހަތެއްގައި ބެހެއްޓުމަށް އޭނާއަށް ކުޅިވަރު ކުޅޭ މީހުންނަށް ބޭނުންވާ ހާއްސަ ނިއުޓްރިޝަންގެ ބާވަތްތައް ފޯރުކޮށްދޭނީ ހާބަލައިފް އިންނެވެ.
"އަހަރެން ވަރަށް ބޮޑަށް ގަބޫލުކުރަން އަހަރެންނަށްވެސް އަދި ކޮންމެ މީހަކަށްވެސް ސިއްހަތަށް ފައިދާ ހުރި ކާނާ ބޭނުން ކުރުމަކީ ވަރަށް މުހިންމު ކަމެއްކަން. އަހަރެން ބޭނުން ހާބަލައިފް ފަދަ ސްޕޯޓްސް ނިއުޓްރިޝަން ފޯރުކޮށްދޭ ކުންފުންޏަކާއެކު އަހަރެން މަސައްކަތްކޮށްގެން އެ ކުންފުންޏަށްވެސް އަދި އަހަންނަށްވެސް ފައިދާތަކެއް ލިބޭ ދުވަހެއް ދެކެން،" ރޮނާލްޑޯ ބުންޏެވެ.
ހާބަލައިފްގެ ސީއީއޯ މައިކަލް އޯ. ޖޯންސަން ބުނީ، ވާދަވެރި ކުޅިވަރުގެ މާހައުލެއް އޮންނަ މިޒަމާނުގައި ކުޅިވަރުކުޅޭ ފަރާތްތައް ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ބޭނުންވާ ސްޕޯޓްސް ނިއުޓްރިޝަން ފޯރުކޮށްދިނުމަކީ އެކުންފުނީގެ ވަރަށްބޮޑު އަމާޒެއް ކަމަށާއި އަދި ކްރިސްޓިއާނޯ ރޮނާލްޑޯފަދަ މަޝްހޫރު ކުޅިވަރު ޝަހުސިއްޔަތަކާއެކު އެކުންފުނިން އެފަދަ އެއްބަސްވުމެއްގެ ދަށުން މަސަކަތް ފެށުމުން ކުންފުނީގެ ވިޔަފާރިއަށްވެސް އިތުރު ކުރިއެރުންތަކެއް ލިބިގެން ދާނޭ ކަމަށް ގަބޫލު ކުރާކަމަށެވެ.
ކުޑަކުދިންނާއި ބޮޑެތިމީހުންނަށްވެސް ރަނގަޅު ނިއުޓްރިޝަން އެއް ފޯރުކޮށް ދިނުމަށްޓަކައި ދުނިޔޭގެ 80 ގައުމެއްގައި މިހާރުވެސް ވަރަށް ވާދަވެރި ކޮށް ހާބަލް ޕްރޮޑަކްޓްސްގެ ވިޔަފާރި ކުރަމުންގެންދާ ހާބަލައިފް ކުންފުންޏަކީ އެމެރިކާގެ ކުންފުންޏެކެވެ.