31 Oct 2010, 07:59
އެމްޑީޕީ ސަރުކާރަށް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ހޯދުނު ކާމިޔާބީތައް, ކުރީގެ ސަރުކާރުގެ 30 އަހަރާ ނުބައްދަލުކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ދެވަނަ ކޮންގްރެސް ނިންމުމުގެ ގޮތުން ދަރުބާރުގޭގައި ރޭ ބޭއްވި ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ ދެ އަހަރު ދުވަހުގެ ތެރޭގައި 27 ރަށުގެ ބަނދަރު ހަދައި ނިމިފައިވާ ކަމަށާއި އިތުރު 11 ރަށެއްގެ ބަނދަރު ހެދުމުގެ މަސައްކަތް މިހާރު ވެސް ހިނގަމުން އަންނަ އިރު ތިން ރަށެއްގެ ބަނދަރު ނޮވެމްބަރު މަހުގެ ތެރޭގައި ފެށޭނެ ކަމަށެވެ.
ރައީސް ވިދާޅުވީ ވޭތުވެ ދިޔަ 30 އަހަރުގެ ވެރިކަމުގައި ރާއްޖޭގައި ޤާއިމްކުރެވިފައި ވަނީ ޖުމްލަ އަށް ރަށުގެ ނަރުދަމާ ކަމަށާއި މި ސަރުކާރުގެ ދެ އަހަރު ދުވަހުގެ ތެރޭގައި 12 ރަށެއްގެ ނަރުދަމާގެ ނިޒާމް ޤާއިމްކޮށް ނިންމައި އިތުރު ފަސް ރަށެއްގެ މަސައްކަތް މިހާރު ހިނގަމުން އަންނަ ކަމަށެވެ.
ނަޝީދު ވިދާޅުވީ ތަރައްގީގެ އެތައް މަޝްރޫއުތަކެއް ރާވާފައިވާ ކަމަށާއި ދެން އެންމެ އަވަހަށް ރާއްޖޭގެ އިގްތިސާދަށް އޭގެ ހެޔޮ އަސަރު ކުރާނެ އެއްތަނަކީ މާލޭ ބައިނަލްއަގުވާމީ ވައިގެ ބަނދަރު ކަމަށެވެ.
"ކުރީގެ ސަރުކާރުން ކޮށްފައިވާ އެއްކަމަކީ ދުނިޔޭގައި ލެއްވިހާ ތަނަކުން އެއާޕޯޓް ޒަމާނީކޮށް ތަރައްގީ ކުރުމުގެ ނަމުގައި އެކި ފަހަރުމަތިން ބޮޑެތި ލޯނުތައް ނެގުން. އަދި ނަގާފައިވާ ލޯނުތަކާ ހުރެ ބޯ ހިކެންނެތް އިރު، އަޅުގަނޑުމެންނާ ހަވާލުވީ މާލޭ ބައިނަލް އަގުވާމީ ބާލިދީ ބަނދަރު. ވިއްސާރަކޮޅެއް އަތުވެއްޖެ ނަމަ މުޅިތަނުގައި އޮންނާނީ ބާލިދީ އަތުރައިފައި. މި ނޮވެމްބަރު މަހު އެއާޕޯޓް ބައިނަލްއަގުވާމީ ކުރުމުގެ މަރުހަލާ ފެށޭނެ. އެކަމުގެ ސަބަބުން ސަރުކާރުން އެންމެ ޑޮލަރަކަށް ވެސް ނުދަރާނެ. ކުރިއަށްވުރެ އެތައްތަނަކުން ދައުލަތަށް ލިބޭ އާމްދަނީ އިތުރުވެ މިހާރަށް ވުރެ ގިނަ ވަޒީފާ އުފެދޭނެ. އަންތަރީސްވާވަރުގެ ތަރައްގީ އެތަނަށް ލިބިގެންދާނެ"
އެމްޑީޕީގެ އެއް ވައުދު ކަމުގައިވާ ބޯހިޔާވަހި ކަމުގެ މަޝްރޫއު އާ ބެހޭ ގޮތުން ރައީސް ނަޝީދު ވިދާޅުވީ، މާލޭގައި އަޅާ ފްލެޓްތަކުގެ ބިންގާ އަންނަ މަހުގެ 10 ވަނަ ދުވަހު އަޅުއްވާނެ ކަމަށެވެ. އަދި ހުޅުމާލޭގައި އަޅާ ފްލެޓްތަކުގެ ބިންގާ ވެސް އަންނަ މަހު 11 ވަނަ ދުވަހު އަޅުއްވާނޭ ކަމަށެވެ.
"އަތްފޯރާ އަގުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ އެމްޑީޕީގެ އެންމެ އަސާސީ އެއް ވައުދު. މި ވައުދުގެދަށުން މާލޭގައި އިމާރާތްކުރަންފަށާ ފްލެޓް އިމާރާތްތަކުން ބަހައްޓާ ފުރަތަމަ ބިންގާ މި ނޮވެންބަރު މަހުގެ 10 ވަނަ ދުވަހު އަޅުގަނޑު އަޅާނަން. ހަމަ އެއާ އެކު ހުޅުމާލޭގައި އިމާރާތްކުރާ އެއްހާސް ހައުސިން ޔުނިޓްގެ ފުރަތަމަ ބިންގާ، ޖެހިގެން އަންނަ ނޮވެމްބަރު މަހުގެ އެގާރަ ވަނަ ދުވަހު ވެސް އަޅާނީ ހަމަ އަޅުގަނޑު. އަދި އަތޮޅުތަކުގައި އިންޑިޔާގެ ކްރެޑިޓް ލައިންގެ އެހީގައި އަޅާ 500 ފްލެޓްގެ ބިންގާ ވެސް އަޅާނީ އަޅުގަނޑު. މިއީ ޕުލެޓް ދޮންބެ،" ނަޝީދު ވިދާޅުވި އެވެ.
މުޅި ރާއްޖޭގެ ތަރައްޤީ އާއި ރައްޔިތުންގެ ހުރިހާ އުންމީދެއް ގުޅިފައިވާ ޕާޓީއަކީ އެމްޑީޕީ ކަމަށާއި އެކަންތައް މަތިން އަބަދު ވެސް ހަނދާންކޮށް ރައްޔިތުންނަށް ޚިދުމަތްކުރުން މަތީ ދެމިތިބެން ޖެހޭނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ. އަދި ތިމާގެ މަޤާމުގެ ހައިބަތުގެ ސަބަބުން ރައްޔިތުންނަށްޓަކައި ކޮށްދޭން ޖެހޭ ޚިދުމަތްތަކުގެ މަތިން ހަނދާން ނުވާ މީހާ އަކީ އެމްޑީޕީގެ ވެސް އަދި މިސަރުކާރުގެ ވެސް މީހެއް ނޫން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. ރައީސްގެ ވާހަކާގައި ރޭ ނިމުނު ކޮންގްރެސްއަކީ ކާމިޔާބު ކޮންގްރެސްއެއްކަން ފާހަގަ ކުރައްވައި، ޕާޓީގެ އިސް ވެރިންނަށާއި ކޮންގްރެސްގެ ބައިވެރިންނަށް މަރުހަބާ ވިދާޅުވި އެވެ.