09 Jun 2013, 14:52
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު ހިންގަން އިންޑިޔާގެ ޖީއެމްއާރު ކުންފުންޏަށް ކުއްޔަށް ދިނުމަށް ދިވެހި ސަރުކާރާ އެކު ވެފައިވާ އެއްބަސްވުން ރޫޅާލުމުގެ ކުރިން އިންޑިއާ ސަރުކާރާ އެކު މަޝްވަރާކުރުމަށް ޕީޕިއެމް ހުށަހެޅި ކަމަށް ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމް ވިދާޅުވެފައިވާ ވާހަކަފުޅު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ދޮގުކުރައްވަފި އެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ. ވަހީދު ވިދާޅުވީ ޖީއެމްއާރު އެއްބަސްވުން ރޫޅާލުމާ ބެހޭ ގޮތުން ކޯލިޝަނުގައި ހިމެނޭ ޕާޓީތަކުގެ ލަފައަކަށް އެދުމުން ޕީޕީއެމް ބުނެފައި ވަނީ އެގްރިމެންޓް ރޫޅާލުމަށް ކަމަށެވެ.
"އަޅުގަނޑު ހުރިހާ ފަރާތްތަކާ އެކު މަޝްވަރާކުރިން. މަޝްވަރާގެ އިތުރުން ކޮންމެ ފަރާތަކުން ވެސް ބޭނުންވާ ގޮތް ލިޔުމުން އަޅުގަނޑު ވާނީ ހޯދާފައި އެއްވެސް ފަރާތަކުން ވިދާޅެއްނުވެ ތިޔަ އެގްރިމެންޓް ބާތިލު ނުކުރާށެކޭ. އަދިތިޔަ އެގްރިމެންޓް ބާތިލުނުކޮށް ވާހަކަ ދައްކައިގެން ހަމަ ޖެއްސޭތޯ ބަލާށެކޭ. އެހެންވީމާ އެ ބޭފުޅުންގެ ލަފާފުޅުގެ މަތިން އެ ފިޔަވަޅު އަޅާފައި އޮތީ،"
ރައީސް ވަހީދު ވިދާޅުވީ ޖީއެމްއާރު އެގްރިމެންޓް ދިވެހި ސަރުކާރުން ބާތިލުކުރީ ކޯލިޝަނުގައި ހިމެނޭ ޕާޓީތަކުގެ މަޝްވަރާގެ މަތިން ކަމަށާއި އެކަން ކޮޮށްފައި ވަނީ އެންމެ ރަނގަޅަށް ކަމަށެވެ.
ނަމަވެސް އިންޑިއާގެ ދަ ހިންދޫ ނޫހަށް ދެއްވި އިންޓަވިއުއެއްގައި މައުމޫނު ވިދާޅުވެފައި އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ހިންގަން އިންޑިއާގެ ޖީއެމްއާރް އިންފްރާސްޓްރަކްޗާ ކުންފުންޏާ ހަވާލުކުރުމަށް ވެފައި އޮތް އެއްްބަސްވުން އުވާލާފައި ވަނީ ހިތްހަމަޖެހޭ ގޮތަކަށް ނޫން ކަމަށެވެ.
"އެއީ ގޯހެއް، ޕާޓީތަކާ އެކަމުގައި މަޝްވަރާ ކުރި ނަމަ އެކަމުގައި ކޮރަޕްޝަން އެކުލެވޭ ކަމަށް އާއްމުން ނުދެކުނީސް. ދެން ވަޑައިގެންނެވި ރައީސް އަރިހު އަޅުގަނޑުމެން ދެންނެވިން ޖީއެމްއާރް ގްރޫޕާއި އިންޑިއާ ސަރުކާރާ މަޝްވަރާ ކޮށްގެން ގަބޫލުކުރެވޭ ފަދަ ހައްލެއް ހޯއްދަވަން. މިނިވަންކަމާ އެކު ނިންމުމެއް ނިންމުމުގެ ފުރުސަތު އޭގެ ފަހުން ސަރުކާރަށް އޮތް. އެހެން ނަަމަވެސް ނަސީބު ދެރަކަމުން އެކަމެއް އެގޮތަކަށް ނުވި، ދެން ކުއްލިއަކަށް އައީ މި އުފާވެރި ނޫން ނިމުން،" ޖީއެމްއާރު އެއްބަސްވުން އުވާލި ގޮތާ މެދު މައުމޫނު ވިދާޅުވި ކަމަށް ދަ ހިންދޫގައިވެ އެވެ.