ޓެކުސް އެޕީލް ޓުރައިބިއުނަލްއިން ކޮންޓްރެކްޓް ހަވާލުކުރުމުގައި ދައުލަތުގެ މާލިއްޔަތު ގަވައިދާ ހިލާފަށް އަމަލުކޮށްފައިވާ ކަމަށް އޮޑިޓާ ޖެނެރަލް އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ.

އޮޑިޓާ ޖެނެރަލް މިއަދު ނެރުއްވާފައިވާ ޓެކްސް އެޕީލް ޓުރައިބިއުނަލްގެ 2012 ވަނަ އަހަރުގެ އޮޑިޓް ރިޕޯތްގައި ބުނެފައި ވަނީ އެ ޓުރައިބިއުނަލްގެ ބޭނުމަކަށް ކޭސް މެނޭޖުމަންޓް ސިސްޓަމެއް ހެދުމުގެ މަސައްކަތް ހަވާލުކުރާނެ ފަރާތެއް ހޯދެއްވުމަށް ކުރެވުނު އިއުލާނާ ގުޅިގެން އެކަމަށް ކުރިމަތިލި ފަރާތްތަކަށް ޕޮއިންޓް ދީފައި ވަނީ ހަމަހަމަ އުސޫލަކުން ނޫން ކަމަށެވެ.

"ޕޮއިންޓް ދެއްވާ އުސޫލަށް ބިނާކޮށް އެންމެ މަތިން ޕޮއިންޓް ލިބިލައްވަނީ 40،000 ރުފިޔާ އަގު ހުށަހަލުއްވާފައިވާ މެކްރޯ މޯޑް ޕުރައިވެޓް ލިމިޓެޑް އަށް. ނަމަވެސް ކޮންޓްރެކްޓް ހަވާލުކުރައްވާފައި ވަނީ 110،000ރ. އަށް ކްރިސް ޕްރައިވެޓް ލިމިޓެޑް އަށް،" އެ އޮޑިޓް ރިޕޯޓްގައި ބުނެފައިވެ އެވެ.

އެ މައްސަލާގައި އޮޑިޓާ ޖެނެރަލް ލަފާއަރުވާފައި ވަނީ އެކަމުގައި އިހުމާލުވާ ފަރާތްތައް ޒިންމާދާރުކުރުވައި އެފަރާތްތަކާ މެދު ގާނޫނީ ގޮތުން ފިޔަވަޅު އެރުމަށެވެ.

އެ އޮޑިޓް ރިޕޯޓްގައި އިތުރަށް ބުނެފައި ވަނީ 2012 ވަނަ އަހަރު ޓެކުސް އެޕީލް ޓުރައިބިއުނަލްގެ މައިގަނޑު ގޮތަކަށް ހަރަދުތައް ކޮށްފައި ވަނީ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓާ އެއްގޮތަށް ބަޖެޓުގެ މަގުސަދު ހާސިލްވާ ގޮތަށް ކަމަށެވެ.