ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީޒްގައި ވާދަކުރެއްވި އުމަރު ނަސީރަށް ކެމްޕެއިންކޮށްދިން ޓީމްގެ މެމްބަރުންތަކެއް ރޭ ޖުމްހޫރީ ޕާޓީ އަށް ސޮއުކޮށްފި އެވެ.

ޖުމްހޫރީ ޕާޓީގެ ޖަގަހައިގައި ރޭ ބޭއްވި ޖަލްސާގައި އެ ޕާޓީ އަށް ސޮއިކުރި މެމްބަރުންގެ ތެރޭގައި ހިމެނޭ ޕީޕީއެމްގެ އަންހެނުންގެ ހަރަކާތުގެ ކައުންސިލްގެ މެމްބަރު އަދި އެ ޕާޓީގެ ހެންވޭރު ގޮފީގެ މެމްބަރު އަނީސާ ސައީދު ސަންއާ ވާހަކަ ދައްކަވަމުން މިއަދު ވިދާޅުވީ އޭނާއަކީ ޕީޕީއެމް އުފެދުނީއްސުރެ އެ ޕާޓީ ކުރިއެރުވުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެއް ކަމަށެވެ. ނަމަވެސް އޭނާ އެ ޕާޓީން ވަކިވެ ޖުމްޖޫރީ ޕާޓީއާ ގުޅިވަޑައިގަތީ ޕީޕީއެމް އަށް ކޮށްދޭ މަސައްކަތުގެ އަގު ޕީޕީއެމުން ވަޒަން ނުކުރާތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަނީސާއާ އެކު ރޭ ޖުމްހޫރީ ޕާޓީ އަށް ގުޅުނު މެމްބަރުންގެ ސީދާ އަދަަދެެއް އޭނާ ވިދާޅެއް ނުވެ އެވެ. ނަމަވެސް ރޭ އެ ޕާޓީ އަށް ސޮެއި ކުރި މީހުންގެ ބޮޑުބަޔަކީ ޕީޕީއެމަށް ނިސްބަތްވާ މެމްބަރުން ކަމަށާއި އޭގެ ތެރޭގައި އުމަރު ނަސީރަށް ތާއީދުކުރި ފަރާތްތައް ހިމެނޭ ކަމަށް ވިދާޅުވި އެވެ.

"ޑީއާރުޕީން ފެށިގެން ޕީޕީއެމް އުފެދުމާ ހަމައަށް ވެސް އަޅުގަނޑަކީ ޕީޕީއެމަށް ވަރަށް ބުރަކޮށް މަސައްކަތް ކުރި މީހެއް ޕާޓީ ކުރިއަރުވަން. ރޭ ޖުމްހޫރީ ޕާޓީ އަށް ސޮއިކުރި މީހުންގެ ތެރޭގައި ޕީޕީއެމްގައި އުމަރަށް ތާއީދުކުރައްވާ ގިނަ ބަޔަކު ހިމެނިގެން ދިޔަ ކަމަކީ ހަމަ އިއްތިފާގެއް. އަޅުގަނޑުމެން ވާހަކަތަކެއް ދެކެވިގެންނެއް ނޫން އެގޮތަށް ނިންމީއަކީއެއް،" އުމަރުގެ ކެމްޕެއިން ޓީމްގައި އިސްކޮށް އުޅުއްވި އަނީސާ ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީން ރޭ ބޭއްވި އެ ޖަލްސާގައި އެ ޕާޓީ އަށް ތިން ކައުންސިލަރަކު ވެސް ވަނީ ސޮއިކޮށްފަ އެވެ. އޭގެތެރޭގައި ޑީއާރުޕީގެ ދެ ކައުންސިލަރަކު ހިމެނިވަޑައިގެންނަވަ އެވެ.