މެލޭޝިޔާގެ ނެކްސްބިޒް ލިމިޑެޓުން ދިވެހި ދައުލަތަށް ހިލޭ ފޯރުކޮށްދޭނެ ކަމަށް ހުށަހަޅާފައިވާ 29 ސްކޯލާޝިޕާއި 200،000 އައިޑީކާޑުގެ ބައި ކޮންސެޝަން އެގްރީމެޓްގައި ހިމަނާފައި ނުވާ ކަމަށް ބުނެ ކުރީގެ ކޮންޓްރޯލަރު އިލްޔާސް ހުސައިން އިބްރާހީމްގެ މައްޗަށް ދައުވާ ނުކުރެވޭނެ ކަމަށް އޭނާގެ ދިފާއީ ވަކީލު ވިދާޅުވެއްޖެ އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި އިލްޔާސްގެ ދިފާއީ ވަކީލު އިސްމާއީލް ވިޝާމް ވިދާޅުވީ ބޯޑާ ކޮންޓްރޯލްގެ ޕްރޮޖެކްޓް ކާމިޔާބު ކުރެވިއްޖެނަމަ 29 ސްކޯލާޝިޕާއި 200،000 އައިޑީކާޑު ހިލޭ ފޯރުކޮށްދޭނެ ކަމަށް ނެކްސްބިޒުން ހުށަހެޅި ޕްރޮޕޯސަލްގައި ބުނެފައިވާ ކަމަށެވެ.

އެ ޕްރޮޕޯސަލްގައި ބުނެފައިވާ ކަންތައްތަކަކީ އެގްރީމެންޓުގައި ހިމެނޭނެ ކަންތައްތަކެއް ކަމަށް އެގްރީމެންޓުގައި ބުނެފައިވާ ކަމަށާއި އެހެންކަމުން އެގްރީމެންޓުގައި އެބައި ނުހިމަނާ ކަމަށް ބުނެ އިލްޔާސްގެ މައްޗަށް ދައުވާ ނުކުރެވޭނެ ކަމަށް ވެސް ވިޝާމް ވިދާޅުވި އެވެ.

"އެ އެއްޗެހިތަކަކީ މިހަރުވެސް އެއްބަސްވުމުގެ ތަރަހައިގެ ތެރޭގައި ހިމެނޭ ކަމެއް. އެހެންވީމަ އެ ނުހިމަނައިގެން ދައުވާ ނުކުރެވޭނެ،" ވިޝާމް ވިދާޅުވި އެވެ.

ދައުލަތުގެ ވަކީލާ ވިދާޅުވީ އިލްޔާސްގެ މައްޗަށް ކޮށްފައިވާ ދައުވާ ވަރަށް ސާފު ކަމަށާއި އެ ދައުވާ ކޮށްފައި ވަނީ ނެކްސްބިޒުން ހުށަހެޅި 29 ސްކޯލާޝިޕާއި 200،000 އައިޑީކާޑުގެ ބައި އެގްރީމެންޓުގައި ސޮއިކުރި އިރު އޭގައި ހިމަނާފައި ނުވާތީ ކަމަށެވެ.

އެކަމަކީ އިލްޔާސް އޭރު ހުންނެވި މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން ކުރެއްވި ކަމެއްގެ ގޮތުގައި ދައުލަތުން ދެކޭ ކަމަށް ވެސް ދައުލަތުގެ ވަކީލާ ވިދާޅުވި އެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ދައުލަތުންނާއި އިލްޔާސްގެ ފަރާތުން ވެސް ވަނީ އެ މައްސަލައިގައި ހުށަހަޅަން ބޭނުންވާ ހެކި ހުށަހަޅާފަ އެވެ.

ޝަރީއަތުގެ މަޖިލީސް ނިންމަވާލައްވަމުން އިސް ގާޒީ އަބްދުﷲ މުހައްމަދު ވިދާޅުވީ ދެން އޮންނަ ޝަރީއަތުގެ މަޖިލީހެއްގައި އޮންނާނީ ހެކީންގެ ހެކިބަސް ނެގުން ކަމަށެވެ.

މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން ނާޖައިޒް ފައިދާ ހޯއްދަވައިދެއްވި ކަމުގެ ދައުވާ އިލްޔާސްގެ މައްޗަށް ކޮށްފައި ވަނީ ކޮރަޕްޝަން ހުއްޓުވުމާ މަނާކުރުމާ ބެހޭ ގާނޫނުގެ 12 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ މާއްދާގެ (ށ)ގެ ދަށުންނެވެ.