09 Jun 2013, 13:38
އެމެރިކާ އިން ރާއްޖެ އަށް ހުށަހަޅާފައިވާ އެމެރިކާ ސިފައިންނަށް އެއްބާރުލުމާއި އެހީތެރިކަން ދިނުމާ ބެހޭ އެއްބަސްވުން، ސްޓޭޓަސް އޮފް ފޯސަސް އެގްރީމަންޓް (ސޯފާ)ގެ ޑްރާފްޓަކީ އެމެރިކާ އިން މިހާރު ހުށަހަޅާފައިވާ ގޮތަށް ދިވެހި ސަރުކާރަށް ސޮއި ކުރެވޭނެ އެއްބަސްވުމެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ. ވަހީދު ވިދާޅުވީ އެމެރިކާ އިން ރާއްޖެ އަށް ހުށަހަޅާފައިވާ ސޯފާ އެއްބަސްވުމުގެ ޑްރާފްޓަކީ މިހާރު އޮތް ގޮތަށް ސޮއި ކުރެވޭނެ އެއްޗެއް ކަމަށް ނުފެންނާތީ އެކަމާ ގުޅޭ އެއްވެސް ވާހަކައެއް އެމެރިކާ އާއި ރާއްޖެ އާ ދެމެދު ދެކެމުން ނުދާ ކަމަށެވެ.
"ވާނެގޮތަކީ ކޮންމެ ބަޔަކު ވެސް އެބަޔަކު ބޭނުންވާ ކަމެއް ހިމަނާނެ. އެއީ ކޮންމެހެން އަޅުގަނޑުމެނަށް ގަބޫލުކުރަން ޖެހޭ ކަންކަމެއް ނޫން. އެހެންވީމާ މި ވަގުތު އަދި އެ އެގްރިމެންޓައިގެން ކުރިއަށްދާކަށް ގަސްތުކުރެވިފައެއް ނެތް. އަދި އެކަމާ ގުޅޭ ވާހަކަތަކެއް އެމެރިކާއާ ދެމެދު ދެކެވެމުން ވެސް ނުދޭ،"
ސޯފާ އެގްރިމެންޓާ ބެހޭ ގޮތުން މައުލޫމާތު ހޯދުމަށް މިދިޔަ ހަފްތާގައި ބޭއްވި ރައްޔިތުން މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ ކޮމެޓީގައި ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ވިދާޅުވެފައި ވަނީ އެމެރިކާ އިން ރާއްޖެ އަށް ހުށަހަޅާފައިވާ އެގްރިމެންޓް ކަމަށްބުނެ ޝޯސަލް މީޑިއާތެރޭގައި ދައުރުވަމުންދާ އެގްރިމެންޓަކީ އަސްލު އެއްޗެއް ނޫން ކަމަށެވެ. އަދި ސޯފާ އެގްރިމެންޓް ރާއްޖެ އިން ސޮއި ކުރުމަށްއަދި ނިންމާފައިނުވާ ކަމަށެވެ.