ރެއާލް މެޑްރިޑްގެ ކުރީގެ ކޯޗު ހޯސޭ މޮރީނިއޯ ހަތަރު އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގެ ދަށުން އަލުން އެނބުރި ޗެލްސީއާ ގުޅުމުން އުފާވާ ކަމަށާއި މޮރީނިއޯ އާއި އެކު ޗެލްސީއަށް ގިނަ ގުނަ ކާމިޔާބީތައް ހޯދޭނެ ކަމަށް ޗެލްސީގެ ސްޕެއިން ފޯވާޑް ފެނާންޑޯ ޓޮރޭޒް ބުނެފި އެވެ.

ލިވަރޕޫލް އިން ފަންސާސް މިލިޔަން ޕައުންޑަށް 2011 ވަނަ އަހަރު ޗެލްސީއާއި ގުޅުނު ޓޮރޭޒް ބުނީ މޮރީނިއޯ އަކީ މޮޅު ކޯޗެއް ކަމަށާއި މޮރީނިއޯ އާއި އެކު ޗެލްސީއަށް ކާމިޔާބީތައް ހޯދާދިނުމުގައި ހުންނާން ކަމަށެވެ. އަދި ބައެއް މީޑިއާތަކުގައި ޗެލްސީ ދޫކޮށް ދާން އުޅޭ ކަމަށް ފެތުރިފައިވާ ވަހަކަތަކަކީ ހަގީގަތާ ހިލާފް ވާހަކަތަކެއް ކަމަށް ޓޮރޭޒް ބުންޏެވެ.

"ޗެލްސީ ދޫކޮށްލަން އުޅޭކަމަށް ދެކެވޭ ވާހަކައަކީ ހަގީގަތް ނެތް ވާހަކައެއް. ޗެލްސީގައި ހުރީ އުފަލުން. އަހަރެން މިހިރީ އާކޯޗް މޮރީނިއޯ އާއި އެކު ޗެލްސީއަށް ކާމިޔާބީތައް ހޯދަދޭން ތައްޔާރަށް،" ޓޮރޭޒް ބުންޏެވެ.

ޗެލްސީ އަށް 82 މެޗް މިހާތަނަށް ކުޅެދީފައިވާ ޓޮރޭޒް ބުނީ ޗެލްސީއާ އެކު ހަދާފައިވާ ފަސް އަހަރު ދުވަހުގެ އެގްރިމަންޓެއް ކަމަށާއި އެގޮތުން އެ އެގްރިމަންޓާ ހިލާފް ވާން ބޭނުން ނުވާ ކަމަށެވެ.

"ކޮންޓްރެކްޓްގެ މުއްދަތު ހަމަވަންދެން ޗެލްސީގައި ހުންނާނަން. އަހަރެން ޗެލްސީއާ އެކު ކޮންޓުރެކްޓު ހަދާފައި ވަނީ ފަސް އަހަރަށް." މިދިޔަ ސީޒަނުގައި ޗެލްސީއަށް 22 ގޯލް ކާމިޔާބުކޮށްދިން ޓޮރޭޒް ބުންޏެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ޗެލްސީން އަންނަނީ ޓޮރޭޒް އިޓަލީގެ ނަޕޯލީއަން ދިނުމަށް ކަމަށާއި އެގޮތުން ޗެލްސީ އަށް ގެންނާން ނިންމާފައި ވަނީ ނަޕޯލީގެ އުރުގުއާއީ ފޯވަޑް އެޑިންސަން ކަވާނީ ކަމަށެވެ. އަދި ޗެލްސީން މިހާރު ވަނީ ކަވާނީއަށް 49.3 މިލިޔަން ޕައުންޑުގެ ފީއެއް ހުށަހަޅައިފައި ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ. އެހެން ނަމަވެސް ޗެލްސީން ޓޮރޭޒް ނަޕޯލީއަށް ނިދުމާ ބެހޭގޮތުން ރަސްމީ ބަހެއް އަދި ބުނެފައެއް ނުވެ އެވެ.