ދިރާގު ރީލޯޑް ހިދުމަތާއި ވަތަނިއްޔާ އިން ދެމުންގެންދާ ރާސްޓަސްގެ ހިދުމަތް ހޯދުމަށް ބައެއް ފަރާތްތަކުން ފިހާރަތަކަށް ގުޅައި އޮޅުވާލަމުން ގެންދާ ކަމުގެ މައްސަލަ މިފަހަކަށް އައިސް އިތުރުވަމުން ގެންދާތީ އެކަމަށް އާއްމުން ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ.

ފުލުހުން މިއަދު އާއްމުކޮށްފައިވާ ބަޔާނެއްގައި ބުނެފައި ވަނީ މިފަހަކަށް އައިސް ފޯނުމެދުވެރިކޮށް ފިހާރަތަކަށް ގުޅައި ރިޗާޖް ކުރުމަށް ފަހު ފައިސާ ނުދައްކައި ބައެއް ފަރާތްތަކަށް އޮޅުވާލާކަމުގެ ޝަކުވާ ހުށަހަޅަމުން ގެންދާ މިންވަރު އިތުރުވެފައިވާ ކަމަށާއި މީގެ ކުރިން ވެސް އެފަދަ މައްސަތަކަށް ދިމާވެފައިވާތީ އެކަމަށް އާއްމުންގެ ސަމާލު ކަމަށް ގެނެސްފައިވާނެ ކަމަށެވެ.

"ފޯނު މެދުވެރިކޮށް ރީލޯޑް ކުރުމަށާއި ރާސްޓަސް އެޅުމަށް ގުޅާލައި ވަރަށް އަވަހަށް ފައިސާ ހިފައިގެން ދާނެ ކަމަށް ބުނެ ފިހާރަތަކުގައި ތިބޭ މީހުންނަށް ދަނީ އޮޅުވާލަމުންނެވެ. މިގޮތުން ހުށަހެޅިފައިވާ މައްސަލަތަކަށް ބަލާ އިރު ބައެއް ފަހަރު މަސްހިފައިގެން ރަށްރަށަށް ދަތުރުކުރަމުން ދާތީ އެކިއެކި ފަރާތްތަކަށް ގުޅަން ޖެހޭތީ ރީލޯޑް ކޮށްދިނުމަށް ނުވަތަ ރާސްޓަސް ފޮނުވައި ދިނުމަށް އެދުމާއި، ވަރަށް އަވަދިނެތި އުޅޭތީ ނުދެވުނީ ކަމަށް ބުނެ މީހާގެ އަސްލު އޮޅުވާލައި ނުބައި މައުލޫމާތުދީ ބޮޑެތި އަދަދުތަކުން ފައިސާ އެޅުން ފަދަ މައްސަލަތައް ހިމެނެ އެވެ،" އެ ބަޔާނުގައިވެ އެވެ.

ފުލުހުން ބުނީ އެފަދަ ބައެއް މުއާމަލާތްތަކުގައި 4،000 އާއި 3،000 ރުފިޔާގެ އަދަދުތަކުން ފައިސާ ޖަމާކޮށްފައިވާ މައްސަލަތައް ހިމެނޭ ކަމަށެވެ.

އާއްމު ފަރާތްތަކަށް އޮޅުވާލައިގެން މިފަދަ ކުށްތައް ކުރާ ފަރާތްތައް ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު އާއްމުންގެ ފުރިހަމަ އެހީތެރިކަން ފުލުހުންނަށް ދިނުމަށް ވެސް ވަނީ އެދިފަ އެވެ. އަދި އެފަދަ މައްސަލަތައް ދިމާވުމުން ވީއެންމެ އަވަހަކަށް އެކަމުގެ މައުލޫމާތު ފުލުހުންނަށް ހުށަހެޅުމަށް ވެސް އެދިފައިވެ އެވެ.