31 Oct 2010, 07:33
މަސްތުވާތަކެތިން ރާއްޖެ ސަލާމަތް ކުރުމަށްޓަކައި ޔޫރަޕިއަން ޔޫނިއަންގެ ފަރާތުން ޔޫއެންއޯޑީސީ މެދުވެރިކޮށް ދެ މިލިއަން ޑޮލަރުގެ އެހީއެއް ލިބިފައިވާ ކަމަށް ނައިބު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.
ޖަމިއްޔާތަކަށް ޚާއްސަ ކޮށްގެން މިއަދުން ފެށިގެން ދެ ދުވަހުގެ ނިޔަލަށް ޔޫއެންޑީޕީ މާލޭ އޮފީހުގައި ކުރިއަށް ގެންދާ ޕްރޮޕޯސަލް ޑިވެލޮޕްމަންޓް ވޯކްޝޮޕް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ މަސްތުވާތަކެތިން ސަލާމަތް ވުމަށްޓަކައި ހެދިފައިވާ މަޝްރޫޢުތައް ވަނީ ހަދައި ނިމިފައި ކަމަށާއި ރާވަން ޖެހޭ މަޝްރޫޢުތައް ވެސް ވަނީ ރާވާ ނިމިފައި ކަމަށެވެ. އަދި އެކަންކަން ކުރުމަށް ބޭނުންވާ ފައިސާ ސަރުކާރުން ކުރި މަސައްކަތުން ވަނީ ލިބިފައި ކަމަށާއި އަދި އެ ފައިސާ ކުރިއަށް އޮތް 14 މަސް ދުވަހުގެ ތެރޭގައި ޚަރަދު ކުރަން ޖެހޭނެ ކަމަށް ވެސް ނައިބު ރައީސް ވިދާޅުވި އެވެ.
ވިލިމާލޭގައި ހަދާފައިވާ ޑިޓޮކްސް ސެންޓަރުތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ އެ ސެންޓަރުގެ ބޭނުން އެކަށީގެންވާ ގޮތެއްގައި ގިނަ ބަޔަކު ބޭނުން ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އެތަނަށް ވަނީ ޖާގައިގެ ދަތިކަން ކުރިމަތިވެފައި ކަމަށާއި އެކަމަށް ހައްލެއް ހޯދަން ޖެހިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. އަދި އަންހެނުނަށް ޚާއްސަ ކޮށްގެން ޑިޓޮކްސް ސެންޓަރެއް ހެދުމުގެ މުހިންމު ކަމުގެ މައްޗަށް ވެސް ނައިބު ރަޢީސްގެ ވާހަކަ ފުޅުގައި އަލިއަޅުވާ ލެއްވެވި އެވެ. އަދި އައްޑު އަތޮޅުގައި އަޅާފައިވާ ޑިޓޮކްސް ސެންޓަރުގައި އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކުރެވެމުން ނުދާ ކަން ފާހަގަ ކުރެއްވެވި އެވެ.
ނައިބު ރައީސް ވިދާޅުވީ ރާއްޖޭގައި މިވަގުތު މަސްތުވާތަކެތީގެ ހަލާތު ހުރި ގޮތް ދެނެގަތުމުގެ ސާވޭއެއް ވަރަށް އަވަހަށް ފައްޓަވާނެ ކަމަށެވެ.
މަޖިލީހަށް ލާފައިވާ މަސްތުވާތަކެތީގެ ބިލް ވެސް އަވަހަށް ފާސްކޮށް މި އަހަރު އަމަލު ކުރައްވަން ފެއްޓެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައި ވިދާޅުވި އެވެ.
މިއަދު އޮތް ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރުގެ ނައިބު މާރިޔާ އަލީ ވިދާޅުވީ އަވަސް މުސްތަގުބަލެއްގައި މަސްތުވާތަކެއްޗާއި ބެހޭ ގައުމީ ފެންވަރުގެ ދިރާސާއެއް ހެދުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.